Advertisement

ލާއޯސް އަތުން ވެސް ރާއްޖެ އަށް މޮޅެއް

24 ސެޕްޓެންބަރު 2022 - 15:02 0

ލާއޯސް ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ލާއޯސް އަތުން ވެސް ރާއްޖެ އަށް މޮޅެއް

24 ސެޕްޓެންބަރު 2022 - 15:02 0

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިއަދު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ލާއޯސްގެ މައްޗަށް 3-1 އިން ކުރިހޯދައިފި އެވެ.

ފީފާ ރަޖިސްޓްރީ ދެ މެޗުގައި މި މަހު ރާއްޖޭން މި ވަނީ ބްރޫނާއީ ދާރުއްސަލާމް އާއި ލާއޯސްއާ ދެ ދެކޮށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ.

މިދިޔަ ބުދަ ދުވަހު ބްރުނާއީ ދާރުއްސަލާމް އަތުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. އަދި މިއަދު ލާއޯސް އަތުން މި ވަނީ 3-1 އިން ކާމިޔާބު ހޯދައިފަ އެވެ.

ބްރުނާއީގެ ސުލްތާން ހަަސަނަލް ބޮލްކިއާ ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗަށް ރާއްޖޭން ވަނީ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން ފުރަތަމަ މެޗުގައި ބްރުނާއީއާ ދެކޮޅަށް އަނިޔާވެގެން ފުރަތަމަ މެޗުގައި ބަދަލުކުރި އަހުނަފް ރަޝީދު (އަހުއްކޮ)ގެ ބަދަލުގައި ހައިޝަމް ހަސަން (ބިޑި) ކުޅެން އެރުވިއިރު، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ބަދަލުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ ހިމަނައިފަ އެވެ.

ލާއޯސްއާ ދެކޮޅަށް ރާއްޖޭން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު


މެޗުގެ 11 ވަނަ މިނިޓްގައި، ރާއްޖޭން ލީޑުނެގި ގޯލުގައި ހައިޝަމް އާއި ހަންނަ އިސް ދައުރެއް އަދާކުރި އެވެ. ހައިޝަމް ނެގި ހުރަހަކުން އޭރިއާތެެރެއިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ބޯޅަ ލާއޯސް ޑިފެންޑަރެއް ފައިގައި ޖެހިފައި މަޑުވި ވަގުތު ހަންނަ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ މި އަހަރު ތެރޭ ގައުމީ ޓީމަށް ހަންނަ ޖެހި ތިން ވަނަ ގޯލެވެ. އޭނާ ގައުމީ ޖޯޒީގައި ފުރަތަމަ ގޯލު ޖެހީ މާޗް މަހު ބަންގްލަދޭޝް ކޮޅަށެވެ. ދެ ވަނަ ގޯލު ބްރުނާއީ ގޯލަށް ޖެހިއިރު، ތިން ވަނަ ލަނޑު މި ޖެހީ ލާއޯސް ކައިރިންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލާއޯސް އިން ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގެ 45 ވަނަ މިނިޓްގައި މި ގޯލު ޖެހީ އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް ހުސްކޮށް އަރައި، ލާއޯސްގެ ކެޕްޓަން ބޯންޕަޗަން ބޯންކޯންގް އެވެ.

ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަަބަބުން ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އަހުމަދު ހަސަން (އައްމަޑޭ) އެވެ. މި ބަދަލާ އެކު އަކޫގެ މަގާމުގައި މުހައްމަދު އިރުފާން (އިރޭ) ކުޅުނުއިރު، ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ސަމޫހު އަލީ (ސަމުއްޓެ) އެެވެ.

ލާއޯސްގެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ހަންނަ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު


ދެ ވަނަ ހާފުގައި ރާއްޖޭން ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފަށައި، އަލުން ލީޑުނަގަން ކުރި މަަސައްކަތް މެޗުގެ 59 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. މި ގޯލު ޖެހީ އޭރިއާބޭރުން ޖެހި ޝޮޓަކުން ހުސެއިން ނިހާން (ނިހާޓް) އެވެ. އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަަނަށެވެ.

ރާއްޖޭން ތިން ވަނަ ގޯލު ޖެހީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އިއްބެ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. ފުރަތަމަ މެޗުގައި ބްރުނާއީ ކޮޅަށް ރާއްޖޭގެ ފުރަތަމަ ގޯލު ޖެހީ ވެސް އިއްބެ އެވެ.

ލާއޯސް ކޮޅަށް ރާއްޖެ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން އޭރިއާބޭރުން ހަމްޕު ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ ފަހުން ލާއޯސް އިން ކުރި އެޓޭކްތަކެއް ހުއްޓުވުމުގައި ރާއްޖޭގެ ގޯލު ބެލެހެއްޓި ކީޕަރު ހުސެއިން ޝަރީފް (ހުސެން)ގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖޭން މި ވަނީ ލާއޯސްއާ ދެކޮޅަށް ކުުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. ރާއްޖޭން މީގެ ކުރިން ލާއޯސްއާ އެކު ކުުޅުނު ދެ މެޗަށް ބަލާއިރު، 2016 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗުގައި ރާއްޖޭން ވަނީ 4-0 އިން މޮޅުވެފަ އެވެ. އެކަމަކު، ލާއޯސްގައި ކުޅުނު މެޗު 1-1 އިން ވީ އެއްވަރެވެ.

ރާއްޖޭގެ ކޯޗުކަމާ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވިފަހުން މި ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. މިދިޔަ އަަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅު ގައުމީ ޓީމާ ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރަސްމީ ނުވަ މެޗެއް ވަނީ ކުޅެފަ އެވެ.