11 ސެޕްޓެންބަރު 2022 - 17:25 0
އައިޝަތު ނުޒުހާ
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުން މައުލޫމާތު ދެނީ-- ފޮޓޯ: ރައީސް އޮފީސް
11 ސެޕްޓެންބަރު 2022 - 17:25 0
ދެކުނުގެ ހަތް އަތޮޅުގެ ތެރެއިން މަސްތުވާތަކެތީގެ ބޭނުން ކުރާ މީހުންގެ އަދަދު އެންމެ ގިނައީ އައްޑޫ އަތޮޅުގައި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ލ. ގަމުގައި މިހާރު ކުރިއަށްދާ ވިއަވަތި ކޮންފަރެސްގައި ތެރެއިން ފުލުހުންގެ މުއައްސަސާއިން ހުށަހަޅައިދިން "އަމާން މުޖުތަމައު" ޕްރެޒެންޓޭޝަންގައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާއި ތަފާސްހިސާބުތައް ހުށަހަޅައިފަ އެވެ.
ފުލުހުން ހިއްސާކުރި އަދަދުތަކަށް ބަލާއިރު، އައްޑޫ ސިޓީގައި 933 މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަދި ޓްރެފިކް ކުރުމުގައި 403 މީހަކު އުޅޭ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
ޖެނުއަރީ 2015 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އައްޑޫ ސިޓީގައި ވަނީ މަސްތުވާތަކެއްޗާ ގުޅޭ 2858 މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފަ އެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ އުމުރުން 18 އަހަރާއި 30 އަހަރުގެ މީހުންގެ މައްސަލަ އެވެ. އެ އުމުރުފުރާގެ 1847 މީހެއްގެ މައްސަލަ ހުށަހެޅުނުއިރު، 40 އަހަރުން ދަށުގެ 1115 މީހެއްގެ މައްސަލަ ވެސް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެކުނު އަތޮޅުތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ދެން އެންމެ ގިނައީ ގދ. އަތޮޅުގަ އެވެ. އެއީ 2112 މައްސަލަ އެވެ. އެ އަތޮޅުގައި އުމުރުން 18 އަހަރާއި 30 އަހަރުގެ 1172 މީހަކު އަދި 40 އަހަރުން ދަށުގެ 559 މީހަކު ރިޕޯޓުކުރެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
އޭގެ ތެރެއިން 415 މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭއިރު، ވިއްކާ ވިޔަފާރި ކުރާ ކަމަށް 238 މީހެއްގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
ދ. އަތޮޅު - މަސްތުވާތަކެއްޗާ ގުޅުން ހުރި 189 މައްސަލަ (ބޭނުންކުރާ 46 މީހުން، ވިއްކާ 23 މީހުން) ތ. އަތޮޅު - މަސްތުވާތަކެއްޗާ ގުޅުން ހުރި 1195 މައްސަލަ (ބޭނުންކުރާ 218 މީހުން، ވިއްކާ 145 މީހުން) ލ. އަތޮޅު - މަސްތުވާތަކެއްޗާ ގުޅުން ހުރި 1310 މައްސަލަ (ބޭނުންކުރާ 266 މީހުން، ވިއްކާ 163 މީހުން) ގއ. އަތޮޅު - މަސްތުވާތަކެއްޗާ ގުޅުން ހުރި 1299 މައްސަލަ (ބޭނުންކުރާ 246 މީހުން، ވިއްކާ 164 މީހުން) ފުވައްމުލަށް - މަސްތުވާތަކެއްޗާ ގުޅުން ހުރި 1921 މައްސަލަ (ބޭނުންކުރާ 422 މީހުން، ވިއްކާ 202 މީހުން)
ދެކުނު އެހެން އަތޮޅު ތަކާ އަޅާ ބަލާއިރު، ދ. އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަތައް ނިސްބަތުން މަދެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކުގައި އިތުރަށްވާ ގޮތުން 380 ކުޑަކުދިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment