ލ. ގަމަކީ މުސްތަގުބަލް ކަމަށް ބުނެ 1994 ވަނަ އަހަރު ހަވީރު ނޫހުގައި ޖަހާފައިވާ ލިޔުން: އޭގައި ބުނާ ތަރައްގީ ގަމަށް އައިސްފައެއް ނެތް -- އާޓްވޯކް: އަބްދުالله ޝަފީއު (އަބޯ)
...އެތަނަކީ މާލެއަށްވުރެ މާރީތި އަދި ތަނަވަސް ތަނަކަށްވާނެ ކަމާމެދު ޝައްކެއް ނެތެވެ. ލ. ގަމަކީ ރާއްޖޭގެ މުސްތަގުބަލެވެ. ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ބޮޑު އުއްމީދެކެވެ.
މިއީ މީގެ 28 އަހަރު ކުރިން, 27 ފެބުރުއަރީ, 1994 ވަނަ ދުވަހު "ހަވީރު" ނޫހުގައި ޖަހާފައި އޮތް ލިޔުމެއްގެ ނިންމުމުގައިވާ އިބާރާތެވެ. ރާއްޖޭގެ އެންމެ ބިން ބޮޑު, ލ. އަތޮޅު ގަން ވަރުގަދަ ސިޓީއަކަށް 10 އަހަރު ތެރޭ ހަދަން އަޒުމުކޮށް, 18 އަހަރުވެފައިވާ ކޮންމެ މީހަކަށް ގޯތި ދޫކުރަން ނިންމި ނިންމުން އާންމުކުރި ތާރީހީ ލިޔުމެކެވެ. ސުރުހީގައި އޮތީ, "ލ. ގަން, ރާއްޖެތެރޭގައި ބިން ބޮޑު ފެން ރަނގަޅު މާލެއެއް އުފެދެނީ" އެވެ.
"އަމިއްލަ ގެދޮރެއް ލިބުމަށް ހުވަފެން ދެކެމުންދާ ކޮންމެ އާއިލާއެއް އަދި ކޮންމެ ޒުވާނެއްގެ ހުވަފެން ހަގީގަތަކަށް ހަދަމާތޯ." ސެލެކްޑެޓް އައިލެންޑް ޑިވެލޮޕްމެންޓް ޔުނިޓް (ސިޑު), ހަވީރު ނޫހުގައި ޖެހި އިސްތިހާރުގެ އެ ލިޔުމުގަ އޮތެވެ. މި ޔުނިޓަކީ, އޭރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ރަށްތަކެއް ތަރައްގީ ކުރަން މެންޑޭޓްކޮށް ހެދި ތަނެކެވެ.
އޭގެ 28 އަހަރު ފަހުން, މި ހުރީ ލ. ގަމުގަ އެވެ; ސިޑުން 10 އަހަރު ތެރޭ ތަރައްގީ ކުރާން އަޒުމުކުރި, ވަރުގަދަ ސިޓީ މިތަނަކު ނެތެވެ. ތަރައްގީގެ ސަފުން ގަމެއް ކުރިއެއް ނާރަ އެވެ. އަންޒާދާކުރި ބޮޑު އާބާދީއެއް މިތަނަކަށް ނާދެ އެވެ. ސިޓީއަކާ ގާތްނުވިއިރު, މިތަނުގެ ރައްޔިތުން އަދިވެސް އާދޭސް ކުރަން ޖެހިފައި އޮތީ އެކަށީގެންވާ އަސާސީ ހިދުމަތެއް ހޯދުމަށެވެ.
ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. ލ. ގަން, ދެވަނަ "މާލެއަކަށް" ނުވީ ކީއްވެ ހެއްޔެވެ؟
ކުރިއެރުމާއި ތަރައްގީ ލިބެނީ ކަމަށް ހީކޮށްގެން ތިބި ގަމުގެ އޭރުގެ ވެރިންނަށް މިއީ ޖަވާބު ދޭން ފަސޭހަ ސުވާލަކަށް ނުވެދާނެ އެވެ. އެކަމަކު, އެ ބޭފުޅުންނަށް އެ ސަބަބު ސާފެވެ; ބިން ބޮޑު ފެން ރަނގަޅު ގަމަށްވީ އިހުމާލެވެ. އަޅާނުލާ ދޫކޮށްލުމެވެ.
ސިޑުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ 500 އަށްވުރެ ގޯތި, 595.6 ހެކްޓަރުގެ ބިން އޮންނަ ގަމުން ދޫކުރި އެވެ. މާލޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ ބޭފުޅުން ވެސް ގޯތިތައް ނެންގެވި އެވެ. އެކަމަކު އެ ތަންތަނަށް ދިރިއުޅެން އެ ބޭފުޅުން ވަޑައިނުގަތެވެ. މިއަދާ ހަމައަށް ވެސް ގޯތިތައް އެ އޮތީ ފަޅަށް, ޖަންގައްޔަށެވެ.
"...އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން," އޭރުގެ ރަށުގެ ކަތީބު ކަމުގައި ހުންނެވި އަބްދުލްވައްހާބު އަބްދުالله ފުރަތަމަ ވެސް ވިދާޅުވީ މިހެނެވެ; އޭނާ ވިދާޅުވި ގޮތުގައި އެ ގޯތިތަކަށް މީހުން ގެނައުމަށް އެ ސަރަހައްދަށް ރަށު އޮފީހުން މަސައްކަތްކޮށްގެން ކަރަންޓު ފޯރުކޮށްދިނެވެ. އެކަމަކު, ނަރުދަމާއެއް ލެވޭ ވަރެއް ނުވި އެވެ.
"ގޯތި ނެގި މީހުން ބުނަނީ ކިހިނެއްހޭ އެތާ ދިރިއުޅެން އަންނާނީ ކަރަންޓެއް, ނަރުދަމާއެއް ނެތޭ," ވައްހާބު ވިދާޅުވި އެވެ. ގޯތިތަކަށް މީހުން ޖަމާވަމުން ނުދާތީ, އަސާސީ އަދި އުމްރާނީ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އޭރުގެ ރައީސް މައުމޫންގެ ސަރުކާރުން ފަހަތަށް ޖެހިލި އެވެ.
ލާމާ ދިމާއަށް އާބާދީއެއް މިސްރާބު ޖަހާފައި އޮއްވައި, ކަންކަން ފުރޮޅިގެން ދިޔައީ ދެހާހުގެ ކުރީކޮޅު ހުޅުލެ ފަޅު ހިއްކައި, ހުޅުމާލެ ތަރައްގީ ކުރަން ފެށުމާ ހިސާބުން ކަމަށް ގަމުގެ ކުރީގެ ކަތީބު ހުސެއިން އުމަރު, 66 ގަބޫލުކުރައްވަ އެވެ. ގަން ކުރިނާރައި އޮތް ހިސާބުގައި އޮއްވައި, ހުޅުމާލެ ވަނީ މާލެއާ އެކު ވަރުގަދަ އިގުތިސޯދީ ރަށަކަށްވެފަ އެވެ.
"...ސަރުކާރުތަކުން ވެސް ދެން ފޯކަސް ބެހެއްޓީ އެ ދިމާލަށް, ގަމަށް މާބޮޑު ކަމެއް ކޮށްދީފައެއް ނުވޭ," ހުސެއިން އުމަރު ވިދާޅުވި އެވެ.
"ގަމުގެ ތަރައްގީއަށް އެޅުނީ ހިޔަނި, މިހާރު ވެސް އަނެއްކާ އެހެން ދިމާލެއްގަ ބްރިޖު އަޅާފައި އެހެން ދިމާލެއް ހިއްކާފައި, ލާމަރުކަޒީއެއް އަޅުގަނޑުމެންނަށް ނުފެނޭ, މި ފެންނަނީ މަރުކަޒީ, ހަމައެކަނި މާލެ ވަށައިގެން ތަރައްގީ ކުރެވޭ ތަން،" މި ސަރުކާރުން އިއުލާން ކޮށްފައިވާ ތިލަ-މާލެ ބްރިޖާއި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުއަށް ނިސްބަތްކޮށް ކުރީގެ ކަތީބު ވިދާޅުވި އެވެ.
ބޮޑުކަތީބުކަން ވެސް ކުރައްވާފައިވާ އަދި މިހާރު ގަމު ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާ ވައްހާބު, 60 ވެސް ވިދާޅުވި ގޮތުގައި, ގަން ތަރައްގީވެގެން ނުދިޔައީ ބޮޑު އާބާދީއެއް ގެންނަން, އަދި އެ ފުރުސަތު ހޯދައިދޭން ސަރުކާރުތަކުން މަސައްކަތް ނުކުރީމަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި, ތަރައްގީ ގުޅިލާމެހިފައި އޮތީ އެތަނެއްގަ އޮންނަ އާބާދީއެއްގެ މައްޗަށެވެ. އޭގެ ފެންނަން އޮތް މިސާލެއް ވެސް ވައްހާބު ދެއްކެވި އެވެ.
"...1989ގަ އަޅުގަނޑު ހދ. ކުޅުދުއްފުއްޓަށް ދިޔައިން, އޭރު ވެސް އެއީ ކައިރީގަ އޮތް އެހެން ރަށްތަކާ ހިލާފަށް ތަފާތު, ހާއްސަ ރަށެއް, އެކަމަކު ތަރައްގީގެ ގޮތުން ކުޅުދުއްފުށި އޮތީ ވަރަށް ފަހަތުގަ, ދެ ބުރިއަށް ހުރި އެންމެ ގެއެއް ހުރީ, ނަރުދަމާ ނިޒާމެއް ނެތް, ކަރަންޓު ވެސް އެހާ ރަނގަޅެއް ނޫން... އެކަމަކު މިހާރަށް ބަލާއިރު ގަމަށް އައި ކުރިއެރުމަށްވުރެ ވެސް އެތައް ގުނައެއް ކުރިއަރާފައި އެ އޮތީ, ނަތީޖާއަކީ ރަނގަޅު އާބާދީއެއް އޮވެފައި އިގުތިސޯދީ ހަރަކާތްތައް ހިންގުން, އެހެންވެ ކުޅުދުއްފުއްޓަށް އެ ބަދަލު އައީ," ކުޅުދުއްފުށި, ސިޓީއަކަށްވެގެން ދިޔަ ގޮތަށް އަލިއަޅުއްވާލައްވަމުން ވައްހާބު ވިދާޅުވި އެވެ.
ވައްހާބު ވިދާޅުވާ ގޮތުގައި, ގަމަށް ވާން ޖެހޭ ގޮތަކީ ރަނގަޅު އާބާދީއެއް ގެނެސް ރަނގަޅު އިގުތިސޯދީ ހަރަކާތްތައް ހިނގަން ފެށުމެވެ. މިހާރު 4,800ގެ އާބާދީއެއް އޮތް ގަން, އޭރަށް ތަރައްގީވެ, ހުރިހާ ސެކްޓަރުތަކެއް ވަރުގަދަވެގެން ދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"...ކަންމަތީ ފިހާރައިން ފެށިގެން އާދައިގެ ގަރާޖެއް ހިންގާ މީހާ ވެސް އޭރަށް ކުރިއަރައިގެން ދާނެ," 1992 - 2008އަށް ކަތީބުކަން ކުރެއްވި ވައްހާބު ވިދާޅުވި އެވެ.
އެކަމަކު, އެކަން އެގޮތަށްވުމުގައި މާލޭގައި ތިބި މުއްސަނދިންނާއި ވިޔަފާރިވެރިން ބޭނުން ނުވާނެކަން ވައްހާބު ގަބޫލުކުރައްވަ އެވެ. އެއީ, މާލެއަށް ތޮއްޖެހިފައި އޮތް ބޮޑު އާބާދީ, އެހެން ދިމަދިމާއަށް މިސްރާބު ޖަހައިފިނަމަ, މާލޭގައި ތިބި މުއްސަނދިންނާއި ވިޔަފާރިވެރިންނަށް މާބޮޑަށް ވެސް ގެއްލުންވާނެތީ އެވެ.
"..އެމީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން މާލޭގަ އުޅެން މި ޖެހެނީ, އޭގެން އެ މީހުންނަށް އާމްދަނީ ލިބެމުން މިދަނީ,"
އެކަން, ގަމު ކައުންސިލްގެ މިހާރުގެ ރައީސް އަހުމަދު ޒަކީ ވެސް ގަބޫލުކުރައްވަ އެވެ. މާލޭން ތައުލީމް ހާސިލްކޮށް ރަށަށް ބަދަލުވި ޒަކީ ވިދާޅުވާ ގޮތުގައި, 'ރާއްޖެތެރޭ' މީހުންނާމެދު ގެންގުޅޭ ތަފާތުކުރުމާއި އެއީ ދަށު ދަރަޖައެއްގެ ބައެއް ކަމަށް ބަލާބެލުމަކީ ހަގީގަތެއް ކަމެވެ. ގަމަށް ހަމަ އިސްކޮޅަށް ދެމިނުލެވިގެން އުޅެނީ ވެސް އެހެންވެ ކަމާއި ފުރުސަތުތައް ހުއްޓުވައި ސަރުކާރުތަކުން ގެންގުޅުނީ މަރުކަޒީ ވިސްނުން ކަމަށް ޒަކީ ވިދާޅުވި އެވެ.
"...އެހެން ހެދުމުގެ ސަބަބުންނޭ ގަމަށް ތަރައްގީ ނައީ, އޭގެ މިސާލެއް ހުޅުމާލެއަކީ, މިތަނުގައި ހިންގަން އޮތް އެއްޗެއް ހުޅުމާލެއަކީ, އެކަމަކު އެގޮތް ބޭނުން ނުވުމުން އެ ހުޅުވާލި ފައިލް ބަންދުކޮށް އަލުން އެހެން ފައިލެއް ހުޅުވައިގެން ހުޅުމާލެ ހިއްކީ," ޒަކީ ވިދާޅުވި އެވެ.
އެކަމަކު, ޒަކީގެ އުއްމީދެއް މިވަގުތަށް އެބަ އޮތެވެ; ރާއްޖެ ލާމަރުކަޒުކޮށްގެން ހިންގަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި, ލާމަރުކަޒީ 'ގަސް' ރަނގަޅަށް އިންދައި, ހައްދައި ބޮޑު ކުރެވިއްޖެނަމަ, ގަން ކުރިއަރައިގެންދާނެ އެވެ.
ގަމުގެ މަގެއް މަތީ މީހަކު މަޑުކޮށްލައިގެން: ގަމާ ގުޅޭ ތަސައްވަރު ބޮޑު - ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)
އެ ވާހަކައަށް އޮތް ތާއީދާ އެކު ވައްހާބު ވެސް ވިދާޅުވީ ސަރުކާރުން ކުރަން ޖެހޭ ކަމަކީ, ގަމުގައި ރަނގަޅު ބޯހިޔާވަހިކަމުގެ ސިޔާސަތެއް ގާއިމުކޮށް, ވަޒަންވެރިވެވޭ ގޮތް ހަދައިދިނުން ކަމަށެވެ. އެއާއެކު ވަޒީފާތައް އުފައްދަން, ޓޫރިޒަމާއި ލޯކަލް ޓޫރިޒަމް ގެނެސް, އެއާޕޯޓް ތަރައްގީ ކުރުމެވެ.
"...އަޅުގަނޑު ދެކޭ ގޮތުގައި ޓޫރިޒަމް ގެނެސް, އެއާޕޯޓް ތަރައްގީކުރުމުން ރަށްރަށުން އަންނާނެ މީހުން ބައިވަރު އެބަ ތިބި, އެކަމަކު އަމިއްލައަށް ގެދޮރު އަޅައިގެން ދަތިވޭ, ފްލެޓް އަޅާފައި ހުޅުވާލާފިއްޔާ މިތަނަށް އޮޓަމެޓިކުން ތަރައްގީ އަންނާނެ, މީހުން ހަމަ ހީވެސް ނުކުރާހާ މިންވަރަށް," 1989 ވަނަ އަހަރުން ފެށިގެން 20 އަހަރު ކަތީބުކަން ކުރެއްވި ހުސެއިން އުމަރުގެ ހިޔާލު ވެސް އެއްގޮތެވެ.
ހުސެއިން އުމަރު ފާހަގަ ކުރައްވާ ގޮތުގައި, މި ސަރުކާރުން އިއުލާން ކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލް ތަރައްގީވެގެން ގޮސްފިނަމަ, އިގުތިސޯދީ ހަރަކާތްތަކާ އެކު, ގަމަށް އައިސް ދިރިއުޅުމަށް މީހުންގެ ޝައުގުވެރިކަން އުފެދިގެންދާނެ އެވެ. ނަމަވެސް, މިހާތަނަށް އެ ދެ މަޝްރޫއު ވެސް ފެށިފައިނުވާއިރު, އަނެއްކާ އެ އިންތިޒާރު ވެސް ދިގުލައިގެން ގޮސްދާނެތީ, އެއީ ގައުމީ އިދާރާގެ ނައިބުކަން ވެސް ކުރެއްވި ހުސެއިން އުމަރުގެ ކަންބޮޑުވުމެކެވެ.
ގަމުގެ ތަރައްގީގެ ދުވެލި އަދިވެސް މަޑެވެ; ގަމަށް ވާންވީ ގޮތާއި ކުރަންވީ ކަމަކީ މިއަދަކު ފާޅުވެގެން އުޅޭ ކަމެއް ނޫނެވެ. އެކަން މީގެ 28 އަހަރުގެ ކުރީގެ ސިޔާސަތުގައި ވެސް އެ އޮތީ ލިޔެފަ އެވެ.
"އިގުތިސޯދީ މަސައްކަތްތަކަށް ބަލާއިރު ލ. ގަމަކީ މާލެއަށްވުރެ މުސްތަގުބަލެއް އޮތް ތަނެކެވެ. އެ ރަށުގައި މިހާރު ދަނީ ފެކްޓްރީތައް ބިނާކުރަމުންނެވެ. އެ އަތޮޅަކީ ދަނޑުވެރިކަމުން ބަލާއިރު ރާއްޖޭގައި އޮތް އެންމެ ބޮޑު ބިން އޮތް ތަނެވެ. މަސްވެރިކަމަށް ބަލާއިރު ލ. އަތޮޅަކީ މަސްވެރިކަމަށް އެންމެ ރަނގަޅު އަތޮޅެވެ. އެ އަތޮޅުގައި ޓޫރިޒަމް ފެށިއްޖެނަމަ ޖެހިގެން އޮތް ތ. އަތޮޅުގެ ފަޅު ރަށްތައް ވެސް ރިސޯޓްތަކަށް ބަދަލުކުރެވޭނެ އެވެ." 27 ފެބުރުއަރީ, 1994 ދުވަހު ޗާޕްކޮށްގެން ނެރެފައި އޮތް ހަވީރު ނޫހުގެ 12 ވަނަ ސަފުހާގައި އޮތެވެ.
އަދިވެސް ލިޔެފައިވެ އެވެ; "އިންޓަނޭޝަނަލް ޝިޕިންއަށް ބަލާއިރު ލ. އަތޮޅަކީ ރާއްޖޭގެ އިތުރުން މުޅި އޭޝިއާގައި އޮތް އެންމެ ފަސޭހަ ސަރަަހައްދެވެ. ހުޅަނގާއި އިތުރުން ދަތުރުކުރާ ކާގޯ ބޯޓް ފަހަރު ހުރަސްކުރާ 1.5 ޑިގްރީ ޗެނަލް އޮންނަނީ ލ. އަތޮޅުގަ އެވެ. އެދިމާލުން ހުރަސްކުރާ ބޯޓު ފަހަރަށް ހިދުމަތް ދިނުމުގެ އިތުރުން އެތަނުގައި ކޮންޓެއިނާ ޓާމިނަލެއް ދުރު މުސްތަގުބަލެއްގައި ހެދިއްޖެނަމަ އެވެގެންދާނީ... ދުނިޔޭގެ ފެންވަރުގެ ޓާމިނަލަކަށެވެ."
އެކަން ކަމިޝަނަށް ކަރުހިކިފައި ނެތް ނުވަތަ އަމިއްލަ އެދުން ކުޑަ ބައެއްގެ ނުވަތަ ބޭފުޅެއްގެ ބެއްލެވުމުގެ ދަށުން ކުރެވިއްޖެނަމަ, ހަވީރު ނޫހުގައިވާ ގޮތުން އޭރަށް ރާއްޖެ ދާނީ ސިންގަޕޫރު ފަދަ ގޮތަކަށް ވަރަށް ބާރު ހަލުވި މިނުގައި ތަރައްގީވަމުންނެވެ.
އެހެންވީއިރު, ގަމާ ދިމާލުގައި އޮތް މާބޮޑު އުއްމީދީ ކުރިއެރުން ގަދަފައިޖަހާފައި ބަޔަކު, އެހެން ދިމާލަކަށް އަނބުރާލީކަމަށް މި ރަށުގެ މީހުން ބުނާ ބުނުމަށް ބާރުލިބެ އެވެ. ކަމިޝަނަށް ކަރުހިކިފައި ނެތް ނުވަތަ އަމިއްލަ އެދުން ކުޑަ ބައެއްގެ ނުވަތަ ބޭފުޅެއްގެ ބެއްލެވުމުގެ ދަށަށް އެކަން ނުދިޔައީ އެވެ.
މާޒީގެ އެ ހިތިން އަރައިގަނެ, ދެން ކުރިއަށް އޮތް ތަނުގައި ވެސް އެ ސިޔާސަތު އަނބުރާ ގެނެސް ލ. އަތޮޅުގެ ބޮޑެތި ބިންތަކުގެ ބޭނުން ސަރުކާރުން ހިފުމަށް އަތޮޅު ކައުންސިލުން ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފަ އެވެ.
"އަޅުގަނޑުމެން ވަރަށް ދެކޮޅު ރާއްޖޭގެ އެކި ތަންތަން ހިއްކުމާ, ލާމު އަތޮޅުގަ އެބަ އޮތް ބޮޑެތި ބިންތައް ހުރި ރަށްރަށް, އެ ތަންތަން އިމާރަތް ކުރެވެން އެބަ އޮތް, މަސައްކަތް ކުރެވެން އެބަ އޮތް," ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވި އެވެ.
ސުވާލަކީ, ސަރުކާރުގެ ސިޔާސަތު އެ މަގަށް އެނބުރޭނެތޯ އެވެ. އަނެއްކާވެސް މީގެ ދިހައެއް ނޫނީ ވިހި އަހަރު ފަހުން, ހަމަ ދައްކަން އޮންނާނީ މި ވާހަކަ ނޫންތޯ އެވެ. ބިން ބޮޑު, ފެން ރަނގަޅު ލާމު ގަން, ވަރުގަދަ ސިޓީއަކަށް ނޫނީ ދެވަނަ މާލެއަކަށް ވާނެހޭ އެވެ؟
Comment