Advertisement

ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު ދޭން ބަގީ ހޯދަނީ

21 ސެޕްޓެންބަރު 2022 - 08:30 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ވިލިމާލޭގައި މީހަކު ބައިސްކަލެއްގައި ދުއްވާފައި ދަނީ. -އަދަދު ފައިލް ފޮޓޯ: މުހައްމަދު ޝާބިން


ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު ދޭން ބަގީ ހޯދަނީ

21 ސެޕްޓެންބަރު 2022 - 08:30 0

ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފެށުމަށްޓަކައި ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ހޯދަން މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދެވިގެން އުޅެނީ އެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ނުކުރާތީ ކަމަށް މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީ ވަނީ ވިދާޅުވެފަ އެވެ.

ބަގީގެ ޓިކެޓު ވިއްކާ ޓާމިނަލެއް އެޅުމަށާއި، ބަގީ ޕާކު ކުރަން މާލެ ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް ވިލިމާލެއިން ދެ ބިން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، އެ ތަނުގައި އެތަންތަން އަޅާފައި ނުވެ އެވެ.

އެއާއެކު އެ ބިންތައް އަތުލަން ސިޓީ ކައުންސިލުން އުޅުމުން، އެ ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން އެކަން ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ.

ނަމަވެސް، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތެއްގެ ގޮތުގައި ސިޓީ ކައުންސިލުން އަމިއްލައަށް ބަގީގެ ހިދުމަތް ފެށުމަށް ނިންމައި، ހަ އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އަންނަ ބުދަ ދުވަހު އެކަމުގެ މައުލޫމާތު ސާފުކޮށް، އޮކްޓޯބަރު 5 ގައި އަގު ހުށަހަޅަންޖެހޭ ކަމަށެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 'އަދަދު' އަށް މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ގާއިމްކުރާނީ، އެ ރަށް އެކަށީގެންވާ ފަދަ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ. މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ބެޓެރި ނުވަތަ ކަރަންޓު ވެހިކަލްތައް ހޯދައިގެން އެ ހިދުމަތް ގާއިމު ކުރުމަށެވެ.