21 އޮކްޓޯބަރު 2024 - 23:56 1
21 އޮކްޓޯބަރު 2024 - 23:56 1
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ 11-0 އިން ނޭޕާލް އަތުން ބަލިވެ، ރާއްޖެ އަށް ބާކީ މެޗެއް އޮއްވައި މުބާރާތް ނިމިއްޖެ އެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. ގްރޫޕް ބީގައި ދެން، ކުޅުނު މެޗުން ބޫޓާނާއި ނޭޕާލް ވަނީ 0-0 އިން އެއްވަރުވެފަ އެވެ. މިއަދު، މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން ބޫޓާނުން ވަނީ 4-1 އިން ލަންކާ ބަލިކޮށްފަ އެވެ.
މި ގްރޫޕްގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތް ނޭޕާލާއި ދެ ވަނައިގައި އޮތް ބޫޓާނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލަންކާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މި ގްރޫޕްގެ ފަހު މެޗުތައް އޮތީ، އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު، ލަންކާ އާއި ނޭޕާލް ކުޅޭއިރު، ރާއްޖެ ބައްދަލުކުރާނީ ބޫޓާނާ އެވެ.
ނޭޕާލާ ދެކޮޅަށް ރާއްޖޭން މި މެޗަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.
ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެެނެސްގެންނެވެ. އެކަމަކު، ނޭޕާލުން ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖެހިއިރު، ދެ ވަނަ ހާފުގައި ހަތް ގޯލު ޖެހި އެވެ. މެޗު ކުރިއަށްދިޔަ ވަރަކަށް ރާއްޖޭގެ ފިޓްނަސް މައްސަލަ ދިމާވި އެވެ. ނޭޕާލުން މި މުބާރާތާ ދިމާކޮށް، އަންހެން ފުޓްބޯޅަ މުބާރާތެއް އެ ގައުމުގައި ހޯސްޓްކުރި އެވެ. ނޭޕާލުގައި، ތަފާތު ފަސް ގައުމެއްގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. އެއީ، ނޭޕާލްގެ އިތުރުން، އިންޑިއާ، ގްރީސް، ޔޫއޭއީ އަދި ފްރާންސްގަ އެވެ.
ރާއްޖޭން އެންމެ ފަހުން، ބޮޑު ފުޓްބޯޅަ އަށް ހާއްސަ އަންހެން މުބާރާތެއް ބޭއްވީ މީގެ 10 އަހަރު ކުރިންނެވެ.
ނޭޕާލަށް މިރޭގެ މެޗުގައި ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަށް ބަލާއިރު، އަބޫދާބީ ކަންޓްރީ ކްލަބަށް ކުޅޭ ރޭކާ ޕައުދާލް ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. އިންޑިއާގެ ކިކްސްޓާޓަށް ކުޅެމުން އަންނަ ޕްރިތީ ރާއި ހެޓްރިކެއް ހެދިއިރު، ދެން ލަނޑުތައް ޖެހީ، ސަބީތާ މަގަރު، އަނީތާ ކޭސީ އަދި އަމީޝާ ކާކީ އެވެ.
މިއީ، 2021 ވަނަ އަހަރު އޭޝިއާގެ އަންހެން މުބާރާތުގެ ކޮލިފައިންގައި ވިއެޓްނާމް އަތުން 16-0 އިން ބަލިވި ފަހުން، ރާއްޖޭން އެންމެ ފަރަގު ބޮޑުކޮށް ބަލިވި ފަހަރެވެ. މީގެ ކުރިން، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި، ރާއްޖޭން ނޭޕާލް އަތުން ބަލިވީ، 3-0 އިންނެވެ.
Comment