14 ސެޕްޓެންބަރު 2022 - 09:53 0
ފާތިމަތު އަޖްފާން
ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަހާސިންތާއެއް އިފްތިތާހުކޮށް ދެއްވައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
14 ސެޕްޓެންބަރު 2022 - 09:53 0
މަސްތުވާތަކެއްޗަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށާއި އެ ކުދިން ޒުވާން އުމުރުގައި އެކި ހައްގުތަކުން މަހުރޫމުވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަހާސިންތާއެއް އިފްތިތާހުކޮށް ދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން މިއަދު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މަސްތުވާތަކެތީގެ ނުރައްކަލުން ކުދިން ސަލާމަތް ކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާ. މަސްތުވާތަކެތީގެ ވަބާގައި ކުޑަކުދިން ޖެހުމުން، އިތުރު އެތައް ކުށްތަކަކަށް އެކުދިން ހުށަހެޅިގެން އެބަދޭ. އެކަމުގެ ސަބަބުން، ޒުވާން އުމުރުގައި ލިބެންޖެހޭ އެތައް ހައްގުތަކަކުން އެކުދިން އެބަ މަހުރޫމްވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަފާތު އަނިޔާތަކުގެ ޝިކާރައަކަށްވާ ކުދިން ގިނަ ކަމަށެވެ.
އޭގެ ތެރޭގައި ޖިސްމާނީ އަނިޔާ އާއި ޖިންސީ އަނިޔާ ލިބޭ ކުދިންނާއި ނަފްސާނީ އަނިޔާތައް ތަހައްމަލުކުރާ ކުދިންވެސް މުޖްތަމައުގައި ތިބިކަން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ އަނިޔާތަކުން ކުދިން ރައްކާތެރިކުރުމަކީ، ހަމައެކަނި މައިންބަފައިންގެ ޒިންމާއެއް ނޫން ކަމަށާއި އެއީ މުޅި މުޖްތަމައުގެ ޒިންމާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ދުވަސްވަރެއްގައި މިފަދަ މަހާސިންތާއެއް ބޭއްވުމަކީ ވަރަށް ހެޔޮ ފާލެއް ކަމަށެވެ. އެގޮތުން މި މަހާސިންތާގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމަށާއި ކުޑަކުދިންގެ ހައްގުތަކަށް ކުރިމަތިވާ ހުރަސްތަކަކީ ކޮބައިކަން، ބައިވެރިންގެ ވާހަކަތަކުން ފާހަގަކުރެވޭނެ ކަމަށެވެ.
މީގެ ސަބަބުން ބައިވެރިންގެ މަޝްވަރާތަކާއި ހިޔާލުތަކުން ބޭނުންވާ މައުލޫމާޓު ހޯދައިގަނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Comment