Advertisement

ފަހު މެޗުގައި މިޔަންމާ އިން ޒުވާން ގައުމީ ޓީމު ބަލިކޮށްފި

19 ސެޕްޓެންބަރު 2022 - 05:54 0

މިޔަންމާގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދާން ރާއްޖޭގެ ނަފްކޮ މަަސައްކަތް ކުރަނީ.


ފަހު މެޗުގައި މިޔަންމާ އިން ޒުވާން ގައުމީ ޓީމު ބަލިކޮށްފި

19 ސެޕްޓެންބަރު 2022 - 05:54 0

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ފަހު މެޗުން މިރޭ މިޔަންމާ އަތުން 3-0 އިން ބަލިވެއްޖެ އެވެ.

މިރޭ ކުޅުނު ކޮލިފައިން އަނެއް މެޗުގައި ސައުދީ އަރަބިއްޔާ އިން ވަނީ 1-0 އިން ޗައިނާ ބަލިކޮށް އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވެފަ އެވެ. މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ނިންމާލި ޗައިނާ އަށް ވެސް ހުރިހާ ގްރޫޕެއްގެ ދެ ވަނަތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޓީމަކަށް ލިބޭ ޖާތަކުގެ ތެރެއިން އޭޝިއަން ކަޕުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ރާއްޖެ ހިމެނުނު ގްރޫޕްގައި އުޒްބެކިސްތާން ވެސް ކުޅުނެވެ. އެ ޓީމު ވަނީ ގްރޫޕްގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. އެކަަމަކު، އުޒްބެކިސްތާނަކީ އަންނަ އަހަރު އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތް ހޯސްޓްކުރާ ގައުމު ކަމަށްވާތީ އެ ޓީމު އޮތީ ކޮލިފައިވެފަ އެވެ. އެހެންވެ، އެ ޓީމުގެ ޕޮއިންޓްތައް މި ގްރޫޕްގައި ނުގުނަ އެވެ.

މެޗުތައް ނިމުނުއިރު، ގްރޫޕް ތާވަލުގެ އެއް ވަނައިގައި ސައުދީ އަރަބިއްޔާ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މިޔަންމާ އަށް ލިބުނީ ތިން ޕޮއިންޓެވެ. ރާއްޖެ ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

މިޔަންމާއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ގޯލްކީޕަރު މީސަމް ބޯޅަ ފޮނުވާލަނީ.


ސައުދީ އަރަބިއްޔާގެ ދަންމާމުގެ ޕްރިންސް ސައުދު ބިން ފަހުދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ ހާފުގައި ރާއްޖެ އަށް ލީޑުނަގައިދޭން ފަހުމާން އަބްދުލް ހަމީދު، މިޔަންމާ އޭރިއާތެރެއިން ޖެހި ބޯޅަ މިޔަންމާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި މިޔަންމާ ފޮނުވާލި ހަތް ބޯޅައެއް ރާއްޖޭގެ ގޯލުގައި ހުރި ޔޫސުފް މީސަމް އަބްދުﷲ ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރޭގައި އޭރިއާތެރެއިން ފޮނުވާލި ހަމަލާތައް ވެސް ހިމެނެ އެވެ. މިޔަންމާ އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އޭރިއާރޮނގުކައިރިން މިޔަންމާގެ ފޯވާޑް، ކައުން ހްޓެޓް ޖެހި ބޯޅަ ރާއްޖޭގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ގޯލަށް ވަނީ ކީޕަރު ޔޫސުފް އަތް މަތިން ގޮހެވެ.

ދެ ވަނަ ހާފް ފެށިގެން ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެ، ރަނގަޅު އެޓޭކުތަކެއް ކުރަން މަސައްކަތް ކުރި އެވެ. އެ ގޮތުން ރާއްޖޭގެ އަހުނަފް މުހައްމަދު ތަސްނީމު (ނަފްކޮ) އަށް ލިބުނު ފުރުސަތުގައި އޭނާ ފަޔަށް ރަނގަޅަށް ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ. ފަހުމާން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެެވެ.

މި ހާފުގައި ރާއްޖޭގެ ކީޕަރު ޔޫސުފް ހުއްޓުވި ބޯޅަތަކާ އެކު މުޅި މެޗުގައި އޭނާ ވަނީ މިޔަންމާ އިން ފޮނުވާލި 11 ހަމަލާއެއް ހުއްޓުވައިފަ އެވެ.

މިޔަންމާ އިން ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން މެޗުގެ 82 ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، މިޔަންމާގެ ސްވާން ހެޓް އެ ޓީމަށް ލީޑުފުޅާކޮށްދިނެވެ. އޭގެ ހަތަރު މިނިޓް ފަހުން، ރާއްޖޭގެ ޑިފެންސް ފަހަތުން ހުސްކޮށް ލިބުނު ބޯޅައެއް ތިރިތިރިން ގޯލަށް ވައްދާލައިގެން މިޔަންމާގެ ކެޕްޓަން، ލާ މިން އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިނެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވީ 7-0 އިންނެވެ. ދެ ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 11-0 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި ޗައިނާ އަތުން ބަލިވީ 4-0 އިންނެވެ. އަދި މިރޭ މިޔަންމާ އަތުން ބަލިވެފައިމިވަނީ 3-0 އިންނެވެ.