Advertisement

ޝައިހް ފަޒްލޫން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް: ހައި ކޯޓު

22 ސެޕްޓެންބަރު 2022 - 14:00 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝައިހް ފަޒްލޫން ހައްޔަރުކޮށްގެން ގެންދަނީ: ދޫކޮށްލަން ނެރުނު އަމުރު ގޯސްކަމަށް ހައި ކޯޓުން ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޝައިހް ފަޒްލޫން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް: ހައި ކޯޓު

22 ސެޕްޓެންބަރު 2022 - 14:00 1

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝެއިހު ފަޒްލޫން މުހައްމަދު ޝަރުތުތަކަކާ އެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައިވާ ގޮތުން މާލޭންނާއި ރާއްޖޭން ބޭރަށް ދާނަމަ ކޯޓަށް އެންގުމަކީ ފަޒްލޫންގެ މައްޗަށް ކޮށްފައިވާ ޝަރުތެކެވެ. އަދި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ، ހާޒިރުވާން އެންގުމުން ހާޒިރުވުމަށް ވެސް ޝަރުތުކޮށްފައިވެ އެވެ.

މި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާއަކީ ހެކީގެ ނިސްބަތަށާއި އެއް ސަބަބުތަކަށް މީގެ ކުރިން ވެސް ބަންދުގެ އަމުރު ނެރެމުން ގޮސް އެއިން އެއްވެސް ހާލަތަކަށް ބަދަލެއް ނާންނަ ކަމެވެ.

އެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ އެންމެ ފަހުން ފަޒުލޫން ދޫކޮށްލަން ޖުލައި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭގެ ކުރިން ޖުލައި ފަސްވަނަ ދުވަހު ނެރުނު އަމުރާ އަޅާ ބަލާއިރު ހެކީގެ ނިސްބަތަށް އެއްވެސް ބަދަލެއް ނެތް ކަމަށެވެ.

ގިނަ ބަޔަކު ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ކުށެއްގައި ބައިވެރިވުން ކުޑަކަމަށް ފާހަގަވާނަމަ ނުވަތަ ދިން އަނިޔާއެއް ނޫނީ ނުރައްކާތެރި ކަމެއް ކުޑަވާނަމަ އެ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުޔެއް ދެވިދާނެ ކަން ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ.

ނަމަވެސް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގު ވަނީ، އެ ސަބަބަށް ޓަކައި ލުއިދޭނަމަ ގާޒީގެ ނިންމެވުމުގައި އެ ގޮތެއް ނިންމެވި ސަބަބު ތަފުސީލުކޮށް އެނގެން ޖެހޭނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރުގައި އެ ކަން ސާފުކޮށްދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބަންދާ މެދު ގޮތެއް ނިންމުމަށް ދައުލަތުން ހުށަހަޅައިފިނަމަ، ފަޒުލޫންގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ބަލައި، ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ޝައިހް ފަޒްލޫން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލިއިރު މި މައްސަލާގައި ޝައިހް އާދަމް ނިޝާން ވެސް ހައްޔަރު ކުރި އެވެ. ނިޝާން ވެސް މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، ކޯޓުން އޭނާ ދޫކޮށްލި އަމުރު ވެސް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.