Advertisement

ނާގަލްސްމަން އަށް އަދި ވަޒީފާގެ ބިރެއް ނެތް ކަމަށް ބަޔާނުން ބުނެފި

20 ސެޕްޓެންބަރު 2022 - 08:31 0


ނާގަލްސްމަން އަށް އަދި ވަޒީފާގެ ބިރެއް ނެތް ކަމަށް ބަޔާނުން ބުނެފި

20 ސެޕްޓެންބަރު 2022 - 08:31 0

މިއުނިކް (ސެޕްޓެމްބަރު 20) - ޖަރުމަނު ލީގުގައި އެންމެ ފަހުން ބަޔާން މިއުނިކްގެ ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ލިބިފައިނުވާއިރު، އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން މަގާމުން ވަކިކުރުމުގެ މަޝްވަރާއެއް އަދި ކުރިއަށް ނުދާ ކަމަށް އެ ކްލަބުން ބުނެފި އެެވެ.

ޖަރުމަނު ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އޮއުސްބާގް އަތުން 1-0 އިން ބަލިވެ، ބަޔާން ވަނީ މޮޅެެއް ނުލިބި ޖެހިޖެހިގެން ހަތަރު ލީގު މެޗު ނިންމާލައިފަ އެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭ ބަޔާނަށް ލީގުގައި މޮޅެއް ނުލިބި ޖެހިޖެހިގެން ހަތަރު މެޗު ފުރިހަމަ ކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

އޮއުސްބާގް މެޗުގައި ބަޔާނަށް ލަނޑެއް ވެސް ނުޖެހުނުއިރު، މިއީ ލީގުގައި 87 މެޗަށް ފަހު ބަޔާނަށް ގޯލެއް ނުޖެހި މެޗެއް ފުރިހަމަކުރަން ޖެހުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ދަށް ނަތީޖާ ތަކަށް ފަހު ބަޔާން މި ވަގުތު އޮތީ ޖަރުމަނު ލީގުގެ ފަސް ވަނައިގަ އެވެ. އެ ޓީމު ދެން އެންމެ އަވަހަށް ކުޅޭނީ މި މަހު 30 ވަނަ ދުވަހު ބަޔާ ލެވަކޫސަންއާ އެވެ.

ދާދި ފަހުން ޗެލްސީން ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ވަކިކުރުމާ އެކު އޭނާ ދެން ހަވާލުވާނެ ކްލަބްތަކުގެ ތެރޭގައި ބަޔާންގެ ވާހަކަ ވެސް ދެކެވެ އެވެ.

އެކަމަކު، ބަޔާންގެ ސީއީއޯ އޮލިވާ ހާން ވިދާޅުވީ ބަޔާނުގައި ހުރި 35 އަހަރުގެ ކޯޗު، ނާގަލްސްމަން އަށް އޮތް އިތުބާރު އަދި ނުގެއްލޭ ކަމަށެެވެ.

"ބަޔާނުން އިތުރު ކޯޗެއްގެ މަސައްކަތެއް މިވަގުތު ނުކުރަން. ހޫލިއަން އަށް ފުރިހަމަ އަށް އިތުބާރު އެބައޮތް،" ހާން ވިދާޅުވި އެވެ.

"ތެދެއް، މިއީ، އަހަރެމެންނަށް ވެސް ގަބޫލުކުރަން ދަތި ނަތީޖާތަކެއް. ޓީމުގެ މޫޑު މި ވަގުތަށް ރަނގަޅެއް ނޫން. އެކަމަކު، ޓީމެއް ރަނގަޅުވާނީ މި ފަދަ ކަންކަމާ ވެސް ކުރިމަތިލައިގެން. އަހަރެމެންގެ އުންމީދަކީ ކުރިއަށް އޮތް ލެވަކޫސަން މެޗުން ފެށިގެން ބަޔާނުގެ އެޓޭކިން ގޭމް ފެނުން،"

ހާން ވިދާޅުވީ ކުރިއަށް އޮތް ދެތިން މެޗެއްގެ ތެރޭގައި ބަޔާންގެ ކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކުރިން ހޮފެންހައިމް އާއި އާރްބީ ލައިޕްޒިގަށް ކޯޗުކޮށްދިން ނާގަލްސްމަން ހަވާލުވި ފަހުން ބަޔާން ކުޅުނު 57 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ ހަތް މެޗުންނެވެ. ނާގަލްސްމަން ވަނީ ބަޔާން ގޮވައިގެން ނުކުތް މެޗުތަކުގެ ތެރެއިން 70 ޕަސެންޓް މެޗުން މޮޅުވެފަ އެވެ.