Advertisement

ރަށު ނޯޓު: ކޮޅުފުށީގެ މާޒީ އަދި މިހާރު

17 ސެޕްޓެންބަރު 2022 - 14:08 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މ. އަތޮޅު ކޮޅުފުށި: މި ރަށަކީ ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށް. -- ފޮޓޯ: މާހިދު


ރަށު ނޯޓު: ކޮޅުފުށީގެ މާޒީ އަދި މިހާރު

17 ސެޕްޓެންބަރު 2022 - 14:08 0

ދެހާސް ހަތަރު ވަނަ އަހަރު އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ކަނޑުގެ ގާތްގަނޑަކަށް 10 ކިލޯ މީޓަރު އަޑިއަށް އައި ވަރުގަދަ ބިން ހެލުމުން އުފައްދާލި ބާރުގަދަ ސުނާމީގެ ގެއްލުން އެންމެ ބޮޑަށް ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މި ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި އެއް ރަށަކީ މ. ކޮޅުފުއްޓެވެ.

ސުނާމީގައި އެ ރަށުގެ 16 މީހަކު މަރުވި އެވެ. ގިނަ ބައެއްގެ ގެދޮރު ގެއްލި އެތައް ދުވަހެއް ވަންދެން ޓެންޓާއި ވަގުތީ ހިޔާތަކުގެ ހިތްދަތިކަމާއި ދިރިއުޅުމުގެ ހުރިހާ ތުރާލެއް އެރަށުގެ ރައްޔިތުން ތަހައްމަލު ކުރިއެވެ. އެއީ ފަހުގެ ތާރީހެއްގައި ކޮޅުފުށި ތަޖުރިބާކުރި އެންމެ "ކަޅު" ހާދިސާ އެވެ. އެ ރަށޭ ބުނުމުން އަދިވެސް ގިނަ ބަޔެއްގެ ހަނދާނަށް އަންނާނީ ސުނާމީ ކާރިސާގައި ތަޖުރިބާކުރަންޖެހުނު ހިތްދަތިކަމެވެ.

މ. އަތޮޅު ކޮޅުފުށި


ނަމަވެސް، ކޮޅުފުށިން ދެނީ ހަމައެކަނި މިހާދިސާއެއްގެ ހަނދާނެއް ނޫނެވެ. އެރަށުގެ ތާރީހު ޝައުގުވެރިވެފައި މާޒީ ގިނަ ވާހަކަ ކިޔައިދެ އެވެ.

ކޮޅުފުށީ "މަސްޖިދުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް" އަކީ ކަޅުއޮށްފުންމީގެ ލަކުޑިން ބިނާކޮށްފައިވާ މިސްކިތް ކަމަށް ބުނެ އުޅެ އެވެ. ރަށުގެ ވެށި މެދުރާއްޖެތެރޭގައި އޮންނަ ގިނަ ރަށްތަކާއި ތަފާތެވެ.

އެ ރަށުގެ ޗަސް ބިމަކާއި ކުޅިއެއް އޮވެ އެވެ. މިހާރު އެ ކުޅި މޫދާ ގުޅިފައި އޮތަސް، ކުރިން އެއީ މޫދާއި ނުގުޅި ގުދުރަތީ މުއްސަނދިކަން އިންތިހާ އަށް އޮތް ތަނެކެވެ. އެކި ވައްތަރު ދޫނި ސޫފާ ސޫއްޕާއި މަސްމަހާއި މެއްސާއި ގަސްގަހާގެއްސެވެ. އެ ރީތި، މުއްސަނދި، ފެންހެޔޮ ކުޅި ލޮނު ކުޅިއަކަށް ބަދަލުވެ، ގުދުރަތީ ދިރުންތައް ވެސް އަންނަނީ ނެތެމުންނެެވެ.

ހަތްދިހަ ހަ ހެކްޓަރުގެ ކޮޅުފުއްޓަށް ދީފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ކޭ-7 އެވެ. ރަށުގެ މިހާރުގެ އާބާދީއަކީ 1465 އެވެ. އެއީ 750 ފިރިހެނުންނާއި 715 އަންހެނުންނެވެ.

މި ރަށުގެ އިގުތިސޯދުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަންގިވިނުމެވެ. ގިނަ ޒުވާނުން އުޅެނީ ރިސޯޓުތަކުގެ ވަޒީފާގަ އެވެ. މިރަށުގައި ދެ މަސް ދޯންޏާއި، 6 ކުދި ދޯނި އަދި 40 ޑިންގީ އޮވެ އެވެ. އެގާރަ ފިހާރަ އާއި ތިން ކެފާ އާއި އެއް ގަރާޖާއި ތެލާއި ގޭސް ވިއްކާ ތިން ތަން ހުރެ އެވެ.

ރަށުގެ ވެހިކަން ގަދަ ވެށީގެ ހިތްގައިމުކަން އިތުރުވެފައިވަނީ އާންމު ހުރިހާ ހިދުމަތެއް ކަހަލަ ގޮތަކުން ރަށުގައި ލިބެމުން އަންނާތީ އެވެ. ސައުވީސް ގަޑިއިރުގެ ކަރަންޓް ޔަގީންވެފައިވާއިރު، ސިއްހީ މަރުކަޒެއް ހުރެ އެވެ. ގުރޭޑް 10 އަށް ކިޔަވައިދެ އެވެ. ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާއިރު، ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއީ ސަގާފީ ކުޅިވަރުތަކުގައި ވެސް އަރައިހުރި ރަށެކެވެ. ތާރަޖެހުމާއި ލަނގިރިޖެހުމާއި ބިލަތްދަފި ނެގުމާއި ބޮޑުމަސް ދުއްވުން ފަދަ ކުޅިވަރުތައް މި ރަށުގައި ވަރަށް ފުރިހަމަ އަށް ކުޅެ އެވެ. މި ވަގުތު ރަށުގައި ގެސްޓްހައުސްއެއް ނެތަސް، މ. އަތޮޅުގައި ޓޫރިޒަމް ތަރައްގީވެ، ކުރިއަރަން ފެށުމުން ކޮޅުފުށި ވެގެންދާނީ ފުރުސަތު ބޮޑު ރަށަކަށް ވާނެ އެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ކޮޅުފުށި އަތޮޅު: މުލަކު އަތޮޅު (މ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: ކޭ-7 އާބާދީ: 1465، ފިރިހެނުން: 750، އަންހެނުން: 715 ފިހާރަ: 11 ކެފޭ, ރެސްޓޯރެންޓް: 3 ތެލާއި ގޭސް ވިއްކާ: 2 ތަން ގަރާޖު:1 ފާމަސީ: 1 ގެސްޓްހައުސް: ނެތް ތައުލީމު ދޭ ފެންވަރު: ގްރޭޑް 10 ކަރަންޓް: 24 ގަޑިއިރު ކައުންސިލް: ފޯން ނަންބަރު:0606 672 އީމެއިލް:[email protected] ވެބްސައިޓް: kolhufushi.gov.mv