Advertisement

ސައުދީގައި ޒުވާން ޓީމު ތާށިވެފައެއް ނުވޭ: އެފްއޭއެމް

23 ސެޕްޓެންބަރު 2022 - 19:10 1

19 އަހަރުން ދަށުގެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ސައުދީ އަރަބިއްޔާގެ އިތުރާ މިއުޒިއަމްގައި.--- ފޮޓޯ: ސައުދީ ފުޓްބޯޅަ ފެޑެރޭޝަން


ސައުދީގައި ޒުވާން ޓީމު ތާށިވެފައެއް ނުވޭ: އެފްއޭއެމް

23 ސެޕްޓެންބަރު 2022 - 19:10 1

މި މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން މާލެ ނާދެވި، ސައުދީގައި ތާށިވެފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރިޕޯޓްކޮށްފަައިވާ ހަބަރެއްގެ ސްކްރީންޝޮޓް ހިއްސާކޮށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެ ހަަބަރުގައިވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

ކަންހިނގައިދިޔަ ގޮތް އޮޅުންފިލުވައިދެވުމުން ޖަވާޒް ވިިދާޅުވީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު ޖިއްދާ އިން ދަންމާމަށް ދިއުމަށް ކުރި ދަތުރުގައި ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ފްލައިޓަށް ނޭރެވުމުން ދިމާވި ކަމެއްގެ ސަބަބުން ޓިކެޓް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

އެކަމަކު، އެފްއޭއެމުން މިހާރު އަންނަނީ އެއާލައިންތަކާ މަޝްވަރާ ކޮށްގެން ޖިއްދާ އަށް ކަނެކްޝަން ފްލައިޓެއް ހޯދައިގެން، މި ވަގުތު ދަންމާމުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ކަންހިނގާދިޔައީ ކިހިނެއް؟

ޒުވާން ގައުމީ ޓީމުގައި ހިމެނޭ 23 ކުޅުންތެރިންނާއި ނުވަ އޮފިޝަލުންނެވެ. ޓީމުގެ ހުރިހާ މެމްބަރުން މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއިން ފުރީ އުމުރާގެ އަޅުކަން ފުރިހަމަ ކުރުމަށް ޖިއްދާ އަށް ދިއުމަށެވެ. އެ ގޮތުން ޖިއްދާގައި އުމުރާގެ އަޅުކަން ޓީމުގެ ހުރިހާ މެމްބަރުން ފުރިހަަމަ ކުރުމަށް ފަހު، މުބާރާތުގެ މެޗުތައް ކުޅޭ، ސައުދީގެ ދަންމާމު ސިޓީ އަށް ދިއުމަށް ކަނެކްޝަން ފްލައިޓަށް ދިޔައިރު، ޓީމު ދެ ގްރޫޕަކަށް ބެހިފައި އޮތީ ވަގުުތު ކުޑަތަންވެފައި އޮތުމުން އެއް ގްރޫޕުން ލަގެޖްތައް ޗެކިން ކުރުމަށާއި އަނެއް ގްރޫޕް ބޯޑިން ގޭޓަށް ދިއުމަށެވެ. އެކަމަކު، ދަންމާމަށް ދެވުނީ ޓީމުގެ ހަަ ކުޅުންތެރިންނާއި ހަތަރު އޮފިޝަލުން ތިބި ގްރޫޕަށެވެ.


ސަތާރަ ކުޅުންތެރިއަކާއި ފަސް އޮފިޝަލު ތިބި ގްރޫޕަށް ދަންމާމަށް ނުދެވުނީ ފްލައިޓް ވަގުތަށް ބޯޑިން ގޭޓަށް ނުދެވުމުންނެވެ. އެހެންވެ، ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން އެފްއޭއެމުން އިންތިޒާމްކުރި ރަނގަޅު ފެންވަރުގެ ޓްރާންސިޓް ހޮޓަލެއްގައި އެ ކުޅުންތެރިންނާއި އޮފިޝަލުން 14 ވަރަކަށް ގަޑިއިރު މަޑުކުރަން ޖެހުނެވެ.

ޖިއްދާ އިން ދަންމާމަށް ނާދެވި މަޑުކުރަން ޖެހުނު އޮފިޝަލުންނާއި ކުޅުންތެރިން އަނެއް ދުވަހު ދަންމާމަށް ގޮސް އެ ތަނުގައި ޓީމުގެ ޕްރެކްޓިސްތައް ފެށި އެވެ.

ކޮލިފައިންގެ މެޗުތައް ނިންމާލުމަށް ފަހު މިދިޔަ އަންގާރަ ދުވަހު އިރުއޮއްސުނުއިރު، ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ފުރަން ދަންމާމު އެއާޕޯޓަށް ދިޔައިރު، ޓިކެޓް ޔަގީންވެފައި އޮތީ ޖިއްދާ އިން ދަންމާމަށް އެންމެ ފުރަތަމަ އައި ހަ ކުޅުންތެރިންނާއި ހަތަރު އޮފިޝަލުންނަށެވެ. ދެން ތިބި، 17 ކުޅުންތެރިންނާއި ފަސް އޮފިޝަލުންނަށް ޖެހުނީ ޓިކެޓްގެ ޖާގަތައް ޔަގީންކޮށް އެންމެ ފުރަތަމަ ޓިކެޓް ނެގި އެއާލައިން މެދުވެރިކޮށް ޓިކެޓް ރީއިޝޫ ކުރުމަށެވެ. އެކަމަކު، އެ ހުރިހާ ކަމަކަށް އޮތީ ކުޑަ ވަގުތުކޮޅަކަށްވާތީވެ، އެރޭ ފުރޭގޮތެއްނުވީ އެވެ.

ސައުދީގައި މި ވަގުތު ތިބި 19 އަހަރުން ދަށުގެ ޓީމުގެ 17 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ތިބީ ޓީމު މުބާރާތުގައި ވެސް ބޭނުންކުރި ދަންމާމުގެ މާކިއޯ ހޮޓަލުގަ އެވެ. މުބާރާތުގައި ލިބުނު ފެންވަރުގެ ހިދުމަތްތައް މިހާރު ވެސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެފްއޭއެމްގެ އެހީތެރިކަމާ އެކު ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ފޯރުކޮށްދެމުންނެވެ.

މި ވަގުތަށް ޓީމު ކުޅުންތެރިން މާލެ އައުމަށް ބޭނުންކުރަން ޖެހިފައި އޮތް ރޫޓަކީ ކުރިން ވެސް ދަތުރު ފެށި ގޮތަށް ކަމަށްވާއިރު، އެ ރޫޓުން ދާން ބަލާއިރު، ދަންމާމުން ޖިއްދާ އަށް ގޮސް މާލެ ދެވެން އޮތީ ދެ ދުވަހެއްގަ އެވެ. އެއީ އަންގާރަ ނޫނީ ހުކުރު ދުވަހުގަ އެވެ. އެ ގޮތަށް ދަތުރުކުރެވޭތޯ ބެލުމަށް ފަހު، ސީޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވާތީ، އެފްއޭއެމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެކި އެއާލައިންތައް މެދުވެރިކޮށް ބާކީ ތިބި ކުޅުންތެރިންނާއި އޮފިޝަލުން ގެނައުމަށެވެ.