Advertisement

އަމާން ދޭ ރަޝިއާ ސިފައިންނާ މެދު އިންސާފުވެރި ވާނަން: ޒެލެންސްކީ

26 ސެޕްޓެންބަރު 2022 - 06:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަމާން ދޭ ރަޝިއާ ސިފައިންނާ މެދު އިންސާފުވެރި ވާނަން: ޒެލެންސްކީ

26 ސެޕްޓެންބަރު 2022 - 06:24 0

އަމާން ދޭ ރަޝިއާ ސިފައިންނާ މެދު އަމަލު ކުރާނީ އިންސާފުވެރިކޮށް ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ދެއްވި ހިތާބުގައި ޒެލެންސްކީ ރަޝިއާގެ ސިފައިންނަަށް ގޮވާލެއްވީ ހަނގުރާމައިގެ މައިދާނުން ފިލުމަށް ނުވަތަ އަމާން ދިނުމަށެވެ.

ހަނގުރާމައިގެ މައިދާނުން ފިލައި އަދި އަމުރަށް ނުކިޔަމަންތެރިވާ ސިފައިންނަށް ދޭ އަދަބު ދެ ގުނަ އިތުރު ކުރަން ގާނޫނެއްގައި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ދާދި ފަހުން ސޮއިކުރެއްވި އެވެ.

ރަޝިއާގެ ރިޒާވް ފައުޖުން 300،000 މީހުން ހަނގުރާމައިގެ މައިދާނަށް ނެރެން ނިންމުމުން އެ ގަައުމުގެ އެކި ސިޓީތަކުގައި އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

ހޮނިހިރު ދުވަހު އެކަނިވެސް 700 މީހުން ހައްޔަރު ކުރި އިރު، ފާއިތުވި ހަފުތާގަައި 1،000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.

ރަޝިއާ ބަހުން ދެއްވި ހިތާބުގައި ޒެލެންސްކީ ރަަޝިއާގެ ސިފައިންނަށް ގޮވާލެއްވީ ހަނގުރާމަ ނިމުމުން ކުށްވެރިވުމުގެ ބަދަލުގައި މިހާރު އަމާން ދިނުމަށެވެ.

އަމާން ދޭ ސިފައިންނާ މެދު ޔޫކްރެއިނުން އަމަަލު ކުރާނީ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް ކަމަށާއި އަދަބެއް ލިބޭނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ރަޝިއާއާ ހަވާލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހަތިޔާރުން ދޭ ހަމަލާތަކުގައި މަރުވުމުގެ ބަދަލުގައި ޔޫކްރެއިން ފައުޖަށް އަމާން ދިނުން މާ ބޮޑަށް ވެސް ރަނގަޅު،" ޒެލެންސްކީ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ޕުޓިން ސޮއިކުރެއްވި ގާނޫނުގެ ދަށުން ހަނގުރާމައިގެ މައިދާން ދޫކޮށް ދާ، ހަނގުރާމަ ކުރަން ދެކޮޅު ހަދައި، އަމުރަށް ނުކިޔަމަންތެރިވާ އަދި އަމާން ދޭ ސިފައިން 10 އަހަރަށް ޖަލަށް ލާނެ އެވެ.

ފާއިތުވި ހަފްތާގައި ހަަނގުރާމައާ ގުޅުން ހުރި ގިނަ ނިންމުންތަކެއް ރަޝިއާގައި ނިންމީ މި މަހުގެ ތެރޭގައި ޔޫކްރެއިނުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ވަނިކޮށެވެ.

ރިޒާވް ފައުޖު ނެރުމާއި، އަމާން ދޭ ސިފައިންނަށް އަދަބު ބޮޑު ކުރުމުގެ އިތުރުން، ރަޝިއާއިން ކޮންޓްރޯލް ކުރާ ޔޫކްރެއިންގެ ހަތަރު ތަނެއް ރަޝިއާގެ ދަށަަށް ގެންދަން ފެންނަ ނުފެންނަ ވޯޓު ނަގަން ވެސް ނިންމި އެވެ.

އެ ސަރަހައްދުތަކަކީ ލުހާންސް، ޑޮނެސްކް، ހާސަން އަދި ޒަޕޮރިއްޒިޒިއާ އެވެ. ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތަކުން ބުނީ އެއީ ޑިމޮކްރެޓިކް އުސޫލްތަކާ ހިލާފު ވޯޓެއް ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ވިދާޅުވީ އެ ގައުމާ ގުޅެން ނިންމަައިފި ނަމަ އެ ސަރަހައްދުތަކަށް ރަޝިއާގެ ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި ހިނގާނީ ވެސް ރަޝިއާގެ ގާނޫނާއި ވިސްނުންތައް ކަމަށެވެ.

އެފަދަ ވޯޓެއްގެ ދަށުން އެ ތަންތަން ރަޝިއާގެ ދަށަށް ގެންދިޔަ ނަމަވެސް، ބައިނަލްއަގްވާމީ މުޖުތަމައިން އެކަން ބަލައިނުގަންނާނެ އެވެ. އެހެން ނަމަވެސް، ޔޫކްރެއިނުން ރަޝިއާގެ ބިމަށް ހަމަލާދޭ ކަމަށް ބުނެ، ޔޫކްރެއިންގެ އިތުރު ސަރަހައްދުތަކަށް ހަނގުރާމަަ ފެތުރުމުގެ ފުރުސަތު އޭރުން އޮންނާނެ އެވެ.

ރިޒާވް ފައުޖު ނެރެން ނިންމުމުން، ރަޝިއާ ދޫކޮށް ދާން ގިނަ ބަޔަކު މަސައްކަތް ފެށި އެވެ. އެހެންވެ، އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާއިން ވަނީ ރަޝިއާ ރައްޔިތުންނަށް ބޯޑަރު ބަންދުކޮށްފަ އެވެ.