Advertisement

ރަށު ނޯޓު: ވޭމަންޑޫ

10 ސެޕްޓެންބަރު 2022 - 17:54 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ތ. ވޭމަންޑޫ: މި ރަށަކީ ތ. އަތޮޅުގެ ވެރިކަން ކުރާ ރަށް. -- ފޮޓޯ: އޯޝަން އެކްސްޕޮލަރާ


ރަށު ނޯޓު: ވޭމަންޑޫ

10 ސެޕްޓެންބަރު 2022 - 17:54 1

ތ. އަތޮޅުގެ ހުޅަނގު ބިތުގެ ރަށްރަށުގެ މީހުންގެ ހުވަފެނީ ތަސްވީރަކީ ވޭމަންޑޫން ފެށިގެން ކިނބިދު އަށް އަޅަން ރާވާފައިވާ ކޯޒްވޭ އެވެ. މި ސަރުކާރުގެ އެ ވައުދު ފުދޭނެ ތާރީހެއް އަދި ނެތަސް، ވަގުތީ ހިސާބެއް އޮތީ ޖަހައިފަ އެވެ. ތިން ކިލޯ މީޓަރުގެ އެ ކޯޒްވޭ އަށް އެންމެ ބޮޑު އުއްމީދެއް ހިތު ލައިގެން އުޅޭ ބަޔަކީ އަތޮޅުގެ ވެރިކަންކުރާ ރަށް, ވޭމަންޑޫ އެވެ. މިހާރު ވެސް އެއީ އަތޮޅުގެ އެހެން ރަށްރަށާ ވަރުން އަޅުވާއިރު ދިރިއުޅުން ފަހި, ފަސޭހަ ރަށެކެވެ.

އެއީ އަދި މުހިންމު ބަނދަރެކެވެ. ތ. އަތޮޅު ހުރަސްކޮށް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކުރާ ގިނަ އޮޑިފަހަރު އެ ރަށުގައި މަޑުކުރެ އެވެ. ސަބަބަކީ ބަނދަރާއި ހިދުމަތްތައް ފަސޭހަ ވުމެވެ. އަތޮޅު ހޮސްޕިޓަލާއި ބޭންކުގެ ހިދުމަތާއި ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރެއް ހުރެ އެވެ. އެހެން ކަންކަން ވެސް ފުރިހަމަ އެވެ.

މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެން-11 އެވެ. ސާޅީސް އެއް ހެކްޓަރުގެ މި ރަށުގެ އާބާދީއަކީ 1401 އެވެ. އެއީ 685 އަންހެނުންނާއި 716 ފިރިހެނުންނެވެ. މި ރަށުގައި ބިދޭސީންނާއެކު 1480 ވަރަކަށް މީހުން ދިރިއުޅެ އެވެ. ބިދޭސީންގެ އަދަދަކީ 205 އެވެ.

ވޭމަންޑޫއަކީ ޒަމާނުއްސުރެ ވެސް ތައުލީމީ ރަށެކެވެ. އެގްރިކަލްޗަ މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަކީ އެކަމުގެ ލާމަސީލު މިސާލެކެވެ. އޭނާގެ އިތުރުން، ދައުލަތުގެ އެކި މަގާމުތަކާއި ހިންގުމުގެ ދާއިރާގެ އިސް ބައެއް މަގާމުތަކުގައި މި ރަށަށް ނިސްބަތްވާ މީހުން އެބަ ތިއްބެވެ.

ރަށުގެ މައިގަނޑު އިގުތިސޯދަކީ މިހާރު ވެސް މަސްވެރިކަމެެވެ. ހަތަރު މަސް ދޯނި އޮވެ އެވެ. ކުދި ދޯނިފަހަރާއި ޑިންގީ ފަރު ގިނަ އެވެ. އަދި މީގެ ޒަމާންތަކެއްގެ ކުރިން ދަނޑުވެރިކަމުގައި ނަންވެފައި ނެތަސް މިހާރު ދަނޑުވެރިކަމުގެ ލިސްޓުގައި މި އަތޮޅުން ހިމަނަންޖެހޭ ރަށްތަކުގެ ތެރޭގައި ވޭމަންޑޫ ހިމެނެ އެވެ. އޭގެ އިތުރަށް އިމާރާތްކުރުމުގެ މަސައްކަތުގައި ވެސް އެތައް ބަޔަކު ހަރަކާތްތެރިވެ އެވެ. ލޯކަލް ޓޫރިޒަމަށް ރަށް އަންނަނީ ފައްކާ ވަމުންނެވެ.

އިޖުތިމާއީ އުޅުމާއި ގުޅުމަށް ބަލާއިރު، ކުރަން ޖެހުނު ކޮންމެ ކަމެއް ފުރިހަމައަށް ކޮށް ނިންމާލުމަކީ އާދައެކެވެ. އެކަމުގެ އެންމެ ފުރިހަމަ އެއް މިސާލަކީ، ޕިކްނިކް ދިއުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދުގެ ފުރިހަމަ ކަމެވެ. ބޭންކު އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ރަށުގެ ޖަމިއްޔާއަކުން އެތަން ތައްޔާރުކޮށްފައި ވަނީ ބަދިގެ އާއި ބާބަކިއު ސަރަހައްދަކާއި ކުޑަކުދިންނާއި ޒުވާނުންނަށް ކަމުދާ ގޮތަށެވެ. ކުޑަކުދިންނަށް ހާއްސަ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ވެސް ހަދާފައިވެ އެވެ. ނަމާދު ކޮޓަރިއެއް ވެސް ހުރެ އެވެ.

މިސާލުގެ ގޮތުގައި މިފަދަ އެތައް ވާހަކައެއް ލިޔެވެން އެބަ ހުއްޓެވެ. ކުރުކޮށް ބުނާނަމަ، ރަށުގެ ފަހުރަށް ކުރަން ޖެހުނު މަސައްކަތެއްގައި، ކަމެއްގައި އަންހެނެއް ފިރިހެނެއް ނޯވެ އެވެ. ވެވުނު އެހީތެރިކަމެއް، މަސައްކަތެއް ކޮށްދެ އެވެ. މި ރަށުގެ ތަފާތަކީ، އަދި ކާމިޔާބަކީ މިއެވެ. ރަށުގެ ދިރުމަށް ރައްޔިތުން ކުރާ އުއްމީދާއި ދެކޭ ހުވަފެން ބޮޑުވެ. އޭގެތެރެއިން ބައެއް ކަންކަމުގައި މިހާރު ވެސް ކުލަ އެބަޖެހެ އެވެ.

ރަށުތެރެ ސާފުކުރުމުގެ މަސައްކަތުގައި ވޭމަންޑޫ އަންހެނުންތަކެއް ހަރަކާތްތެރިވަނީ. -- ފޮޓޯ: ވޭމަންޑޫ ކައުންސިލް


މުހިންމު މައުލޫމާތު


ރަށުގެ ނަން: ވޭމަންޑޫ އަތޮޅު: ކޮޅުމަޑުލު (ތ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އެން-11 އާބާދީ: 1401، ފިރިހެނުން: 716، އަންހެނުން: 685 ފިހާރަ: 25 ކެފޭ, ރެސްޓޯރެންޓް: 3 ތެލާއި ގޭސް ވިއްކާ: 15 ތަން ފާމަސީ: 2 ގެސްޓްހައުސް: 1 ތައުލީމު ދޭ ފެންވަރު: ގްރޭޑް 12 ކަރަންޓް: 24 ގަޑިއިރު ފެނާއި ނަރުދަމާ ގާއިމުކުރުން ކުރިއަށް ދަނީ ކުނި ނައްތާލުންގެ މަޝްރޫއު ކުރިއަށް ދަނީ ކައުންސިލް: ފޯން ނަންބަރު:6780700 އީމެއިލް:[email protected]