Advertisement

ފުލުހުން ބިދޭސީއަކަށް އަނިޔާކުރި ކަމަށް ބުނެ ހިންގި ތަހުގީގު ބާތިލް: ސުޕްރީމް ކޯޓު

25 ސެޕްޓެންބަރު 2022 - 13:42 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓު؛ ފުލުހުން ބިދޭސީއަކަށް އަނިޔާކުރި ކަމަށް ބުނެ ހިންގި މައްސަލައިގެ ތަހުގީގު ގޯސް ކަމަށް ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ފުލުހުން ބިދޭސީއަކަށް އަނިޔާކުރި ކަމަށް ބުނެ ހިންގި ތަހުގީގު ބާތިލް: ސުޕްރީމް ކޯޓު

25 ސެޕްޓެންބަރު 2022 - 13:42 1

މާފަންނު އުޖާލާގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ބިދޭސީއަކަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ އަށް ފުލުހަކު އަނިޔާ ކުރި މައްސަލާގައި ހިންގާފައިވާ ތަހުގީގު ގޯސް ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.

ޖުލައި 5، 2019 ގައި ފުލުހުންގެ ޑީއީޑީން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު އެ ގެއަށް މަސްތުވާތަކެއްޗާއެކު އައި ބަންގްލަދޭޝް މީހަކަށް އަނިޔާކުރުމަށް ފަހު ހައްޔަރުކުރި އެވެ. އޭގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، ތުހުމަތު ކުރެވޭ 11 ފުލުހަކަށް ދައުވާ ކުރަން ފޮނުވި އެވެ. ނަމަވެސް ހުރި ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އެއިން އަށް ފުލުހަކަށް ދައުވާ ކުރުމަށެވެ.

މި މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، ދައުވާ ކޮށްފައިވާ ފުލުހުންގެ ފަރާތުން ވަނީ އެ ފުލުހުންގެ މައްޗަށް ދިވެހި ފުލުުހުންގެ ހިދުމަތުން ހިންގާފައިވާ ތަހުގީގު ރަނގަޅު ނޫން ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅައިފަ އެވެ.

އެގޮތަށް ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހިލާފަށް ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.

އެ މާއްދާގައި އޮންނަނީ ގާނޫނު ތަންފީޒުކުރާ އެއް އިދާރާއިން ތަހުގީގުކުރަމުންދާ ކުށަކީ އެހެން އިދާރާއަކުން ތަހުގީގުކުރުމުގެ ބާރު ލިބިދޭ ބާވަތުގެ ކުށެއްނަމަ، އެ ކުށެއްގެ ތަހުގީގު ގެންދަންވާނީ ދެ އިދާރާ ގުޅިގެން، ނުވަތަ ހާއްސަ ބާރު ލިބޭ އިދާރާއިން ކަމަށެވެ.

މިއީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހިންގި އަމަލަކާ ގުޅޭ ތުހުމަތެއް ކަމަށް ވާތީ މި މައްސަލަ ބެލުމުގެ ބާރު ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ލިބެ އެވެ. ނަމަވެސް ފުލުހުން މި މައްސަލައިގެ ތަހުގީގު ހިންގީ އެއިން އެއްވެސް އިދާރާއެއް ބައިވެރިކުރުމެއް ނެތި އެވެ.

ކްރިމިނަލް ކޯޓުން ދިފާއުގެ އެ ހުށަހެޅުން ބަލައިގެންފައި ނެތް އިރު، ހައި ކޯޓުން ވަނީ އެ ހުށަހެޅުމާ އެއްކޮޅަށް ހުކުމްކޮށްފަ އެވެ. ހައި ކޯޓުގެ އެ ހުކުމަށް އެންމެ މަތީ މަރުހަލާގެ ކޯޓުން ތާއީދު ކުރެއްވީ، އެ ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫނާއި، ދެން ތިއްބެވި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވެސް އިއްތިފާގު ވަނީ ފުލުހަކު ޖިނާއީ ކުށެއް ކުރި ކަމަށް ބުނާ މައްސަލަ ބަލަން ކޮމިޝަންގެ ގާނޫނުގައި ވެސް އޮންނާތީ ބައިވެރިކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ބައިވެރިކޮށްފައި ނުވާތީ މައްސަލައިގެ ތަހުގީގު ބާތިލް ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.