Advertisement

ޔޫކޭ އެމްބަސީ ގުދުސްއަށް ބަދަލު ކުރަން އުޅޭތީ ފަލަސްތީނުގެ ނުރުހުން

24 ސެޕްޓެންބަރު 2022 - 05:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ބޮޑު ވަޒީރު ޔެއާ ލަޕީދް އަދި އިނގިރޭސި ބޮޑު ވަޒީރު ލިޒް ޓްރަސް. -- ފޮޓޯ: ޕީއޭ މީޑިއާ


ޔޫކޭ އެމްބަސީ ގުދުސްއަށް ބަދަލު ކުރަން އުޅޭތީ ފަލަސްތީނުގެ ނުރުހުން

24 ސެޕްޓެންބަރު 2022 - 05:55 0

އިނގިރޭސިވިލާތުގެ އެމްބަސީ ތެލް އަވީވުން ގުދުސްއަށް ބަދަލު ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ނިންމުމަކަށް ވާނެ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމްބަސީ ގުދުސްއަށް ބަދަަލު ކުރަން ހުށަހެޅިކަން ހާމަކުރެއްވީ އިނގިރޭސި ބޮޑު ވަޒީރު ލިޒް ޓްރަސް އދ. ގެ އެއްވުމެއްގެ ތެރެއިން އިޒްރޭލުގެ ބޮޑު ވަޒީރު ޔެއާ ލަޕީދްއާ ބައްދަލުވެވަޑައިގެންނެވުމުންނެވެ.

އިނގިރޭސިވިލާތުން އެގޮތަށް އަމަލުކޮށްފި ނަމަ ފަލަސްތީނާއި އިޒްރޭލުގެ މަޝްރަހު އިތުރަށް ހޫނު ވާނެ އެވެ. މީގެ ކުރިން 2018 ވަނަ އަހަރު އެމެރިކާއިން ގުދުސްގައި އެމްބަސީ ހުޅުވުމުން ވެސް އަރަބި ގައުމުތަކުން ނުރުހުން ފާޅުކުރި އެވެ.

އިނގިރޭސި ސަރުކާރުން ބުނީ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމާ މެދު ވިސްނަމުންދާ ކަމަށާއި އެކަން ކުރާނެ ވަކި އިރެއް އަދި ނުނިންމާ ކަމަށެވެ.

އިޒްރޭލުން ދެކޭ ގޮތުގައި ގުދުސްއަކީ އެ ގައުމުގެ ވެރިރަށެވެ. އެކަމަކު ފަލަސްތީނުން ބޭނުން ވަނީ ދެ ގައުމުގެ މެދުގައި ގުދުސް ބަހާލައި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށަށް ހެދުމަށެވެ.

އިޒްރޭލުން އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އަދި ގާޒާ ހިފީ 1967 ވަނަ އަހަރު އެވެ. ބައިނަލްއަގްވާމީ ގާނޫނުގައިވާ ގޮތުން އިޒްރޭލުން އެ ތަންތަން ހިފައިގެން އުޅެނީ ނުހައްގުންނެވެ.

ފަލަސްތީނުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު ހުސާމް ޒޮމްލޮތް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ވަޒީރުގެ ހައިސިއްޔަތުން ޓްރަސް އދ. ގެ ޖެނެރަލް އެސެމްބްލީއަށް ކުރެއްވި ފުރަތަމަ ދަތުރުގައި ބައިނަލްއަގްވާމީ ގާނޫނަކާ ހިލާފު ކަމެއް ކުރެއްވުމަށް ވިސްނުމަކީ ދެރަ ކަމެއް ކަމަށެވެ.

ގިނަ ގައުމުތަކާ އެއް ގޮތަށް އިނގިރޭސިވިލާތުގެ އެމްބަސީ ވެސް ހުންނަނީ ތެލް އަވީވްގަ އެވެ. ގުދުސްގައި އެމްބަސީ ހުޅުވޭނީ އިޒްރޭލާއި ފަލަަސްތީނާ ދެމެދު ދާއިމީ ސުލްހަ ގާއިމް ކުރުމުން ކަމަށް ގިނަ ގައުމުތަކުން ދެކެ އެވެ.

އެހެން ނަމަވެސް އިރުމަތީ ގުދުސްގައި އިނގިރޭސި ކޮންޒިއުލޭޓެއް މިހާރު ވެސް ހުރެ އެވެ. ރިޕޯޓުތަައް ބުނާ ގޮތުން އެމްބަސީ ގުދުސްއަށް ބަަދަލު ކުރުމަކީ ދާދި ފަހުން އިނގިރޭސި ކޮންޒަަވޭޓިވް ޕާޓީގެ ލީޑަރުގެ އިންތިހާބަަށް ކުރެއްވި ކެމްޕެއިންގައި ޓްރަސް ކުރައްވާނެ ކަމަށް ވިދާޅުވި ކަމެކެވެ.

އެމެރިކާއިން އެމްބަސީ ގުދުސްއަށް ބަދަލު ކުރުމުން، ބައެއް އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލު ކުރި އެވެ. އެއީ ހޮންޑިޔުރަސް، ގުއާޓެމާލާ އަަދި ކޮސޯވޯ އެވެ.