Advertisement

ވަށާޖެހޭ އިޖުތިމާއީ ހިދުމަތަކަށް އެންމެން އެކުލެވޭ "އިބަމަ" ޓީމް

14 ސެޕްޓެންބަރު 2022 - 12:26 0

ނިމާ ހަސަން

ނިމާ ހަސަން

ހަނިމާދޫ؛ މާލެ ނޫން އެހެން ރަށްރަށުގެ އިޖުތިމާއީ ރައްކާތެރިކަމަށް މަސައްކަތް ކުރަން "އިބަމަ" ޓީމް އެކުލަވާލުމުގެ އުސޫލު އާންމުކޮށްފި


ވަށާޖެހޭ އިޖުތިމާއީ ހިދުމަތަކަށް އެންމެން އެކުލެވޭ "އިބަމަ" ޓީމް

14 ސެޕްޓެންބަރު 2022 - 12:26 0

ވަށާޖެހޭ ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަމަށް މަސައްކަތްކުރާ "އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ)" އެކުލަވާލުމުގެ އުސޫލު އާންމުކޮށްފި އެވެ.

އިބަމަ އުފެއްދުމުގެ ބޭނުމަކީ، މާލެ ފިޔަވައި އެހެން ރަށްތަކާއި ސިޓީތަކުގައި އުޅޭ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމަށް ޕްރިވެންޓިވް އަދި ރެސްޕޮންސިވް ފިޔަވަޅު އެޅުމުގެ އަވަސް ނިޒާމެއް ގާއިމުކުރުމެވެ. އިބަމައިގެ އުސޫލު އެކުލަވަލާ، އާންމުކޮށްފައިވާއިރު، އިބަމަ އެކުލަވާލަން ޖެހެނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ހިމެނޭ ގޮތަށެވެ.

އިބަމަ އެކުލަވަލަންޖެހެނީ ޖެންޑާ މިނިސްޓްރީގެ ލަފައާއެކު ރަށް ނުވަތަ ސިޓީ ކައުންސިލުންނެވެ. އިބަމަ އެކުލަވާލަން ޖެހެނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ އާބާދީއަށާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބަލައި، ނިސްބަތުން އެ ރަށަކަށް އެންމެ އެކަށޭނެ ގޮތަކަށެވެ.

އިބަމައިގައި ޝާމިލުވާންޖެހޭ މެންބަރުން:

  • ކައުންސިލުގެ ނައިބު ރައީސް
  • ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް
  • ކައުންސިލް މެންބަރު؛ އިޖުތިމާއީ ރައްކާތެރިކަމުގެ ޒިންމާ ހަވާލުވެފައިވާ މެންބަރު
  • ކައުންސިލް އިދާރާގެ ޕްލޭނިން މަސައްކަތްކުރާ މުވައްޒަފު
  • ޖެންޑާއިން ރަށުގައި ގާއިމްކޮށްފައިވާ ސެންޓަރެއް ތަމްސީލު ކުރާ މީހެއް
  • ސްކޫލުގެ ލިއޭޒަން އޮފިސަރު، ނުވަތަ ޑެޕިއުޓީ ލިއޭޒަން އޮފިސަރު
  • ނެއިބަހުޑް ޕޮލިސް އޮފިސަރެއް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއް
  • ރަށުގައި ސިއްހީ ހިދުމަތްދޭތަނެއް ތަމްސީލުކުރާ ކޮމިއުނިޓީ ނުވަތަ ފެމިލީ ހެލްތް އާ ގުޅެ މީހެއް
  • ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ތަމްސީލުކުރާ މީހެއް

މި މީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ރަށުގައި ނެތް ނަމަވެސް، އިބަމަ އެކުލަވާލަން ޖެހެ އެވެ. އެގޮތުން އިބަމަ އެކުލަވާލަން ޖެހެނީ މަދުވެގެން ހަތް މެންބަރުން ހިމެނޭ ގޮތަށެވެ. އިބަމައިގެ މެންބަރެއްގެ ގޮތުގައި ހުރެވޭނީ، އެ މީހަކު ތަމްސީލުކުރާ އިދާރާއެއްގެ ވަޒީފާގައި ހުންނަ މުއްދަތަކަށެވެ.

އިބަމައިގެ މެންބަރަކަށް ވުމަށް ވަކި ޝަރުތުތަކެއް ވެއެވެ. އެގޮތުން 18 އަހަރު ފުރުމާއި، އުސޫލުގައި ކަނޑައަޅަފައިވާ އިދާރާތައް ތަމްސީލު ކުރާ މީހަކަށް ވުމާއެކު ފާއިތުވި 10 އަހަރު ތެރޭގައި އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އަދި މަސްތުވާތަކެއްޗާ ބެހޭ އެއްވެސް ކުށެއް ކުރިކަމަސް ސާބިތުވެ، އަބަދު ކަނޑައަޅާފައިވާ މީހަކަށްނުވުން ހިމެނެ އެވެ.

ހަމައެއާއެކު، މީހަކަށް ނުވަތަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ އަދި އަނިޔާއެއް ކޮށްފައިވާ މީހާކަށް ނުވުމާއި، ޖިނާއީ ކުށެއް ކުރި ކަމަށް ޝަރީއަތަށް ސާބިތުވެފައި ނުވުމުގެ އިތުރަށް އިއްދައިގެ ނުވަތަ ދަރިންގެ ހަރަދު ދިނުމަށް ސާބިތު ދަރަންޏެއް ޝަރުއީ ކޯޓަކުން އޭނާގެ މައްޗަށް ސާބިތުވެފައި ނުވުމަކީ ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މުޖުތަމައުގެ އިޖުތިމާއީ ރައްކާތެރިކަމަށް ވަށާޖެހޭ މަސައްކަތެއް ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާފައިވީ ނަމަވެސް އެ ޓީމަށް ވަކި ބަޖެޓެއް ކަނޑައަޅާފަ އެއް ނުވެ އެވެ. އިބަމައިގެ ހަރަކާތްތަކަށް ފަންޑު ކުރަން ހަމަޖެހިފައި ވަނީ އެ ހަރަކާތަކާ ގުޅޭ އިދާރާއެއްގެ ބަޖެޓުންނެވެ. އަދި އިބަމައިގެ މެންބަރުން، ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ކުރާނަމަ، އެ މެންބަރުންނަށް އިތުރު ގަޑީގެ ފައިސާ ދޭނީ އެ މެންބަރަކު ހިއްސާވާ އިދާރާއަކުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން، އެ އިދާރާއަކުންނެވެ.