Advertisement

"ކިންގްމޭކާ" ގާސިމާ ނުލައި ވެރިކަމަށް އާދެވިދާނެތަ؟

15 ސެޕްޓެންބަރު 2022 - 10:31 6

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ގާސިމް އިބްރާހިމް: މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރެއް އުފެއްދުމުގައި ގާސިމްގެ ދައުރު ވަރަށް ބޮޑު -- ފޮޓޯ: އަބްދުﷲ "އަބޯ" ޝަފީއު/އަދަދު


"ކިންގްމޭކާ" ގާސިމާ ނުލައި ވެރިކަމަށް އާދެވިދާނެތަ؟

15 ސެޕްޓެންބަރު 2022 - 10:31 6

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވިތާ ދެ ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ގާސިމް އިބްރާހިމާއެކު އޭނާގެ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.

ރައީސް ސޯލިހުގެ "ރައިޓް ހޭންޑް" ބޭފުޅުންނާއެކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ދިރިއުޅުއްވާ ރިސޯޓަށް ޖޫން 11، ގައި ރޭގަނޑުގެ ފަރިއްކޮޅަކަށް އެމަނިކުފާނު ވަޑައިގެންނެވިއިރު އޭގެ 48 ގަޑިއިރު ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމެރީގައި އެމަނިކުފާނަކީ ޕާޓީއަށް ޗޮއިސްއެއް ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބަޔަކަށް، ރާއްޖޭގެ ކަންކަން ހިންގާ ގޮތާމެދު ފިކުރު ކުރާ ބަޔަކަށް ރައީސް ސޯލިހު ދެއްވި ވަރަށް ތާރީހީ މެސެޖެއް އެއީ،" އެ ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ގާސިމް އިބްރާހިމަކީ ރާއްޖޭގެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ. މިހައިތަނަށް ބޭއްވި ހުރިހާ ޑިމޮކްރެޓިކް ރިޔާސީ އިންތިހާބެއްގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގާސިމް އެބޭފުޅުންގެ ފަހަތުގައި ހުންނަވައިގެނެވެ. ރައީސް ސޯލިހު ވެސް ވެރިކަމަށް ވަޑައިގަތީ ހަމަ އެގޮތަށެވެ.

ހަގީގަތް މިހެން އޮތްއިރު، ސިޔާސީ ގޮތުން ވަރަށް މަޑުން ހުންނެވުމަށްފަހު މިދިޔަ އަންގާރަ ދުވަހު އޭނާގެ ވިލާ ޓީވީ ދުރުކޮށްލެއްވުމަށްފަހު ރާއްޖެ ޓީވީގެ "ފަށާއިރު" ގައި އާމިރު ސަލީމާ ވާހަކަ ދައްކަވަމުން ގާސިމް ވަނީ ސަރުކާރާމެދު ހިތްހަމަނުޖެހޭ ކަން ހާމަ ކުރައްވައިފަ އެވެ. އަހަރުތަކަކަށްފަހު ގާސިމްގެ އުދާސްތަކުން ބައެއް އާންމުންނާ ހިއްސާ ކުރެއްވިއިރު ވިދާޅުވީ "ކޯލިޝަނުން ވެރިކަން ކާމިޔާބު ކުރެވުނަސް، ވެރިކަމަށް ލިބުމަށް ފަހު ކޯލިޝަނެއް އޮތެކޭ، ނެތެކޭ އެއްފަދަ" ކަމަށެވެ.

ސުވާލަކީ އަންނަ ރިޔާސީ އިންތިހާބާ ހަމައަށްދާއިރު ގާސިމް ހުންނަވާނީ ސިޔާސީ ގޮތުން ކޮން ބޭފުޅަކާއެކުތޯ އެވެ؟ އަދި އަންނަ އަހަރުގެ ރިޔާސީ ރޭހުން ވެސް ކުރި ލިބޭނީ "ކިންގްމޭކާ" ގާސިމް އަރުއްވާ ކޮޅަކަށްތޯ އެވެ؟ ނުވަތަ މިފަހަރު، ގާސިމާ ނުލައި ވެރިކަމަށް ބޭފުޅަކަށް ވަޑައިގެންނެވިދާނެތޯ އެވެ؟

އެންމެންގެ ރަހުމަތްތެރިޔާ އަދި ދުޝްމަނު

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް 1990 ވަނަ އަހަރު ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގެންފަހުން، މި ރާއްޖޭގައި ކުރި ކޮންމެ ވެރިކަމެއްގައި އޭނާއަށް ވަނީ އިއްޒަތް ލިބިފަ އެވެ. އެކަމަކު އެ އިއްޒަތާއެކު ވެރިންގެ ނުރުހުމާއި އަނިޔާއާ ވެސް ކުރިމަތިލައްވަންޖެހިވަޑައިގަތެވެ.

ދިވެހި ރައީސުންގެ ތެރެއިން މިހާތަނަށް ގާސިމް ހައްޔަރު ކުރައްވައި ކުޑަ ގޮޅިއަށް ނުލައްވަނީ ރައީސް އިބްރާހިމް ނާސިރާއި ރައީސް ސޯލިހު އެކަންޏެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާއި ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ގާސިމް ހައްޔަރު ކުރައްވައިފަ އެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަމުގައި ގާސިމް ސިޔާސީ ގޮތުން ތަފާތު ތަޖުރިބާތަކެއް ކުރެއްވި އެވެ. ސިޔާސީ ޕާޓީ އުފެއްދުން މަނާ ދުވަސްވަރެއްގައި އެމްޑީޕީ އުފައްދަން ފުރަތަމަ ސޮއި ކުރެއްވި 42 މީހުންގެ ތެރޭގައި ގާސިމް ހިމެނެ އެވެ.

އޯގަސްޓް 12/13 ގައި ރައްޔިތުން ޖުމްހޫރީ މައިދާނަށް އެއްވުމުން އެތަނުގައި ވާހަކަ ދައްކަވައިގެން ކުޑަ ގޮޅިއަށްލި އެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ގޮންޖެހުންތަކާ ސިޔާސީ ގޮތުން ކުރިމަތިލައްވަންޖެހިވަޑައިގަތެވެ.

ނަމަވެސް އޭގެ ފަހުން މައުމޫނުގެ ފައިނޭންސް މިނިސްޓަރުގެ މަގާމާއި ގަވަރުނަރުގެ މަގާމް ގާސިމް އަހަރެއްހާ ދުވަހު އަދާ ކުރެއްވި އެވެ. މައުމޫން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބު ލީޑަރަކަށް ވެސް ހުންނެވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ބޯމަތިވެފައި އޮއްވައި، ޖުލައި، 2008 ގައި ސަރުކާރާއި ޕާޓީއިން އިސްތިއުފާ ދެއްވައި، ޖުމްހޫރީ ޕާޓީ އުފެއްދެވީ އެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޑރ. އަހުމަދު އަލީ ސަވާދު ރަނިންމޭޓަކަށް ލައްވައިގެން 2008 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް 27،056 ވޯޓު ހޯއްދެވި އެވެ. އެއީ ސައްހަ ވޯޓުލީ 176،567 މީހުންގެ ތެރެއިން 15.32 ޕަސެންޓު މީހުންގެ ވޯޓެވެ. ދެ ވަނަ ބުރުގައި ގާސިމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ކެންޑިޑޭޓުންގެ ކޯލިޝަނަކުން ނަޝީދުގެ އިންތިހާބު ކާމިޔާބު ކުރެއްވީ 97،222 ވޯޓާއެކު 54.21 ޕަސެންޓު ހޯއްދަވައިގެނެވެ.

ގާސިމް އިބްރާހިމަކީ ނަޝީދުގެ ފުރަތަމަ ހޯމް މިނިސްޓަރެވެ. ނަމަވެސް ދާދި އަވަހަށް އެ މަގާމުން ގާސިމް އިސްތިއުފާ ދެއްވައިފި އެވެ. އަދި މާގިނަ ދުވަސްތަކެއްނުވެ، ގާސިމް ދެން ފެނިވަޑައިގެންނެވީ އިދިކޮޅުންނެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި، ގާސިމް އާއި ނަޝީދުގެ ދެމެދުގައި ވަރަށް ބޮޑެތި މައްސަލަތަކެއްޖެހުނެވެ. މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރައްވާ ކަމަށް ބުނެ ގާސިމް ހައްޔަރު ކުރި އެވެ. ނަމަވެސް ކޯޓުމަރުހަލާގައި މިނިވަންވެވަޑައިގެންނެވި އެވެ. އަދި ގާސިމްގެ އެއާލައިނު ފްލައިމީގެ މަސައްކަތް ހުއްޓުވައި ރިސޯޓުތަކުގެ ސްޕާތައް ވެސް ސިޔާސީ ކަންތައްގަނޑެއްގެ ތެރޭގައި ނަޝީދު ބަންދު ކުރެއްވި އެވެ.

ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމަށްފަހު ބޭއްވި 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަނިންމޭޓު ޑރ. ހަސަން ސައީދާއެކު ނިކުމެވަޑައިގެން 48,131 ވޯޓު ހޯއްދެވި އެވެ. އެއީ 23.3 ޕަސެންޓް ވޯޓެވެ. އޭގެ ކުރިން 2008 ގައި ލިބުނު ވޯޓަށްވުރެ، 21،075 ވޯޓު ގިނައިން އެފަހަރު ގާސިމް ހޯއްދެވި އެވެ. އެ އަހަރުގެ ދެ ވަނަ ބުރުގައި ގާސިމާއެކު ކޯލިޝަން ހަދައިގެން ޔާމީން ކާމިޔާބު ކުރެއްވީ 111,203 ވޯޓާއެކު 51.39 ޕަސެންޓު ހޯއްދަވައިގެނެވެ.

އެކަމަކު ޔާމީންގެ ވެރިކަމުގައި ވެސް ރަހުމަތްތެރިއެއްގެ ގޮތުގައި ހުންނެވުމަށްފަހު އިސާހިތަކު ގާސިމަކީ ރައީސް ޔާމީންގެ ދުޝްމަނަކަށް ބަދަލުވި އެވެ. މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ގާސިމް 2017 ވަނަ އަހަރު ހައްޔަރު ކުރި އެވެ. އަދި ޖަލުގައި އޮންނެވުމަށްފަހު އާލާސްކަންފުޅާ ޖަރުމަނަށް ވަޑައިގެންނެވުމުން ދަރިކަލުން ސިޔާދް ގާސިމް ހައްޔަރު ކުރި އެވެ. ގާސިމް އަދި ދަރިކަލުން މިނިވަންވީ ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ.

ގާސިމް ވެސް ހިމެނޭ ބޮޑު ކޯލިޝަނަކުން ރައީސް ސޯލިހު ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެއްވީ 134,705 ވޯޓާއެކު 58.38 ޕަސެންޓު ހޯއްދަވައިގެނެވެ. އެހެންކަމުން ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓުގެ ތެރެއިން އެއް ބަޔަކީ ގާސިމްގެ ސަޕޯޓާއެކު ލިބުނު ވޯޓުކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.

ގާސިމްއާ ނުލައި ވެރިކަމަށް އާދެވިދާނެތަ؟

ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ގާސިމާ ނުލައި ވެރިކަމަށް ވަޑައިގަތުމަކީ އުނދަގޫ މަސައްކަތެކެވެ. މިކަމުގެ ކަންބޮޑުވުން އެންމެ ބޮޑަށް ފާޅު ކުރައްވާ އެއް ބޭފުޅަކީ ނަޝީދެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި އޮތް ހައްލަކީ ބަރުލަމާނީއަކަށް ނިޒާމު ބަދަލުކޮށް، 35 ޕަސެންޓާއެކު ވެރިކަމަށް އާދެވޭނެ ގޮތް ހެދުމެވެ.

މިހާރު ނިޒާމު އޮތް ގޮތުން ހަމައެކަނި އޮތް ގޮތަކީ ގާސިމްގެ ވެސް ތާއީދު ހޯއްދެވުން ކަމަށް ނަޝީދު ގަބޫލު ކުރައްވަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ކެންޑިޑެންސީ އިއުލާން ކުރެއްވުމާއެކު ފުރާވަޑައިގަންނަވަން ޖެހިވަޑައިގަތީ މާމިގިއްޔަށް, އެހެނަސް ޖުމްހުރީ އަދި އެގޮތަށް ނިންމިތަނެއްް ނުފެނޭ, މިހާރު ރައިސުލްޖުމްހޫރިއްޔާގެ ކެންޑިޑެންސީގެ އުއްމީދު އެގޮތަކަށް ވެސް ކުރިއަށް ގެންދެވޭނީ ޖުމްހޫރީ ޕާޓީ ނިންމާ ގޮތެއްގެ މައްޗަށް," ނަޝީދު ވިދާޅުވެފައިވެ އެވެ.

ހުދު ނަޝީދު ވެސް، ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކެވުމަށްފަހު ވަޑައިގެންނެވީ ގާސިމްގެ ތާއީދު ހޯއްދެވުމަށް ހަމަ ސަން އައިލެންޑަށެވެ. އެހެންކަމުން ނަޝީދަށް ވެސް ގާސިމްގެ އެއްބާރުލުމާއެކު މެނުވީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވަން އުނދަގޫކަން އެބަ އެނގެ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމާފައިވާއިރު ކޯލިޝަނެއް ހަދަންޖެހިދާނެކަމުގެ ބިރު އެބަ އޮތެވެ. ނަމަވެސް އެއީ 2013 ވަނަ އަހަރުގައި ހެދި ކޯލިޝަނުގެ ތަޖުރިބާއަށް ބަލާއިރު އެ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޕާޓީގެ އިސް ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ.

"ކޯލިޝަން ހަދައިގެން ވެރިކަމަށް އައީމަ ވާ ގޮތަކީ ބައިވަރު ކަންކަން ކޮށްދޭންޖެހޭ ކޯލިޝަން ޕާޓްނަރުންނަށް. އެމީހުން މި އޮންނަނީ ދައުލަތަށް ފައިސާ ދައްކަންޖެހިފަ. އަނެއްކާ ބޮޑެތި ވިޔަފާރިވެރިން ވީމާ އެބަޖެހޭ އެބޭފުޅުންގެ މަސްލަހަތު ވެސް ހިމާޔަތްކޮށްދޭން،" ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ޝިޔާމް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ޝިޔާމް ގަބޫލު ކުރައްވާ ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް "ރަނގަޅު ހިސާބަކަށް" ވަޑައިގެންނެވޭނީ ވެސް ގާސިމް އިބްރާހިމް އެމަނިކުފާނުގެ ފަހަތުގައި ހުންނަވައިގެނެވެ. އެކަމަކު ކޯލިޝަނެއްގެ "ބިރުވެރިކަމުން" ސަލާމަތްވުމަކީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވެސް އެދޭ ގޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިހާރު ވެސް ސަރުކާރުން ގާސިމް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާ. އެއީ ސަރުކާރު ދަމަހައްޓަން. ދެ ވަނަ ދައުރެއް ސެކުއާ ކުރާއިރު ވެސް ގާސިމް މުހިންމު. ގާސިމްއާ ނުލައި ރިޔާސީ އިންތިހާބުގައި ރަނގަޅު ހިސާބަކަށް ވެސް ރައީސް ސޯލިހަކަށް ވަޑައިނުގެންނެވޭނެ. އެކަމަކު ވެސް އަޅުގަނޑު ވެސް ގަބޫލު ކުރަނީ ކޯލިޝަނަކާ ނުލައި ވެރިކަމަށް އާދެވޭނެ ގޮތް ހަދަންޖެހޭ ކަމަށް. ސިޔާސީ ޕާޓީއެއްގެ މަސައްކަތް ރައްޔިތުންނަށް ފެންނާނީ އެއިރުން،" އޭނާގެ ހިޔާލު ޝިޔާމް ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

އެކަމަކު، ކޯލިޝަނާމެދު ޖުމްހޫރީ ޕާޓީން ދެކޭ ގޮތް ތަފާތެވެ. މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކެވި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައަކީ ކޯލިޝަނެއް ނޫނެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި މައްސަލައަކީ ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގަތުމަށްފަހު، އަމިއްލަފުޅަށް އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރެވުމެވެ.

"ތާރީހު ހެކިދޭ ހަގީގަތަކީ ގާސިމްގެ އެހީތެރިކަމާ ނުލައި އެއްވެސް ބޭފުޅަކަށް ވެރިކަމަށް ވަޑައިގެންނެވިފައި ނެތްކަން. އަޅުގަނޑު ނުދަންނަވަން ގާސިމްގެ އެހީތެރިކަން ނުލިބުން ނަމަ އެބޭފުޅުން ނުހޮވޭނެއެކޭ. އެކަމަކުމި ދަންނަވަނީ ގާސިމްގެ އެހީތެރިކަން ލިބިގެންނޭ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީ. އެހެންވީމާ އޭގެން ވެސް ގާސިމްގެ މުހިންމުކަން އެނގޭ ސަރުކާރުތައް އުފެއްދުމަށް،" އަމީން ވިދާޅުވި އެވެ. "އަދިވެސް އަޅުގަނޑު ގަބޫލު ކުރަނީ ދިވެހިރާއްޖޭގައި ވެރިކަމެއް އެކުލަވާލަން، ސަރުކާރެއް ގާއިމް ކުރަން، ގާސިމް އިބްރާހިމްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެކަމަށް."

އަންނަ އަހަރު ރިޔާސީ އިންތިހާބަށް ކައިރިވާ ވަރަކަށް ގާސިމްގެ އިބްރާހިމްގެ މުހިންމުކަން މި ދަނީ އެނގެމުންނެވެ. ގާސިމް އިބްރާހިމާ ބައްދަލު ކުރައްވާ ސިޔާސީ ބޭފުޅުން ވެސް މި އޮތީ ގިނަވެފަ އެވެ. ދެން އޮތީ ގާސިމްގެ ނިންމުމެވެ. ގާސިމް މިފަހަރު ބޭފުޅެއްގެ ފަހަރަށް އަރުއްވާނެތޯ އެވެ؟ ކޯލިޝަނެއް ހަދާ ނަމަ ގާސިމް ހުންނަވާނީ ރައީސް ސޯލިހާއެކުތޯ އެވެ؟ ނޫން ނަމަ ގާސިމް އަރުއްވާނީ ނަޝީދު ނުވަތަ ޔާމީންގެ ފަހަތްޕުޅަށްތޯ އެވެ؟ އެނގޭނީ ވަގުތު އައިސް ޖެހުމުންނެވެ. އެކަމަކު ޔަގީންވާ ކަމަކީ ގާސިމްގެ އެހީއާ ނުލައި ވެރިކަމަށް އައުމަކީ އަދިވެސް ބޮޑު ގޮންޖެހުމެއް ކަމެވެ.