Advertisement

ރަށު ނޯޓު: ކުޑަ ރަށެއްގެ ބޮޑެތި ވާހަކަތައް ފެލިދޫން

24 ސެޕްޓެންބަރު 2022 - 18:14 2

ވ. އަތޮޅުގެ ވެރިކަން ކުރާ ރަށް ފެލިދޫ -- ފޮޓޯ: ފެލިދޫ ފޭސްބުކް ޕޭޖް


ރަށު ނޯޓު: ކުޑަ ރަށެއްގެ ބޮޑެތި ވާހަކަތައް ފެލިދޫން

24 ސެޕްޓެންބަރު 2022 - 18:14 2

ކުޑަކުޑަ ފެލިދެ އަތޮޅު ނުވަތަ ވ. އަތޮޅުގެ އެންމެ ބޮޑު ރަށަކީ 15 ހެކްޓަރުގެ ފެލިދު އެވެ. އަތޮޅުގެ އެންމެ ބޮޑު ރަށަށް ވިޔަސް، ރާއްޖޭގެ ބޮޑެތި ރަށްރަށުގެ ނިސްބަތުން ކުޑަކުޑަ ރަށެކެވެ.

މި ރަށަށް ދީފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޖޭ-3 އެވެ. އަތޮޅުގެ ވެރިކަން ކުރާ މި ރަށުގެ ޖުމުލަ އާބާދީ އަކީ 683 އެވެ. އެއީ 307 އަންހެނުންނާއި 376 ފިރިހެނުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 541 އެވެ.

އަތޮޅު ހޮސްޕިޓަލާއި އަތޮޅު ތައުލީމީ މަޒުކަޒާއި އަތޮޅު ޕޮލިސް ސްޓޭޝަނާއި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ގާއިމުކުރެވިފައި ވަނީ މިރަށުގަ އެވެ. ރަށުގައި ހަތް ގެސްޓު ހައުސް އާއި 18 ފިހާރަ އަކާއި ކެފޭ އަކާއި ގޭސް ވިއްކާ ފަސް ފަރާތަކާއި ފާމަސީއެއް އެބަ ހުއްޓެވެ. ރަށުގައި މިހާރު ދުއްވަނީ ދެ މަސް ދޯންޏެވެ. ދެ ބައްތެއްޔާއި 14 ޑިންގީ އޮވެ އެވެ. މާލެ އާއި ވ. އަތޮޅުގެ ރަށްރަށާ ދެމެދު ދަތުރުކުރަން މިރަށުގެ 2 ލޯންޗު އޮވެ އެވެ. އެހެނިހެން ދަތުރުތަކުގައި ހަތް ލޯންޗެއް ދުއްވަ އެވެ.

ފެލިދޫގެ ވާހަކަތައް، ސަގާފީ ކުޅިވަރުން ފެށިޔަސް، އިގުތިސޯދީ ހަރަކާތްތަކުން ފެށިއަސް، މަސައްކަތްތަރިކަމުން ފެށިޔަސް ހުސްނުވާނެ އެވެ.

ފުރަތަމަ ގޯތިތެރެއިންނެވެ. ބިންގަނޑު ހެޔޮ މި ރަށުގައި ފަސޭހައިން ގަސް ހެދެ އެވެ. އެހެންވެ ގިނަ ގޯތިތަކުގައި އެކި ބާވަތް ބާވަތުގެ ގަސް ހައްދައި، އޭގެން އެކަށޭނަ އާމްދަނީ ހޯދަ އެވެ.

މިހާރު ރަށުގެ ދިރުމަކަށް އޮތީ ފަތުރުވެރި ކަމެކެވެ. އަތޮޅުގެ ރީތިކަމާއި، ކަނޑުފަޅު މުއްސަނދި ވުމުން އަތޮޅުގެ ރަށްރަށުގައި ފަތުރުވެރިކަން އަންނަނީ ވަރުގަދަ ވަމުންނެވެ. ފެލިދޫގައި މިހާރު ހަތް ގެސްޓް ހައުސް އެބަ ހުއްޓެވެ. އަދި ޓޫރިޒަމާ ގުޅިފައިވާ އެހެން ވިޔަފާރިތައް މަދެއް ނޫނެވެ.

ފަތުރުވެރިކަމަށް މި ރަށް ފައްކާވާ ހަމައެކަނި ސަބަބަކީ ރަށުގެ ރީތިކަމާއި މޫދުގެ ހިތްގައިމު ކަމެއް ނޫނެވެ. ސަގާފީ ކުޅިވަރުތަކުގައި ފެލިދުއަކީ މުޅި ރާއްޖެއަށް ވެސް މަޝްހޫރު ރަށެކެވެ. ބޮޑުބެރާއި ގާއޮޑި ލަވަ އާއި މަގުމަތީ ލަނގިރި އާއި ތާރަ ފަދަ ސަގާފީ ހުރިހާ ކުޅިވަރެއްގެ ފަންނާނުން ތިބި ރަށެކެވެ. މި ރަށުގެ ސަގާފީ ކުޅިވަރު ޓީމުގެ ހުށަހެޅުންތައް ގައުމީ އެކި ހަފުލާތަކުގެ އިތުރުން، އަދި ބަންގްލަދޭޝް، އިންޑިއާ އަދި ސްރީ ލަންކާގައި ހުށަހަޅައިދީފައިވެ އެވެ.

ސުވެނިއާ ތައްޔާރު ކުރުމުގެ ހުނަރުވެރިން ވެސް މިރަށުގައި ގިނަ އެވެ. ކެރަފަތުން ވިޔެގެންނާއި ލަކުޑިންނާއި ނާށިންނާއި ބޮނބިން ތަފާތު ތަކެތި އުފައްދައި ފަތުރުވެރިންނަށް ވިއްކައިގެން އެކަށީގެންވާ އާމްދަނީ މި ރަށުން ހޯދަ އެވެ. ފަތުރުވެރިންނަށް ހާއްސަ ތަކެތި ކުރުހުމުގައި ވެސް މިއީ ފާހަގަކޮށްލެވޭ ރަށެކެވެ.

މި ހުރިހާ ކަމަކީ ވެސް މި ރަށުގެ އިގުތިސޯދަށް ދިރުން ލިބި ޑޮލަރު ޖީބަށް ވަންނަމުންދާ ކަންކަމެވެ. ކުޑަކުޑަ ރަށެއްގެ ބޮޑެތި، ފުރިހަމަ ވާހަކަތަކެކެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ފެލިދޫ އަތޮޅު: ފެލިދެ އަތޮޅު (ވ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: ޖޭ-3 އާބާދީ: 683، ފިރިހެނުން: 376، އަންހެނުން: 307 ފިހާރަ: 18 ކެފޭ, ރެސްޓޯރެންޓް: 1 ގޭސް ވިއްކާ: 5 ފަރާތް ގަރާޖު: ނެތް ފާމަސީ: 1 ގެސްޓްހައުސް: 7 ތައުލީމު ދޭ ފެންވަރު: ގްރޭޑް 10 ކަރަންޓް: 24 ގަޑިއިރު ނަރުދަމާ: ގާއިމު ކުރެވިފައި ފެން: ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ކުނި ވަކިކޮށް ނައްތާލައި ކައުންސިލް: ފޯން ނަންބަރު:6700520 އީމެއިލް:[email protected] - މައުލޫމާތު: ފެލިދޫ ކައުންސިލް