Advertisement

ވެންޓިލޭޓަރު ހިޔާނާތުގައި ދައުވާ ކުރެވޭނެ ކަމަށް ޕީޖީ ވިދާޅުވީ ފައިލް ކުރި މައްސަލަތަކަށް ނޫން

21 ސެޕްޓެންބަރު 2022 - 12:08 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް މައުލޫމާތު ދެއްވަނީ. -އަދަދު ފައިލް ފޮޓޯ


ވެންޓިލޭޓަރު ހިޔާނާތުގައި ދައުވާ ކުރެވޭނެ ކަމަށް ޕީޖީ ވިދާޅުވީ ފައިލް ކުރި މައްސަލަތަކަށް ނޫން

21 ސެޕްޓެންބަރު 2022 - 12:08 0

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލާގައި ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އިޝާރާތް ކުރެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަދި ފައިލް ނުކުރާ މައްސަލަތަކަށް ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭސީސީން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދިފައި ވަނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ. ހަތަރު ފަހަރެއްގެ މަތިން އޭސީސީން މައްސަލާގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވުމުން ވެސް، ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައިވެ އެވެ.

އެއާއެކު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޝަމީމް އިއްޔެ ވިދާޅުވީ އެންމެ ފަހުން ވެސް މައްސަލަ ފޮނުވިއިރު އޭގައި ފުރިހަމަކުރަން ޖެހޭ ފަންނީ ބައެއް ކަންކަން ނެތުމުން އެ ކަން އިސްލާހު ކުރަން ފޮނުވާލީ ކަމަށެވެ. އެ ކަންކަން ފުރިހަމަނުކޮށް ކޯޓަށް ގޮސްފިނަމަ މައްސަލަ ކާމިޔާބުނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މާ ބޮޑެތި ކަންކަމެއް ނޫން. ފަންނީ ކުދިކުދި އިސްލާހުތަކެއް، ދެން އެ ކަންކަން އިސްލާހުވީމާ އަޅުގަނޑުމެންނަށް އޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ، އެކަމުގައި އެ ބައިވެރިވި ބައެއްގެ މައްޗަށް ދައުވާކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ނަމަވެސް، ޝަމީމް އިޝާރާތް ކުރެއްވީ އެކަމުގައި ޝާމިލުވާ ހުރިހާ މީހުންގެ މައްސަލަތަކަށް ކަމެއް އިއްޔެގެ ކޮމިޓީގައި އޭނާ ދެއްވި ޖަވާބުން ސީދާ ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިޔުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ޝަމީމް އިއްޔެގެ ކޮމިޓީގައި އިޝާރާތް ކުރެއްވީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ޑްރާފްޓް ކުރި ވެންޓިލޭޓަރުތައް ގަތުމުގެ އެއްބަސްވުން ދައުލަތަށް ގެއްލުންވާ ގޮތަށް ބަދަލުކުރުމުގައި ޝާމިލުވި މީހުންގެ މައްސަލަތަކަށް ކަމަށެވެ.

"ޕީޖީ އިއްޔެ ވިދާޅުވީ މިހާރު އޯޕަންކޮށް ހުރި ކޭސްތަކުގެ ވާހަކަ،" ޝަފީއު ވިދާޅުވި އެވެ.

މިހާތަނަށް ފައިލްނުކުރާ ތިން މީހުންގެ މައްސަލައާ ގުޅޭގޮތުން، އޭސީސީގެ ސީނިއާ ކޮމިޔުނިކޭޝަންސް އޮފިސަރު ނިޝާން މުހައްމަދު ދީދީ "އަދަދު"އަށް ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެ މައްސަލަތަކުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ.

"ދައުވާކުރަން ފޮނުވުމުގެ ކުރިން ބަލަންޖެހޭ ބައެއް ކަންކަން ބަލާ ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ،" ނިޝާން ވިދާޅުވި އެވެ.

ނަމަވެސް، އެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.