Advertisement

ރަށު ނޯޓު: ހިރިމަރަދޫގެ ހިތްގައިމު މާހައުލު

15 އޮކްޓޯބަރު 2022 - 12:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހދ. ހިރިމަރަދޫ: ދިވެހިވަންތަކަން ވަރަށް ފުރިހަމަ އަށް ފެންނަ ރަށެއް. -- ފޮޓޯ: އައިޝަތު އަޒުމާ


ރަށު ނޯޓު: ހިރިމަރަދޫގެ ހިތްގައިމު މާހައުލު

15 އޮކްޓޯބަރު 2022 - 12:37 0

މުޅި ރާއްޖެއަށް ހުޅުވާލައިގެން 1960 ގައި ބޭއްވި "ރާއްޖޭގެ ބޮލި، ރޯނުގެ މުބާރާތު" ގައި ރޯނު ވެށުމުން އެއް ވަނަ ހޯދާފައިވަނީ ހދ. ހިރިމަރަދޫ އެވެ. އާބާދީ ކުޑަކުޑަ މިރަށަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. ރަށުގެ ގުދުރަތީ މާހައުލާއި ވަށައިގެންވާ ފަޅާއި ފަރު މުއްސަނދި ރަށެކެވެ.

މިއީ މުއްސަނދި ރަށެކެވެ. މުޅި އަތޮޅުގައި ވެސް ފަގީރަކު ނެތް ހަމައެކަނި ރަށެވެ. އާބާދީގައި ޖުމުލަ 574 މީހުން ހިމެނޭ މިރަށުގައި އާބާދުވެގެން ދިރިއުޅެނީ 300 މީހުންނެވެ. ފެށުނީއްސުރެ މިރަށުގެ މައިގަނޑު އިގުތިސޯދީ ހަރަކާތަކީ، ދަނޑުވެރިކަމެވެ. އޭގެ އިތުރުން، ފަންގި ވިނުމަކީ މި ރަށު މަސައްކަތެވެ. ވަލުތެރޭގައި ހައްދާ ފަތްކޭލާއި ކުރުނބާ، ކާށި ވިއްކަން ގެންދަނީ ކުޅުދުއްފުއްޓަށެވެ. މާލެ ދަތުރުކުރާ ބޯޓެއް ނެތުމާއެކު ރަށުގައި ހައްދާ ތަކެތި މާލެއަށް ގެންގޮސް ވިއްކުމަކީ ބުރަކަމެކެވެ.

ހިރިމަރަދޫ ބަނދަރާ ދިމާއަށް މީހަކު ހިނގާފައި ދަނީ. -- ފޮޓޯ: އައިޝަތު އަޒުމާ


ގުރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ ހިރިމަރަދޫ ސްކޫލްގައި އެކަށީގެންވާ ފެންވަރުގެ ތައުލީމެއް ދެވެމުން ނުދިއުމަކީ ރަށުގެ ރައްޔިތުން ކުޅުދުއްފުއްޓާއި މާލެއަށް ހިޖުރަކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ.

ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަލައަކީ ސިއްހީ ހިދުމަތުގެ މައްސަލަ އެވެ. ސިއްހީ މަރުކަޒުގައި ތިބީ އެންމެ މެޑިކަލް އޮފިސަރަކާއި ދެ ނަރުހުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީ މަދުވުމުން ހުރިހާ ކަމެއްވެސް ހުރީ މިފަދަ ގޮތަކަށެވެ.

މި ރަށުގައި ހުރި 150 އަހަރު ވެފައިވާ ތާރީހީ މިސްކިތް. -- ފޮޓޯ: އައިޝަތު އަޒުމާ


ބޮޑުމިނުގައި 43 ހެކްޓަރު ހުންނަ މި ރަށުގައި އެންމެ ދުވަސްވީ އާސާރީ ތަނަކަށް ހުރީ މަސްޖިދުލް ހުސައިންއެވެ. އެއީ 150 އަށް ވުރެ ގިނަ އަހަރުވެފައިވާ މިސްކިތެކެވެ. ރާވައިގެން ހަދާފައިވާ މި މިސްކިތުގައި ދެލަކުޑިގަނޑު އެއްކުރާން އިއްޔެއް ނުވަތަ މޮހޮރެއް ވެސް ޖަހާފައި ނުހުރެ އެވެ. ކުޑަދޮރުތައް ވެސް ނައްޓާ ރޭވެ އެވެ. ރަށުގެ ފަންނުވެރިކަން ފެނިގެންދާ މިތަނަކީ މިހާރު ހިމާޔަތް ކުރެވިފައިވާ ތަނެކެވެ.

މިރަށުގެ ވަށައިގެންވާ ފަރަކީ ވެސް މަގުބޫލު ތަނެކެވެ. ރަށުގެ ދެކުނު ފަރާތުގައި ހެދިފައިވާ އެންދެރި ގަސްތަކުގެ އިތުރުން މިއީ އެން މަޑި އާއި އެކި ބާވަތްތަކުގެ މިޔަރު އުޅޭ ތަނެކެވެ. މިޔަރުގެ ބާވަތެއް ކަމަށްވާ ގިޓާ ފިޝް އާއި ވެލާ އާންމުކޮށް ފެންނަ ހިރިމަރަދޫ ތިލައަކީ ޑައިވަރުންގެ މެދުގައި މަގުބޫލު ތަނެކެވެ. ގިނަ އަދަދެއްގެ ބަޔަކު މިތަނަށް ގޮސް ފީނާ ހަދަ އެވެ.

ހިރިމަރަދޫ އަކީ ހިތްގައިމު މަންޒިލެކެވެ. ހިތްހެޔޮ ރައްޔިތެއް އުޅޭ އަމާން ރަށެކެވެ. ދިވެހިވަންތަކަން އެންމެ ފުރިހަމަ އަށް ފެންނާނެ އެއް ރަށެވެ. މިހާރު ގެސްޓް ހައުސްއެއް ނެތަސް، ހަނިމާދޫ އެއާޕޯޓާއެކު މިރަށަކީ ވެސް ލޯކަލް ޓޫރިޒަމަށް ފައްކާވެ ވިދާލާނެ ރަށެކެވެ.

މުހިއްމު މައުލޫމާތު


ރަށުގެ ނަން: ހިރިމަރަދޫ އަތޮޅު: ތިލަދުންމަތި ދެކުނުބުރި (ހދ) ރަށުގެ ކޯޑު: 6-ބީ އާބާދީ: 574 އަންހެން: 279 ފިރިހެން: 295 ސްކޫލްގައި ކިޔަވައިދޭ ގްރޭޑް: 10 ސްކޫލު ކުދިންގެ އަދަދު: 60 ގަރާޖު: ނެތް ތެލާއި ގޭސް ވިއްކާުތަންތަން: ނެތް މަސް ދޯނި: 1 ކުދި ދޯނި: 2 ޑިންގީ: 5 ަރަށުގެ ކަރަންޓް ހިދުމަތް: 24 ގަޑިއިރުު ލިބޭ ރަށުގައި ހުރި މިސްކިތް: ފިރިހެނުންގެ 2 މިސްކިތް، އަންހެނުންގެ 1 މިސްކިތް ކުޑަކުދިންގެ ޕާކް: 1 ސައިކަލްގެ އަދަދުު: 25 ރަށުު ޕިކަޕްގެ އަދަދު: 4 ކާރު، ޕިކަޕްު އަދި އެހެން ވެހިކަލް: 1 ޕިކަޕް އުޅޭ ބިދޭސީންގެ އަދަދު: 2