Advertisement

ކުދި އިސްލާހުތަކެއް ގެނެސްގެން ވެންޓިލޭޓަރު ހިޔާނާތުގެ ދައުވާ އަދިވެސް ކުރެވޭނެ: ޝަމީމް

20 ސެޕްޓެންބަރު 2022 - 21:53 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަޖިލީސް ކޮމިޓީގައި: ވެންޓިލޭޓަރު ދައުވާ އަދިވެސް ކުރެވޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލީސް


ކުދި އިސްލާހުތަކެއް ގެނެސްގެން ވެންޓިލޭޓަރު ހިޔާނާތުގެ ދައުވާ އަދިވެސް ކުރެވޭނެ: ޝަމީމް

20 ސެޕްޓެންބަރު 2022 - 21:53 0

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ނިިންމައި ފޮނުވާފައިވާ ލިޔެކިއުންތަކަށް "ބައެއް ކުދި އިސްލާހުތައް ގެނެސްގެން" އަދި ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެ މައްސަލާގައި އޭސީސީން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދިފައި ވަނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ. ހަތަރު ފަހަރެއްގެ މަތިން އޭސީސީން މައްސަލާގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވުމުން ވެސް، ދައުވާ ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ޕީޖީ ޝަމީމް ހާޒިރުކޮށްފައިވެ އެވެ. އެއީ ޖިނާއީ މައްސަލަތަކުގައި ޕީޖީން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ހުރި ދަތިތައް އޮޅުން ފިލުވުމުގެ ބޭނުމުގައި ބޭއްވި ކޮމިޓީ ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާނުކޮށް ފޮނުވާލާތީ އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ޝަމީމް ވިދާޅުވީ އެންމެ ފަހުން ވެސް މައްސަލަ ފޮނުވިއިރު އޭގައި ފުރިހަމަކުރަން ޖެހޭ ފަންނީ ބައެއް ކަންކަން ނެތުމުން އެ ކަން އިސްލާހު ކުރަން ފޮނުވާލީ ކަމަށެވެ. އެ ކަންކަން ފުރިހަމަނުކޮށް ކޯޓަށް ގޮސްފިނަމަ މައްސަލަ ކާމިޔާބުނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މާ ބޮޑެތި ކަންކަމެއް ނޫން. ފަންނީ ކުދިކުދި އިސްލާހުތަކެއް، ދެން އެ ކަންކަން އިސްލާހުވީމާ އަޅުގަނޑުމެންނަށް އޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ، އެކަމުގައި އެ ބައިވެރިވި ބައެއްގެ މައްޗަށް ދައުވާކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.