Advertisement

އަމީނީ މަގުން ނަގާ ކޮންމެ ގަހަކަށް ގަހެއް އެ މަގުގައި އިންދާނަން: އާރްޑީސީ

19 ސެޕްޓެންބަރު 2022 - 12:24 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އަމީނީ މަގުގައި ހުރި ބައެއް ގަސްތައް މަގު ހެދުމުގެ ބޭނުމަށް ކަނޑާފައި. އެ ކުންފުނިން ބުނީ މަސައްކަތް ރާވާފައި އޮތީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އަމީނީ މަގުން ނަގާ ކޮންމެ ގަހަކަށް ގަހެއް އެ މަގުގައި އިންދާނަން: އާރްޑީސީ

19 ސެޕްޓެންބަރު 2022 - 12:24 1

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، ނަގާ ކޮންމެ ގަހެއްގެ ބަދަލުގައި އެ މަގުގައި ގަހެއް އިންދާނެ ކަމަށް މަގު ހަދާ ކުންފުނި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފި އެވެ.

އަމީނީ މަގު ތަރައްގީކުރަން ފެށުމުގެ ކުރިން އެ ކުންފުނިން ވަނީ އެ މަގު މަރާމާތުކުރާނީ އެއްވެސް ގަހަކަށް ގެއްލުން ނުވާނެހެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޕްލޭންކުރެވިގެން ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް، އެ މަގުގެ އިރުމަތި ފަރާތުން މަސައްކަތް ފަށާފައިވާއިރު، އެ ހިސާބުގައި ހުރި ގަސްތައް މިހާރު ވަނީ އެއްކޮށް ކޮށާލައިފަ އެވެ.

އަމީނީ މަގުގައި ހުރި ގަސްތަކެއް މަގު ހެދުމަށް ކަނޑާލާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެންނަމަވެސް މަގުގައި ހުރި ބައެއް ގަސްތައް ނަގަންޖެހޭ ކަމަށެވެ.

"އެކަމަކު މަގުން ނަގާ ގަސްތަކުގެ ބަދަލުގައި މަގު ނިމޭއިރުގައި ކޮންމެ ގަހަކަށް ގަހެއް އިންދިފައި ހުންނާނީ،" މޫކޭ ވިދާޅުވި އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ތިން ބަޔަކަށް ބަހާލައިގެން ތާރު އަޅަމުން އަންނަނީ ވަކިވަކިންނެވެ.

"މި މަސައްކަތް ފަށައިގެން ރޭގަނޑާ އެކީގައި މިހާރު ހަމަ މަސައްކަތް ކުރަމުން މި އަންނަނީ،" މޫކޭ އިތުރަށް ވިދާޅުވި އެވެ.

އެ މަގުގައި ހުރި ގަސްތައް ކަނޑަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 84 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.