Advertisement

މިއީ މުހިންމު ވަގުތެއްގައި ގައުމީ ޓީމަށް ލިބުނު މެޗުތަކެއް: އަކޫ

24 ސެޕްޓެންބަރު 2022 - 05:28 0

ބަންގްލަދޭޝް މެޗަށް ފަހު އަކޫ މީޑިއާ އަށް އިންޓަވިއު ދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މިއީ މުހިންމު ވަގުތެއްގައި ގައުމީ ޓީމަށް ލިބުނު މެޗުތަކެއް: އަކޫ

24 ސެޕްޓެންބަރު 2022 - 05:28 0

މިއީ ގައުމީ ފުޓްބޯޅަ ޓީމުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ޓީމު ބަދަލުކޮށްލަން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއް ކަމަށާއި މި ފަދަ ވަގުތެއްގައި ބައިނަލްއަގުވާމީ ދެ މެޗެއް ކުޅެލަން ލިބުމުން މިއީ މުހިންމު މެޗުތަކެއްގެ ގޮތުގައި ނަގައި ކާމިޔާބު ހޯދަން ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

ގައުމީ ޓީމުން މި ފަހަރުގެ ފީފާ އިންޓަނޭޝަނަލް މެޗުތައް ކުޅޭ ތާރީހުތަކުގެ ތެރޭގައި ބްރުނާއީ ދާރުއްސަލާމްގައި އެ ގައުމާއި ލާއޯސްއާ ދެކޮޮޅަށް ދެ މެޗެއް ކުޅެން ނިންމި އެވެ. އެ މެޗުތަކަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ފުރުސަތުދިން ކުޅުންތެރިންގެ ތެރޭގައި ޒުވާން ކުޅުންތެރިން ގިނަ އެވެ.

ރާއްޖޭން ވަނީ ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު 3-0 އިން ބްރުނާއީ ބަލިކޮށްފަ އެވެ.

ދެ ވަނަ މެޗުގައި މިއަދު ލާއޯސްއާ ދެކޮޅަށް ކުޅޭއިރު، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކޫ ބުނީ ލާއޯސް ވެސް އަންނަނީ ރާއްޖެ އެކޭ އެއްގޮތަށް ޓީމު ޒުވާން ކުރުމުގެ މަސައްކަތްތަކެއް ކުރަމުން ކަމަށެެވެ.

"ރާއްޖެ ޓީމު ވެސް މި އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ބައިވަރު ޔަންގް ޕްލޭޔަރުންތަކަކާ އެކު އައިސްގެން މި އުޅެނީ. ކޯޗުގެ ވިސްނުން ހުރީ ވެސް ވަރަށް ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެން އެ ކުޅުންތެރިން ކުރިއަށް އޮތްތަނަށް ތައްޔާރުކުރަން،" 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކެޕްޓަން، އަކޫ ބުންޏެވެ.

"އަޅުގަނޑުމެންގެ ޓީމު މިހާރު މި ދަނީ ޓްރާންސިޝަން ޕީރިއަޑެއްގައި މުޅި ޓީމު އެއްކޮށް ޔަންގްކުރުމުގެ މަސައްކަތް އެފްއޭ އާއި ކޯޗާއި ހުރިހާ އެންމެން ގުޅިގެން ކުރަމުން އެދަނީ. މި ވަގުތުގައި ލިބުނު ރަނގަޅު ފުރުސަތެއް ކަންނޭނގެ މިއީ (މި މެޗުތަކަކީ) މި ކުޅުންތެރިން ޓެސްޓް ކޮށްލަން،"

އަކޫ ބުނީ މި މެޗުތަކަށް ގެނައި ސްކޮޑަށް ބަލާއިރު، ޓީމަށް ބަދަލުތަކެއް ގެނަޔަސް ޓީމު ވަރުގަދަވާނެ ކަމަށެވެ.

"ހުނަރުހުރި ކުޅުންތެރިންނާ އެކު ޓީމު މި އޮތީ އެހެންވީމަ އިންޝާﷲ ރަނގަޅު މެޗެއް ކުޅެ ނަތީޖާ އަޅުގަނޑުމެންގެ ކޮޅަށް ބުރަވެގެން ނުކުންނާނެ ކަމަށް އުންމީދު މި ކުރަނީ،" އަކޫ ބުންޏެވެ.

އަކޫ ބުނީ ފުރަތަމަ މެޗުގައި ބްރުނާއީއާ ދެކޮޅަށް ކުޅެން ޖެހުނީ ހަތް ވަރަކަށް ދުވަހުގެ ޕްރެކްޓިސް ކުރުމަށް ފަހު ދިގު ދަތުރެއް ކުރުމަށް ފަހު ކަމަށެވެ. އެހެންވެ، ބްރުނާއީ މެޗުގެ ފުރަތަމަ ހާފުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެކަމަކު، ވަގުތު ދިޔަ ވަރަކަށް ޓީމުގެ ކުޅުން ރަނގަޅުވެ، ދެ ވަނަ ހާފުގައި މޮޅަށް ކުޅެގެން ނަތީޖާ ނެރުނީ ކަމަށް އަކޫ ބުންޏެވެ.

އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ނުލައި، ކުޅެން ޖެހޭއިރު ވެސް ޓީމުން އެކުވެގެން ކުރާ މަސައްކަތް އަކޫ ފާހަގަކުރެ އެވެ. އަނިޔާވެފައިވާ ކުޅުންތެރިންނަށް ބަލާއިރު، އިބްރާހިމް އައިސަމް އާއި އަހުމަދު ނޫމާން (ހެލްމެޓް)ގެ ނަން އަކޫ ވަނީ ފާހަގަކޮށްފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޮރިއޭރޯ ވާހަކަ ދައްކަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ގައުމީ ކޯޗު މޮރިއޭރޯ ބުނީ ފުރަތަމަ މެޗުގައި ކުޅުންތެރިން މަސައްކަތް ކޮށްގެން މޮޅުވެވޭތޯ ކުރި ހިތްވަރު ފެނުމުން ހިތްހަމަ ޖެހުން ލިބުނު ކަމަށެވެ. އަދި އެ ހިތްހަމަޖެހުން އިތުރަށް ފުރިހަމަ ކުރަން ބަލާއިރު، ލާއޯސް މެޗު ވަރަށް މުހިންމު ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"ވަރަށް މުހިންމު ކުރިއަށް މި އޮތް މެޗު އަހަންނަށް. އެއީ އަހަރެންގެ ޓީމުގެ މި ތިބި ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް މި ކަހަލަ މެޗުތައް ދޭން އެބަޖެހޭ، އޭގެ މުހިންމުކަން އަހަންނަށް އެބަފެނޭ، ކުޅުންތެރިންގެ ވިސްނުމުގައި އަހަރެމެން ކުރަން މި އުޅޭ ކަންކަން އަށަގަންނުވަން ބަލާއިރު މިއީ އެކަން ކުރަން އެންމެ ރަނގަޅު މެޗުތައް،" ގައުމީ ޓީމަށް މިހާތަނަށް ރަސްމީ އަށް މެޗުގައި އިރުޝާދުދީފައިވާ މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ލާއޯސް ޓީމުގެ ކަންކަން ދިރާސާކުރަން އޭނާ ބެލި ވީޑިއޯތަކުން ފެނުނު މަންޒަރުތަކަށް ބަލާއިރު ލާއޯސް އަކީ ރަނގަޅު ޓީމެއް ކަމަށެވެ. އަދި އެ ޓީމުގައި ހުރި ޖަރުމަނުގެ ކޯޗު ހަންސް މައިކަލް ވައިސް އަކީ ރަނގަޅު މަސައްކަތެއް ކުރާ ކޯޗެއްކަން މޮރިއޭރޯ ފާހަގަކުރި އެވެ.

މައިކަލް ބުނީ ލާއޯސް ޓީމަށް މި އަހަރު ބައިނަލްއަގުވާމީ އެކި ލެވަލްގެ މެޗުތައް ލިބޭއިރު، މި ވަގުތު ބްރުނާއީގައި ކުޅެން މި ލިބޭ މެޗުތަކަކީ އަންނަ ޑިސެމްބަރު މަހު ފަށާ ސުޒުކީ ކަޕަށް ތައްޔާރުވާން ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

"ވަރަށް ޒުވާން ޓީމެއް މި އޮތީ، އަހަރެމެން މި ޓީމު ޑިވެލޮޕް މި ކުރަނީ ލާއޯސްގެ މުސްތަގުބަލަށްޓަކައި، އަހަރެމެން މިދިޔަ ޖުލައި ގައި ވެސް އިންޑޮނީޝިއާގައި މުބާރާތެއްގައި ވާދަކޮށް ފައިނަލަށް ދިޔަ، އެކަމަކު، މި ފަހަރު މި ކުޅެން ޖެހޭ މެޗު މުޅިން ތަފާތު،" ވައިސް ބުންޏެވެ. "ކުރެވުނު ކޮންމެ ކަމެއް ކޮށްގެން ވެސް މޮޅުވެވޭތޯ ބަލާނީ، އެއީ ރާއްޖެ ކަހަލަ ރަނގަޅު ޓީމެއް އަތުން ނަތީޖާއެއް ހޯދަން ލިބޭ ފުރުސަތެއްގެ ބޭނުންހިފަން ޖެހޭނެ،"

ވައިސް ވަނީ ރާއްޖޭގެ ކޯޗު މޮރިއޭރޯ އަށް ތައުރީފުކޮށްފަ އެވެ. ވައިސް ބުނީ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިދިޔަ ޖުލައި މަހު އުޒްބެކިސްތާންގައި ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި ވެސް އެކަން ފާހަގަވާ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ.

"އުޒްބެކިސްތާންގައި ރާއްޖެ ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް ވެސް ބަލައި ދިރާސާ އެބަކުރަން. އަހަރެމެން އެ މީހުންނާ ވާދަކުރަން ނުކުންނައިރު އެނގެން އެބަޖެހޭ ރޭންކިން އަށް ބަލާއިރު ވެސް އެ މީހުން އޮތީ އަހަރެމެންނަށް ވުރެން ކުރީގައި، އެހެންވީމަ އަހަރެމެން ތައްޔާރުވެ ތިބެންޖެހޭނީ ކޮންމެ ހާލަތަކަށް ވެސް،" ވައިސް ބުންޏެވެ.

ރާއްޖޭން ވަނީ މީގެ ކުރިން ލާއޯސްއާ އެކު ރަސްމީ ދެ މެޗެއް ކުޅެފަ އެވެ. އެއީ 2016 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. އެ ފަހަރު މާލޭގައި ކުޅުނު މެޗުގައި ރާއްޖޭން ވަނީ 4-0 އިން މޮޅުވެފަ އެވެ. އެކަމަކު، ލާއޯސްގައި ކުޅުނު މެޗު 1-1 އިން ވީ އެއްވަރެވެ.

ދުނިޔޭގެ 183 ވަނައިގައި އޮތް ލާއޯސް އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 1 ޖަހާއިރު އެވެ.