Advertisement

ނޫސްވެރިންގެ މައްޗަށް ސަރުކާރުން އަތްގަދަ ކުރާނެ ޖާގައެއް މިއަދަކު ނެތް: ރައީސް

14 ސެޕްޓެންބަރު 2022 - 22:28 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ބްރޯޑްކާސްޓިން އެވޯޑު ދިނުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


ނޫސްވެރިންގެ މައްޗަށް ސަރުކާރުން އަތްގަދަ ކުރާނެ ޖާގައެއް މިއަދަކު ނެތް: ރައީސް

14 ސެޕްޓެންބަރު 2022 - 22:28 0

މީޑިއާ އާއި މައުލޫމާތު ފަތުރާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށާއި ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަ ކުރާނެ ޖާގައެއް މިއަދަކު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ބްރޯޑްކާސްޓިން ދާއިރާގެ ހިދުމަތްތެރީންގެ މަސައްކަތުގެ އަގު އަދާކުރުމަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކޮށްގެން މިރޭ ބޭއްވި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިޔާލު ފާޅުކުރުމަށް ދައްޗެއް މިއަދު ނެތް ކަމަށެވެ. އެހެން ނަމަވެސް، ކަމަކާ ގުޅިގެން ފެންނަ ގޮތާއި ދެކޭގޮތް ހާމަކުރާއިރު، ފާޅުކުރެވޭ ހިޔާލު ވާންވާނީ އަނެކާއަށް އިހުތިރާމްކުރެވޭ ހިޔާލަކަށް ކަމަށް ވިދާޅުވި އެވެ.

އެއްބައެއްގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކުންގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެން ނުވާނެ ކަމަށާއި މި އުސޫލާ ހިލާފަށް ބައެއް ކަންކަން ދާތީ އިސްލާހުކުރަންޖެހޭ ކަންކަން އަދިވެސް މީޑިއާ ދާއިރާގައި އެބަހުރިކަން ވެސް ފާހަގަކުރެއްވި އެވެ.

"..ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ. މާލީ ދަތިކަން ހުރިކަން އަޅުގަނޑުވެސް ގަބޫލު ކުރަން. އެހެން ނަމަވެސް ޗެނަލް ހިންގާ ނިޔަތާ އެއްވަރަށް ކޮންޓެންޓްގެ ކަޅުކަން ބޮޑުވުމުން އެމަންޒަރާ އަޑު އާއިލީ ސިޓިންގ ރޫމްތަކަކަށް ނުފެތޭ،" ރައީސް ވިދާޅުވި އެވެ.

ރާޢްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ ދުވަހަށް އަގުހުރި ހިދުމަތްތަކެއް ހިދުމަތްކުރެއްވި، ސަމަރްބުލޫ އިބްރާހިމް މަނިކާއި މަރުހޫމާ ޒާހިދާ އިބްރާހީމަށް "ލައިފްޓައިމް އެވޯޑް" އެރުވި ޖަލްސާގައި ރައީސް ވަނީ، މައުލޫމާތު ފެތުރުމުގެ ދާއިރާ އަށް އައި ކުރިއެރުންތަކާއި ބަދަލުތައް ފާހަގަކުރައްވާފަ އެވެ.

2008 ވަނަ އަހަރު ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ހަނިކުރެވިފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ފެތުރުމުގެ ހައްގު މިނިވަންވެ، ފުޅާވެގެން ދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެ ބަދަލާ އެކު މީޑިއާ ދާއިރާއަށް ކަޅު ދުވަސްތަކަކާ ކުރިމަތިލާން ޖެހުނުކަން ވެސް ފާހަގަކުރެއްވި އެވެ.

"އަލަށް ގެނެވޭ އާ ނިޒާމަށް ހޭނުމުގާ ހުރިހާ އެންމެނަށް އޮންނަ އާކަން ނޫސްވެރިކަމަށްވެސް އޮންނާނެ. 2008 ގެ ފަހުން ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަށް ފަހު ކުރިމަތިވި ކަންތައްތަކުން އެކަނިވެސް މިމަންޒަރު ފެނޭ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީވީ ޗެނަލްގެ އިމާރާތް އަންދާ އަޅިއަށް ހަދާލި. އެތަށް ނޫސްވެރިންނަކަށް. ނުރައްކާތެރި ހާލަތްތަކާ ކުރިމަތިވި. ސިޔާސީ މީހުން ނޫސްވެރިންނަށް. އަދި ނޫސްވެރިން ސިޔާސީ މީހުންނަށް ބަދަލުވާ އަވަސް މަންޒަރު ފެނޭ،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މައުލޫމާތު ފެތުރުމުގެ ދާއިރާއަށް ބޭނުންވާ އިސްލާހުތައް ގެނައުމަށާއި، ގެނެވޭ ހަބަރާއި މައުލޫމާތުގެ ފެންވަރު ރަނގަޅުކޮށް ފޭރާން ހެޔޮ މައުލޫމާތަކަށް ހެދުމަށް މިހާރަށްވުރެ ގިނަ މަަސއްކަތް ކުރަންޖެހޭ ކަމަށެވެ. އޭގެ ޒިންމާ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުގައި އެބައޮތް ކަމަށެވެ.

މިދިޔަ ޖުލައި މަހު ތަސްދީގުކުރަންފެށީ ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިކަމަށް ހުރަސްއެޅޭގޮތަށް އޮތް މާއްދާ އަށް ވެސް ރައީސް އަލިއަޅުވާލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ އިސްލާހާ މެދު މީޑިއާގެ ކަންބޮޑުވުން އޮތްކަން އެނގިލައްވާ ކަމަށެވެ. އެހެންކަމުން، މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް، މަޝްވަރާކޮށްފައިވާނެ ކަމަށާއި، ހައްލެއް ހޯދުމަށް އެ ގާނޫނު އަލުން އިސްލާހުކުރުމަށް ނިންމަވައިގެން ހުންނެވިކަން ވެސް ހާމަކުރެއްވި އެވެ.

"..ހިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަށް ވުރެ، ނޫސްވެރިކަމާ ބްރޯޑްކާސްޓްކުރުމުގެ ޒިންމާ މާ ބޮޑު. އެއީ ގައުމީ މަސްލަހަތު ހިމާޔަތްކުރުން. ގައުމީ މަސްލަހަތާ ގުޅިފައިވާ ކަންކަމަށް ރައްޔިތުންގެ ހިޔާލާ ވިސްނުން ސީދާ ކޮށްދިނުން. ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތާރީހުން ވެސް ސާބިތު ކޮށްދެނީ އެ ހަގީގަތް،" ރައީސް ވިދާޅުވި އެވެ.