Advertisement

ގައުމީ ރެކޯޑެއް މުގުރާލައި މި ފަހަރު ޖާއިޝާ ހޯދީ ތާރީހީ ކާމިޔާބެއް

22 ސެޕްޓެންބަރު 2022 - 20:43 1

ޖާއިޝާ މިއަދު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާުތުގައި ދުވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގައުމީ ރެކޯޑެއް މުގުރާލައި މި ފަހަރު ޖާއިޝާ ހޯދީ ތާރީހީ ކާމިޔާބެއް

22 ސެޕްޓެންބަރު 2022 - 20:43 1

މިއަދު ފެށި ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރުގެ ދުވުމުގައި ވާދަކޮށް، އާމިނަތު ޖާއިޝާ ޖުނީޒް، ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

މިއަދު 5000 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލި ދުވުންތެރިޔާ، ޖާއިޝާ ވަނީ 20 މިނިޓަށް ވުރެ އަވަހަށް އެ ރޭސް ނިންމި ފުރަތަމަ ދިވެހި ދުވުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ޓީމުގެ ފަރާތުން ވާދަކުރާ ޖާއިޝާގެ ޓައިމިން އަކީ 19 މިނިޓް 43:09 ސިކުންތެވެ.

ޖާއިޝާ އަތުގައި މި ވަގުތު ރާއްޖޭގެ އަންހެނުންގެ ދުވުމުގެ 1500 މީޓަރާއި 3000 މީޓަރުގެ ގައުމީ ރެކޯޑް ވެސް އެބައޮތެވެ. ޖާއިޝާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުރިއަށްދިޔަ ރޭހެއްގައި ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ވެސް ހަދައިފަ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ޖާއިޝާ ވަނީ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަންހެނުންގެ 5000 މީޓަރު ދުވުން 20 މިނިޓް 17.02 ސިކުންތުން ނިންމައިފަ އެވެ. މިއީ މަހެއްހާ ދުވަސް ތެރޭ ކުރި މަސައްކަތަށް ބަލާއިރު، ޖާއިޝާ ހޯދި ބޮޑު ކުރިއެރުމެކެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފެށެން އުޅެނިކޮށް ބަލިވުމުން ޖާއިޝާ އަށް ރަނގަޅަށް ޓްރެއިނިން ކުރިއަށް ނުގެންދެވިގެން، ޕާފޯމަންސަށް އަސަރުކުރި ކަމަށް އޭނާގެ ކޯޗު، އަބްދުﷲ އިބްރާހިމް (އަބުޅޯ) ވަނީ ބުނެފަ އެވެ. އޭރު ވެސް އަބުޅޯ އަށް އޮތް ޔަގީންކަމަކީ ޖާއިޝާ އަށް ރަނގަޅަށް ގައުމީ މުބާރާތަށް ތައްޔާރުވެގެން ގައުމީ ރެކޯޑް މުގުރާލެވޭނެ ކަމުގަ އެވެ.

ޖާއިޝާ މިއަދު މުގުރާލި 5000 މީޓަރު ދުވުމުގެ ރެކޯޑް، އެންމެ ފަހުން އޮތީ މަރިޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. މަރީ، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭރުގެ ރެކޯޑް ހަދަން، ރޭސް ނިންމި ޓައިމިން އަކީ 20 މިނިޓް 10:30 ސިކުންތެވެ.

މިއަދުގެ ރޭހުގައި ޖާއިޝާ ފަހަތުން ދެ ވަނައިގައި ނިންމީ މެރަތަން ރަނާސް މޯލްޑިވްސްގެ އައިޝަތު ރާނިޔާ އެވެ. އޭނާ ރޭސް ނިންމީ 22 މިނިޓް 10:91 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ހުސްނާ މުހައްމަދުގެ ޓައިމިން އަކީ 23 މިނިޓް 29:66 ސިކުންތުންނެވެ.