Advertisement

ޓޫރިޒަމަށް މީހުން ބިނާކުރަން އެމްއެންޔޫ އާއި ވިލާ ގުޅިއްޖެ

15 ސެޕްޓެންބަރު 2022 - 10:36 0

އަމަން ހަލީމް

އަމަން ހަލީމް

އެމްއެންޔޫ އާއި ވިލާ ހޮޓެެލްސް އެެންޑް ރިސޯޓްސްއިން އެއްބަސްވުން ބަދަލުކުރަނީ: މިއީ ޓޫރިޒަމް ދާއިރާއަށް ދިވެހިން ބިނާކުރަން ވެވުނު އެއްބަސްވުމެއް. -- ފޮޓޯ: އަދަދު


ޓޫރިޒަމަށް މީހުން ބިނާކުރަން އެމްއެންޔޫ އާއި ވިލާ ގުޅިއްޖެ

15 ސެޕްޓެންބަރު 2022 - 10:36 0

ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމުގެ ބޭނުމުގައި ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ އާއި ވިލާ ހޮޓެެލްސް އެެންޑް ރިސޯޓްސް ގުޅިގެން ހަރަކާތްތައް ހިންގަން ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އާއި ވިލާ ހޮޓެެލްސް ގުޅިގެެން އެ ޔުނިވާސިޓީގައި ޓޫރިޒަމް ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ސްޓްރަކްޗާޑް އިންޓާންޝިޕް ޕްރޮގްރާމުތަކާއި ދާއިމީ ވަޒީފާގެ ފުރުސަތުތައް ފަހިކުރެވިގެން ދާނެެ އެެވެެ.

އެމްއެންޔޫ އާއި ގުޅިގެން ވިލާއިން މަސައްކަތް ކުރުމުގެ އަނެއް ބޭނުމަކީ ޓޫރިޒަމުގައި ހުރި ފުރުސަތުތަކަށް ދިވެހިންގެ ލޯހުޅުވައިދީ، ސީދާ ވަޒީފާގެެ މާހައުލުން ލިބޭޭ ތަޖުރިބާގެެ އަލީގައި ދަރިވަރުންގެެ ޝައުގުވެެރިކަން ހުރި ދާއިރާއަކުން ކުރިއަރަން އެެހީތެެރިވެެދިނުމެެވެެ.

އެެގޮތުން، ހުރި ފުރުސަތުތަކާ ގުޅިގެން މައުލޫމާތު ދެމުން ވިލާ ހޮޓެލްސްގެ ޑައިރެކްޓާ އޮފް ޓެލެންޓް އެންޑް ކަލްޗާ މުހައްމަދު އާލިމް ވިދާޅުވީ ދަރިވަރުން ކުރިއަށްދާން ބޭނުންވާ ކޮންމެ ދާއިރާއަކުން އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

"ޝައުގުވެެރިކަން ހުރި ކޮންމެެ ދާއިރާއަކުން [ތަމްރީނުވާން] ފުރުސަތުތައް އޮންނާނެ. [އަމާޒަކީ] އެ ކުއްޖެއްގެ ޕެޝަންއާ ކެރިއާ ފީލްޑް އެލައިން ކުރަން މަސައްކަތް ކުރުން" އޭނާ ވިދާޅުވި އެވެ.

އާލިމް އިތުރަށް ވިދާޅުވީ މިއީ ވިލާ ހޮޓެލްސްއަށް މުވައްޒަފުން ހޯދަން ކުރާ މަސައްކަތެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖެއަށް ފައިދާހުރި ގޮތަކަށް މީހުން ބިނާކުރަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މި ފުރުސަތުތަކުގެ ބޭނުންކޮށްގެެން ތަމްރީނުވާ މީހުންނަށް، އެންމެެ މަތީ ފަންތީގެ ރިސޯޓުތައް ހިމެނޭހެން ކޮންމެ ތަނެއްގައި ވެސް ވަޒީފާ އަދާކުރަން ބޭނުންވާ ތައުލީމާއި ތަޖުރިބާ ލިބިގެން ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އެ ކުދިންނަށް ވާކް ކުރެވިދާނެ ވިލާގައި ވެސް، މެރިއަޓުގަ ވެސް، ހިލްޓަންގަ ވިޔަސް، ބޭނުން ކޮންމެ ތަނެެެއްގައި"

ވިލާ އާއި އެމްއެންޔޫގެ މި ގުޅުމުގެ ތެރެއިން އިންޓާންޝިޕް ފުރުސަތުތަކުގެ އިތުރުން އެމްއެންޔޫއިން ބާއްވާ ޖޮބް ފެއާތަކާއި އެ ޔުނިވާސިޓީގެ މުވައްޒަފުންނަށް ވެސް ރިސޯޓުން ތަމްރީނުވުމުގެ ފުރުސަތުތައް ލިބިގެން ދާނެ އެވެ.