21 ސެޕްޓެންބަރު 2022 - 18:42 0
އާމިނަތު އިބްރާހިމް
ކްރިމިނަލް ކޯޓް --
21 ސެޕްޓެންބަރު 2022 - 18:42 0
ފުލުހުންނަށް ނުބައި މައުލޫމާތު ދީގެން، ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވި މީހަކު ދެ މަހާއި 12 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޝަަހްސު އޮޅުވާލުމުގެ ކުށް ސާބިތުވެ، ހުކުމްކޮށްފައިވަނީ މ.ވައިޓްފިޝް އިބްރާހިމް ޝަރީފްގެ މައްޗަށެވެ.
ދައުވާގެ ހުލާސާގައި ކޯޓުން ބުނެފައިވަނީ، 14 އޮގަސްޓް 2020 ވަނައަށް ވީ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ނިކަގަސްމަގުގައި ހުންނަ އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު ކައިރިން ފެނިގެން ހުއްޓުވައި މައުލޫމާތު ސާފުކުރުމުން ނުބައި ނަމަކާއި އައިޑީކާޑު ނަންބަރެއް ދީގެން ޝަހްސު އޮޅުވާލަން އިބްރާހިމް ޝަރީފް މަސައްކަތްކޮށްފައިވާ ކަމަށެވެ. މި ކުށާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ، ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގެ ހ ގެ ދެވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ.
މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި އިބްރާހިމް ޝަރީފް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެ، އަވަސް ނިޔާގެ އަޑުއެހުމުގައި އެ އިއުތިރާފް ދަމަހައްޓާފަ އެވެ.
މި ދައުވާއާ އެކު އޭނާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް އިތުރު ދެ ދައުވާ އެއްވެސް ކޮށްފައިވެ އެވެ. އެހެންކަމުން އަދަބުކަނޑައެޅުމުގައި ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގެ ށ އަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ގަޒިއްޔާ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މައްސަލާގެ ހުކުމުގައި، ކުށުގެ އުގޫބާތެއްގެ ގޮތުން، އިބްރާހިމް ޝަރީފް ތަންފީޒުކުރަންޖެހޭ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމުގެ އަދަބު ގާނޫނުލް އުގޫބާތުގެ 1005 ވަނަ މާއްދާގެ ހ ގެ ދަށުން ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ އަދަބަކަށް ބަދަލުކުރަން ނިންމާފައިވެ އެވެ. އަދި، އެހެންކަމުން އޭނާގެ މައްޗަށް ކޮށްފައިވަނީ އެ މުއްދަތަށް ގޭބަންދުގައި ބެހެއްޓުމުގެ ހުކުމެކެވެ.
Comment