11 ސެޕްޓެންބަރު 2022 - 00:57 0
އިންޑިއާ ޓީމުގެ އަންޖޫ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްނޭޕާލް
11 ސެޕްޓެންބަރު 2022 - 00:57 0
ނޭޕާލްގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ގައުމީ ޓީމު ކުޅުނު ދެ ވަނަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން 9-0 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
އިންޑިއާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމު ވަނީ ފަސް ފަަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މި ފަހަރުގެ މުބާރާތަށް ތައްޔާރުވާން އެ ޓީމުން ދުރާލާ ޕްރެކްޓިސް ފަށައި، އެކި ގައުމުތަކުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ވެސް ޓީމާ އެކު ޕްރެކްޓިސް ކުރަން ރިލީސް ހޯދި އެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝް އަތުން 3-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިއަދު އިންޑިއާއާ ދެކޮޅަށް ކުޅެ، މާ ވަރުގަދަ ޗެލެންޖެއް ނުދެވި ބަލިވީ އެވެ.
ނޭޕާލްގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ އިން ޖެހި ނުވަ ގޯލުގެ ތެރެއިން ފުރަތަމަ ތިން ގޯލު ޖެހީ ފުރަތަމަ ހާފުގަ އެވެ. އަނެއް ހަ ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
ރާއްޖޭގެ ހަނީފާ (ކ) ކައިރިން އިންޑިއާގެ އަންޖޫ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ގޯލްނޭޕާލް
ރާއްޖެ ކޮޅަށް އިންޑިއާގެ އަންޖޫ ތަމާންގް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އިންޑިއާ ޓީމުގައި ހިމެނޭ އުޒްބެކިސްތާން ކްލަބް، ނަސާފް އަށް ކުޅޭ ފޯވާޑް، ގްރޭސް ޑަންގްމޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ކަޝްމީނާ އާއި ޕްރިޔާންކާ ދޭވީ އަދި ސޯމްޔާ ގުގުލޯތު ވަނީ ގޯލެއް ޖަހައިފަ އެވެ. ސޯމްޔާ އަކީ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބްގެ އަންހެން ޓީމަށް ކުޅޭ ކުޅުންތެރިއެކެވެ.
ޔޫރަޕާއި އެމެެރިކާ އަދި އޭޝިއާގެ އެކި ގައުމުތަކުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭ އިންޑިއާ ޓީމުން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން ޕާކިސްތާން ބަލިކޮށްފަ އެެވެ. މިއަދު ޕާކިސްތާން ކުޅުނު މެޗުން ވަނީ ބަންގްލަދޭޝް އަތުން 6-0 އިން ބަލިވެފަ އެވެ.
ބަންގްލަދޭޝާއި އިންޑިއާ އިން ވަނީ ބާކީ މެޗެއް އޮއްވައި، ސެމީގެ ޖާގަ ޔަގީންކޮށްފަ އެވެ. ގްރޫޕްގެ ފަހު ދެ މެޗަށް ބަލާއިރު، ބަންގްލަދޭޝާއި އިންޑިއާ ކުޅޭނީ ގްރޫޕްގެ އެއް ވަނަ މަގާމް ހޯދާ ޓީމެއް ކަނޑައަޅާ މެޗުގަ އެވެ. ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރާ މެޗަށް ނުކުންނައިރު، މި ދެ ޓީމުގެ އަމާޒަކަށް ވެސް ވާނީ މޮޅަކާ އެކު މުބާރާތް ނިންމާލުމެވެ. ފަހު މެޗުތައް އޮތީ އަންނަ އަންގާރަ ދުވަހު އެވެ.
Comment