18 ސެޕްޓެންބަރު 2022 - 13:35 0
މާންސް އިން ވޮލީބޯލް އެކެޑަމީ ފެއްޓުމުގެ ގޮތުން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މާންސް
18 ސެޕްޓެންބަރު 2022 - 13:35 0
ކުޅިވަރަށް ހާއްސަ ސަމާލުކަމެއް ދޭ ރަށެއް ކަމަށްވާ އއ. މަތިވެރީގައި އެ ރަށުގެ ހިންގުންތެރި ޖަމިއްޔާއެއް ކަމަށްވާ މާންސް އިން ވަނީ ވޮލީބޯޅަ އެކެޑަމީއެއް ފަށައިފި އެވެ.
މަތިވެރީގައި ކުޅިވަރުގެ ރަނގަޅު ޖީލުތަކެއް ބިނާކުރުމުގެ ގަސްދުގައި މާންސް ސްޕޯޓްސްގެ އެކެޑަމީގެ މަސައްކަތް ފަށައިގަތީ މި އަހަރު ފެބްރުއަރީ މަހުގަ އެވެ. މިހާތަނަށް މާންސް އެކެޑަމީން ފުޓްބޯޅަ އާއި ވޮލީބޯޅައިގެ އެކެޑަމީ މަސައްކަތް މި ވަނީ ފަށައިފަ އެވެ.
މާންސް އިން އެންމެ ފުރަތަމަ ފެށީ އެކެޑަމީ މެދުވެރިކޮށް ފުޓްބޯޅައިގެ ޕްރޮގްރާމްތަކެވެ. މާންސްގެ އެކެޑަމީ ހުޅުވައިދެއްވީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ، ގޯލްޑަން ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.
މާންސް އިން ސްޕޯޓްސް އެކަޑެމީގެ މަސައްކަތް ފެށިތާ ހަތް މަސް ދުވަހުގެ ތެރޭގައި ވޮލީބޯލް އެކަޑެމީ ވުޖޫދު ކުރެވިފައިވާއިރު، މިއީ އެ އެކެޑަމީގެ މަސައްކަތަށް އިތުރުވި ބޮޅެކެވެ. މިއީ މަތިވެރީގެ ތާރީހުގައި ހާއްސަ ދުވަހެއްގެ ގޮތުގައި މާންސް އިން ފާހަގަކުރެ އެވެ.
މާންސް އިން ވޮލީބޯލް އެކެޑަމީ ފެއްޓުމުގެ ގޮތުން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މާންސް
މާންސްގެ ވޮލީބޯލް އެކަޑަމީ ފެށުމަށް މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތިވެރިއަށް ނިސްބަތްވާ ޒޯރާގެ ފައުންޑަރު އާދަމް އަރީފް އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ އަންހެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ގައުމީ އަންހެން ވޮލީ ޓީމުގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރު ވަނީ ބައިވެރިވެފަ އެވެ.
އަރީފް ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމަށް މަތިވެރީގެ ކުދިންނަށް ބޭނުންވާނެ ކުޅިވަރު ސާމާނުތަކާއި އެ ކުދިންގެ ކުރިއެރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި ވެސް ފަސްނުޖެހި އެއްބާރުލުން ދޭނެ ކަމަށެވެ. ރާއްޖޭގައި މިހާރު ދެމެހެއްޓެނިވި ގޮތެއްގައި ވޮލީބޯޅަ އެކެޑަމީއެއްގެ މަސައްކަތް ހިނގަމުންނުދާ ދަނޑިވަޅެއްގައި މާންސް އިން މި ފަދަ މަސައްކަތެއް ފެށިކަމަށްޓަކައި، އަރީފް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.
މާންސްގެ ރައީސް އިސްމާއިލް ނަސީމް ވިދާޅުވީ، ﷲ ގެ އިރާދަފުޅާ އެކު، ރާއްޖޭގެ މަތީފަންތީގެ ކޯޗުންގެ ތަމްރީންތަކާ އެކު އެކަޑެމީގައި ތަމްރީންވާ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން މާންސް އިން ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަށެވެ.
މާންސް ސްޕޯޓްސް އެކެޑަމީ ފެށީ އެ ރަށު ސްކޫލްގެ ގްރޭޑް 7 ން މަތީގެ 20 ދަރިވަރުންނާއެކު އެވެ. ތިން ކޯޗުންނާ އެކު ފެށި މި އެކެޑަމީ އަކީ ރާއްޖޭގައި ރަށެއްގައި މި ގޮތަށް ކުރިއަށްގެންދާ ފުރަތަމަ އެކެޑަމީ އެވެ.
Comment