Advertisement

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ބަލިކޮށް ނޭޕާލް ސެމީ އަށް

25 ސެޕްޓެންބަރު 2023 - 17:34 0

ލަނޑު ޖެހުމަށް ފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ސާފް


19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ބަލިކޮށް ނޭޕާލް ސެމީ އަށް

25 ސެޕްޓެންބަރު 2023 - 17:34 0

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ އަތުން 4-1 އިން މޮޅުވެ، ނޭޕާލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް ރާއްޖެ ބަލިކޮށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް ސެމީ ފައިނަލަށް ދިޔައީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ އެއް ވަނަ ހޯދީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ޕާކިސްތާން އެވެ. ދެ ވަނަ އަށް ދިޔަ ނޭޕާލަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ރާއްޖެ އަށް ލިބުނީ އެއް ޕޮއިންޓެވެ.

ރާއްޖެ އަށް ޕޮއިންޓެއް ލިބުނީ ފުރަތަމަ މެޗުގައި ޕާކިސްތާނާ 1-1 އިން އެއްވަރުވުމުންނެވެ.

ކަތުމަންޑޫގެ ދަޝްރަތު ސްޓޭޑިއަމްގައި މިއަދު މެންދުރު ކުޅުނު މެޗުގައި ނޭޕާލުން ލީޑުނެގީ މެޗުގެ 17 ވަނަ މިނިޓްގައި ޕްރަޝާންތު ލަކްސަމް ޖެހި ގޯލުންނެވެ. ހާފުގެ މެދެއްހާ ހިސާބުން ވޮލީ އަކުން ޕްރަޝާންތު ޖެހި ބޯޅަ ރާއްޖޭގެ ކީޕަރު މުހައްމަދު ޔާމީން އަތުގައި ޖެހިފައިވަނީ ގޯލުގެ ކަނަށެވެ. މެޗުގެ 30 ވަނަ މިނިޓްގައި ނޭޕާލްގެ ސާމިރު ތަމަންގް ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ސާމިރު ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނޭޕާލުން ދެ ގޯލުގެ ލީޑެއް ނެގިތާ މާގިނައިރެއްނުވެ، އެ ޓީމާއި ރާއްޖޭގެ ކުޅުންތެރިއަކަށް ރަތް ކާޑެއް ދެއްކި އެވެ. ނޭޕާލުގެ ސުޖާން ޑަންގޯލް އާއި ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިޔާން އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ހިނގި ކަމެއްގަ އެވެ. މި ނިންމުމާ މެދު ދެ ޓީމުން ވެސް ވަރަށް ބޮޑަށް ނުރުހުންފާޅުކުރި އެވެ.

ދެ ވަނަ ހާފުގައި ރާއްޖޭން ކުޅުން ރަނގަޅުކޮށް، ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތަކުން ގޯލު ޖެހި އެވެ. މެޗުގެ 58 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އާދަމް ލަޔާން ރަޝީދު އެވެ. ނޭޕާލް ކުޅުންތެރިން އޮފްސައިޑްވާނެ ކަމަށް ހުއްޓައި، އޭރިއާތެރެއިން ލަޔާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ރާއްޖެ ޓީމުގެ ލަޔާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ސާފް


ބަދަލުތަކެއް ގެނެސްގެން ނަތީޖާ ހަމަހަމަކުރަން ރާއްޖޭން ކުރި މަސައްކަތުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ގޮތުން ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ފަހުން ކުޅުނު ޝަނާން ރަޝާދު ދިން ބޯޅައަކަށް އަރައި، މުހައްމަދު ފައިޒާން ފަޒީން އޭރިއާތެރެއިން ހުސްކޮށް ހުރެފައި ޖެހިބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ގޯލެއް ޖަހައި އެއްވަރުކުރެވޭތޯ ރާއްޖޭން ގިނަ ކުޅުންތެރިން އެޓޭކަށް ފޮނުވަން ފެށުމުގެ ފައިދާނަގައި ނޭޕާލުން ފަހުން ދެ ގޯލު ޖެހި އެވެ.

އެ ގޮތުން، މެޗުގެ 88 ވަނަ މިނިޓްގައި އޭރިއާތެރެއަށް ތިރިތިރިން އައި ބޯޅައެއް ހުސްކޮށް ހުރެފައި ގޯލަށް ފޮނުވާލައިގެން، ނޭޕާލްގެ ނިރާޖަން ދާމީ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެެވެ. އިތުރު ވަގުތުގައި ނޭޕާލްގެ ފަހު ގޯލު ޖެހީ މި މެޗުގައި އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ސާމިރު އެވެ. އޭނާ މި ލަނޑު ޖެހީ ބޮލުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ޕާކިސްތާނާއި ނޭޕާލްގެ އިތުރުން ބޫޓާނާއި އިންޑިއާ އެެވެ.