Advertisement

ސްޕެއިން ސްކޮޑުގައި ރާމޯސް އަށް ޖާގައެއް ނެތް

17 ސެޕްޓެންބަރު 2022 - 07:43 0


ސްޕެއިން ސްކޮޑުގައި ރާމޯސް އަށް ޖާގައެއް ނެތް

17 ސެޕްޓެންބަރު 2022 - 07:43 0

މެޑްރިޑް (ސެޕްޓެމްބަރު 17) - ޔުއެފާ ނޭޝަންސް ލީގުގައި މި މަހު ކުޅޭ މެޗުތަކަށް ނެގި ސްޕެއިނުގެ ސްކޮޑުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސް ބާކީވެއްޖެ އެވެ.

ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްކޮޑުން ވެސް ރާމޯސް، 36، އަށް ފުރުސަތެއް ނުދެ އެވެ. މި ފަަހަކަށް އައިސް ޕީއެސްޖީގެ މެޗުތަކުގައި ކުޅެމުން އަންނަ ރާމޯސް އަށް މި ފަހަރު ސްޕެއިން ސްކޮޑުން ފުރުސަތު ނުލިބުނުއިރު، އޭނާ އަށް އަންނަ ނޮވެމްބަރު/ޑިސެމްބަރުގައި ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ސްކޮޑުން ވެސް ފުރުސަތު ނުލިބޭނެ ކަމަށް މިހާރު ބެލެވެ އެވެ.

ރާމޯސް އަކީ ސްޕެއިނުން 2008 އާއި 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށް 2010 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިއެކެވެ. ފަހަކަށް އައިސް ސްޕެއިން ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ކުޅުންތެރިއެކެވެ. މި އަހަރު މާޗް މަހު ރާމޯސް ވަނީ ސްޕެއިނަށް 180 ވަނަ މެޗު ކުޅެދީފަ އެވެ. އޭނާ އެންމެ ފަހުން ސްޕެއިނަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ކުރިންނެވެ.

ސްޕެއިނުގެ މީޑިއާތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ރާމޯސްގެ އިތުރުން ސެލްޓަ ވީގޯގެ ފޯވާޑްް، އިއާގޯ އަސްޕާސް އަށް ވެސް ސްކޮޑުން ފުރުސަތު ނުދޭތީ އެވެ. އެންރީކޭ ބުނީ ސްކޮޑުން ޖާގަ ނުލިބޭ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ކުޅުންތެރިން ވެސް ޓީމަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ކޮންމެ ފަހަރަކު ވެސް ސްކޮޑު ލިސްޓެއް ނުކުންނައިރު ގިނަ ބަޔެއްގެ ލޯ މި އަމާޒުވަނީ ސްކޮޑުގައި ނެތް ކުޅުންތެރިންނަށް. އެހެންވެ، އަހަރެން ވާހަކަ ދައްކަން ބޭނުންވަނީ ސްކޮޑުގައި ތިބި ކުޅުންތެރިންނާ ބެހޭގޮތުން. އަހަރެން މި 25 ކުޅުންތެރިން މި ނެގީ މި ވަގުތަށް އެންމެ ބޭނުންވަނީ މި ކުޅުންތެރިން ކަމަށްވާތީ،" އެންރީކޭ ބުންޏެވެ.

ސްޕެއިން ސްކޮޑުން މި ފަހަރު މުޅިން އަލަށް ފުރުސަތު ހޯދީ ރެއާލް ބެޓިސްގެ ފޯވާޑް، ބޯހާ އިގްލީސިއަސް އާއި އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް އެވެ. ނިކޯ ވިލިއަމްސް އަކީ ސްޕެއިނުން ފުރުސަތު ނުލިބޭތީ ދާދި ފަހުން ގާނާ ޓީމަށް ކުޅެން ނިންމި، ބިލްބާއޯގެ ފޯވާޑް، އިނާކީ ވިލިއަމްސްގެ ކޮއްކޮ އެވެ.

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް ބަލާއިރު، ސްޕެއިނުން މި މަހު 24 ވަނަ ދުވަހު ސްވިޒަލެންޑާ ކުޅުމަށް ފަހު ތިން ދުވަސް ފަހުން ބައްދަލުކުރާނީ ޕޯޗުގަލްއާ އެވެ.