Advertisement

މިއަހަރުގެ ފުރަތަމަ އަށް މަހު މީރާއަށް ލިބުނު އާމްދަނީ 15.2 ބިލިއަން ރުފިޔާއަށް

19 ސެޕްޓެންބަރު 2022 - 14:13 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ). -އަދަދު ފައިލް ފޮޓޯ


މިއަހަރުގެ ފުރަތަމަ އަށް މަހު މީރާއަށް ލިބުނު އާމްދަނީ 15.2 ބިލިއަން ރުފިޔާއަށް

19 ސެޕްޓެންބަރު 2022 - 14:13 0

މިދިޔަ އޯގަސްޓް މަހުގެ ނިލަޔަށް ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި އެ ނޫން ވެސް ފީތަކާއި ޕާމިޓު ދޫކޮށްގެން ދައުލަތުގެ އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މިދިޔަ މަހު މީރާއަށް ދެއްކި ފައިސާގެ ތަފްސީލު ރިޕޯޓުން ދައްކާ ގޮތުގައި، ޖެނުއަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ޓެކްސް ފައިސާގެ ގޮތުގައި 11.86 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އޭގެ ތެރޭގައި ދިވެހި ރުފިޔާއިން ލިބުނު 5.63 ބިލިއަން ރުފިޔާ އާއި އެމެރިކާ ޑޮލަރުން ލިބުނު 406.48 މިލިއަން ހިމެނެ އެވެ. އާންމު އުސޫލުގެ ދަށުން، ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެގޮތުން، ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީ ހިމެނޭ ގޮތަށް، އޯގަސްޓް މަހާ ހަމައަށް 6.77 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދެން އެންމެ ގިނައިން ފައިސާ ލިބިފައިވަނީ އިންކަމް ޓެކްސްއިން ލިބުނު އާމްދަނީ އިންނެވެ. އަމިއްލަ ފަރުދުންނާއި ކުންފުނިތައް ހިމެނޭ ގޮތަށް، އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 3.82 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.42 ބިލިއަން ރުފިޔާ އޯގަސްޓް މަހާ ހަމައަށް ލިބިފައިވާއިރު، އޭގެ ބޮޑު ބައެއް ލިބިފައިވަނީ ޓޫރިޒަމް ބިމު ކުލިންނެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި 1.15 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

މިދިޔަ ޖުލައި މަހެކޭ އެއް ފަދައިން، އޯގަސްޓު މަހު ވެސް ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރު ކަމަށް މީރާގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން، އަންދާޒާ ކުރި މިންވަރަށް ވުރެ ދިވެހި ރުފިޔާއިން ލިބުނު އާމްދަނީ 5.9 ޕަސަންޓް އިތުރު ކަމަށް ރިޕޯޓުގައި ބުންޏެވެ.

އޭގެ މައިގަނޑު ސަބަބަކީ މީރާއިން ބުނި ގޮތުގައި، މިދިޔަ މަހު ޓޫރިސްޓުން އައި ލަފާކުރި މިންވަރަށް ވުރެ އިތުރުވުމުން ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސް ފަދަ ބައިތަކުން ލިބުނު ކުރިއެރުމެވެ.