18 ސެޕްޓެންބަރު 2022 - 00:42 1
18 ސެޕްޓެންބަރު 2022 - 00:42 1
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ، ޝަމްހާ އަހުމަދު, ހާފް މެރެތަންގެ ގައުމީ ރެކޯޑު މުގުރާލައިފި އެވެ.
ނޯވޭގެ ވެރިރަށް އޮސްލޯގައި މިއަދު ކުރިއަށްދިޔަ "އޮސްލޯ މެރަތަން" ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް، ޝަމްހާ ގައުމީ ރެކޯޑު މުގުރާލީ 1 ގަޑިއިރާއި 27 މިނެޓު 51 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު ކުރިން އޮތީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ.
މަރީ ހާފް މެރެތަންގެ ގައުމީ ރެކޯޑު އެންމެ ފަހުން ހެދީ މިއަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި އޮތް ރަކް އަލް ހައިމާ ހާފް މެރެތަންގަ އެވެ. އޭރު މަރީގެ ޓައިމިން އަކީ 1 ގަޑިއިރާއި 30 މިނެޓު 46 ސިކުންތެވެ.
ތަޖުރިބާކާރު މެރަތަންް ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) ގެ ބެލުމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ޝަމްހާ ވަނީ މި އަހަރު ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑުވެސް އާކޮށްފަ އެވެ. އެވެ. ޖަރުމަނުގައި ބޭއްވި ދަ އީވިއެލް ހާފް މެރަތަންގެ ފަސް ކިލޯ މީޓަރުގެ ރޭހުގައި ވާދަކޮށް ޝަމްހާ ރެކޯޑު ހެދީ 20 މިނެޓު އަށް ސިކުންތުން ރޭސް ނިންމައިގެންނެވެ.
އޭނާ އަކީ މިދިޔަ މަހާއި ހަމައަށް 100 މީޓަރު ދުވުމުގެ އަންހެން ގައުމީ ރެކޯޑް އޮތް އެތުލީޓެވެ. މީގެ 19 އަހަރު ކުރިން ޝަމްހާ ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ހެދި ރެކޯޑު މިހާރު ހުރި އެންމެ އުއްމީދީ އަންހެން ދުވުންތެރިޔާ ހިމްނާ ހަސަން މުގުރާލީ އެންމެ ފަހުން ނިމުނު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގަ އެވެ.
މިއަދު އޮސްލޯ މެރެތަންގައި ދުވުމަށް ފަހު ޝަމްހާ މިހާރު ތައްޔާރުވަމުން އަންނަނީ މި މަހުގެ 25 ވަނަ ދުވަހު އޮންނަ ބާލިން މެރެތަންގައި ވާދަކުރުމަށެވެ.
ޝަމްހާއާ އެކު ކުރިއަރަމުން އަންނަ އަންހެން މެރެތަން ދުވުންތެރިޔާ އައިޝަތު ރިޝްމީ ވެސް ވަނީ، މިއަދު އޮސްލޯ މެރަތަންގައި ދުވެފަ އެވެ. ރިޝްމީގެ ޓައިމިން އަކީ 1 ގަޑިއިރާއި 33 މިނެޓު 58 ސިކުންތެވެ.
ޝަމްހާ އާއި ރިޝްމީގެ ކޯޗު ނަސްރުﷲ އަހުމަދު ވެސް މިއަދު އޮސްލޯ މެރެތަންގައި ވާދަކުރި އެވެ. މިއީ ނަސްރުގެ 83 ވަނަ މެރެތަން އެވެ. އޮސްލޯގައި މިއަދު ފުލް މެރެތަން ދުވި ނަސްރުގެ ޓައިމިން އަކީ 3 ގަޑިއިރާއި 30 މިނެޓު 58 ސިކުންތެވެ.
Comment