Advertisement

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

24 ސެޕްޓެންބަރު 2022 - 21:09 0


މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

24 ސެޕްޓެންބަރު 2022 - 21:09 0

ފަނޑިޔާރުންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީނު ޕްރޮގްރާމުގެ 10 ވަނަ ބުރު މިއަދު ފަށައިފި އެވެ.

ޅ، ވ، މ. އަދި ދ. އަތޮޅުގެ ޖުޑީޝަރީގެ މުވައްޒަފުންނަށް ކުރިއަށްގެންދާ މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު މުއުތަސިމް އަދުނާން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނާ އެކު މައްސަލަތައް އަވަހަށް ނިންމުމުގެ ގޮތް ފަހިވެފައިވާ ކަމަށެވެ. އަދި، މިފަދަ ތަމްރީނުތަކުގައި ހިޔާލު ބަދަލުކޮށް އުފެންދުންތެރި މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި 47 ޝަރުއީ ދާއިރާގެ ހަރަކާތްތެރިން ބައިވެރިވާއިރު އޭގެ ތެރޭގައި މެޖިސްޓްރޭޓުންނާއި، ޗީފް އެޑްމިނިސްޓްރޭޓަރުން، ލީގަލް އޮފިސަރުން އަދި އިދާރީ މުވައްޒަފުން ހިމެނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު މުހައްމަދު އިބްރާހިމްގެ އިތުރުން، ސިވިލް ކޯޓުގެ ގާޒީ އަބްދުލްމަތީން އަދި އެ ކޯޓުގެ ކުރީގެ ގާޒީ އަބްދުއްސަލާމް އަލީ އާއި ލީގަލް އޮފިސަރު އައިމިނަތު ހައިފާ މި ޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ހުލާސާ އާއި އެ ގާނޫނަށް އަލަށް ތައާރަފު ކުރެވުނު ހަމަތަކާއި ބަދަލުތަކާ ގުޅޭ ގޮތުން ކަމަށް ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މައުލޫމާތު ދެ އެވެ.

ހަމައެހެންމެ، މަދަނީ މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމުން ފެށިގެން ޝަރީއަތުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި، ރައްދު ދައުވާ އާއި އިތުރު ދައުވާ އަދި ޢައިރު ހާޒިރުގައި ހުކުމް ކުރުމާއި ގުޅޭގޮތުން މި ޕްރޮގްރާމްގައި މައުލޫމާތު ދޭނެ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.

އޭގެ އިތުރުން ކޯޓު އަމުރާއި ވަގުތީ އަމުރު ނެރުމާއި އަދި އިހުތިލާފެއްނުވާ ބާވަތުގެ މައްސަލަތައް ހިންގާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީ، އަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައް ކިޔައިދޭ ކަމަށް ވެސް ޑީޖޭއޭ އިން ބުނެ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ، ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކޮށްދޭ، މަދަނީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލި މުހިންމު ގާނޫނެކެވެ.