Advertisement

ހޮރައިޒަންގެ ބިމުގެ މައްސަލަ ބޮޑު؛ ހޯޑެއްދޫ ކައުންސިލުން ކޯޓަށް ދަނީ

10 ސެޕްޓެންބަރު 2022 - 09:29 0

ލ. ގަމުން

ނާޒިމް ހަސަން

ނާޒިމް ހަސަން

ފިޝަރީޒް މިނިސްޓަރު ހުސެއިން އަދި ރައީސް ސޯލިހު: ބިމުގެ މައްސަލާގައި ހައްލެއް ނުލިބިގެން ކައުންސިލުން ވަނީ ކޯޓަށް ދާން ނިންމާފައި - ފޮޓޯ: ރައީސް އޮފީސް


ހޮރައިޒަންގެ ބިމުގެ މައްސަލަ ބޮޑު؛ ހޯޑެއްދޫ ކައުންސިލުން ކޯޓަށް ދަނީ

10 ސެޕްޓެންބަރު 2022 - 09:29 0

ލ. ގަމުން

މަސްވެރި ރަށް, ގދ. އަތޮޅު ހޯޑެއްދޫގައި ބޮޑު ބިމެއްގެ ފައިދާ ރައްޔިތުންނަށް ނުވެ އޮތުމުން, އެ ރަށު ކައުންސިލުން ނެގީ ވަރުގަދަ ސްޑޭންޓެކެވެ; "ކުލި ބޮޑުކުރޭ ނޫނީ, އެގްރިމެންޓް ބަދަލުކުރޭ ނޫނީ, މަސައްކަތް ނުވަންޏާ އެގްރިމެންޓު ބާތިލުކުރޭ,"

ކައުންސިލްގެ ކަންބޮޑުވުމަކީ, އެ ރަށުގައި 13.5 ހެކްޓަރުގެ ބިމެއް ބޭނުމެއް ނުހިފި, ހަމަ އަގެއް ނުލިބި ރައްޔިތުންގެ އަތުން ބީވެފައި އޮތުމެވެ. ތިންހާސް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަޅަން މީގެ 17 އަހަރު ކުރިން، 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ އެ ބިމާ ގުޅޭ ޝަކުވާ އާންމު ރައްޔިތު މީހާއިން ފެށިގެން ދާއިރާގެ މެންބަރު ވެސް ދަނީ ކުރަމުންނެވެ.

އެ ބިމުގައި މިހާތަނަށް ކޯލްޑް ސްޓޯރޭޖްގެ މަސައްކަތެއް ކުރިއަށް ނުދެ އެވެ.

"ރައްޔިތުންނަށް ފައިދާއެއް ނުވާ ގޮތަށް މި އެގްރިމެންޓް މިހެން ބާއްވަން ކައުންސިލުން ބޭނުމެއް ނުވޭ, އެހެންވެ, މިނިސްޓްރީގައި މި އެދެނީ އެގްރިމެންޓު, ކައުންސިލަށް ބަދަލުކޮށްދޭން, ނޫނީ އަޅުގަނޑުމެން މި ތިބީ ކޯޓަށް ދާން," ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރަން ސަރުކާރުން ބާއްވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަށް ދެކުނުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން ލ. ގަމަށް ޖަމާވެ ތިބިއިރު, އެ ވަފުދުގައި ހިމެނޭ ވާރިޝް ވިދާޅުވި ގޮތުގައި, ހޮރައިޒަން ކުންފުންޏަށް ދީފައިވާ ބިމަކީ އެ ރަށު ކައުންސިލްގެ އިހްތިސޯސް ތެރޭ ހިމެނޭ ބިމެކެވެ.

"ކޮންމެ ރަށެއްގެ އިހްތިސޯސް އެ ވަނީ ރައީސް ބޮޅު އަޅުއްވައި ބުނެ ދެއްވާފައި, އެ ބިން އޮތީ އަޅުގަނޑުމެންގެ އިހްތިސޯސް ކަމަށް ބުނާ ބޮޅުގެ ތެރޭގައި, އެހެންވީމަ އެއީ އަޅުގަނޑުމެންގެ ބާރު ހިނގާނެ ބިމެއް," ވާރިޝް ވިދާޅުވި އެވެ.

ހޯޑެއްދޫ


ކޮންފަރެންސްގެ ބޭރުން, މި ނޫހާ ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި ކައުންސިލްގެ އިހްތިސޯސް ބިމަށް އޮތްއިރު, އެ ބިމުގެ އެގްރިމެންޓު އޮންނަން ޖެހޭނީ ފިޝަރީޒް މިނިސްޓްރީގެ ބަދަލުގައި ކައުންސިލަށެވެ. އެކަން ބަދަލު ކުރެވޭތީ އެ ކައުންސިލުން މިނިސްޓްރީގައި އެދިގެން މަސައްކަތް ކުރާތާ, ވަރަށް ގިނަ އަހަރުތަކެއްވެއްޖެ ކަމާއި އެކަމަކު, އަލިމަގެއް މިހާތަނަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ލިބިފައިނުވާތީ, ކައުންސިލުން ކޯޓަށް ދާން ނިންމީކަން ވާރިޝް ފާހަގަ ކުރެއްވި އެވެ.

"...ކައުންސިލުން މިހާރު މި ތައްޔާރުވަނީ މި މައްސަލާގައި ކޯޓަށް ދާން, އެއީ އެގްރިމެންޓު ކައުންސިލަށް ބަދަލުކުރަން, ފިނޭންސް މިނިސްޓްރީން ވެސް ފާހަގަ ކުރާ ގޮތުގައި އިހްތިސޯސްގައި ހިމެނޭ ބިމެއްގެ އެގްރިމެންޓު އޮންނަން ވާނީ ކައުންސިލަށް," ވާރިޝް ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލްގެ ލީގަލް ޑިޕާޓްމެންޓްގެ އެހީގައި ރަށު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން,"

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ވ)


އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުށާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ގައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.

ހޮރައިޒަންއާއެކު އެގްރިމެންޓް, ފިޝަރީޒް މިނިސްޓްރީއަށް އޮތަސް, ބިމުގެ ކުލި ލިބެނީ ކައުންސިލަށެވެ. އެކަމަކު ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި, އެއީ އެއްގޮތަކަށް ވެސް އެކަށީގެންވާ ކުއްޔެއް ނޫނެވެ. ބިމަށް ލިބޭ ކުއްޔަކީ, ޖޯކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވަ އެވެ.

އެ 13.5 ހެކްޓަރުގެ ބިމަށް އަހަރަކު ލިބެނީ 217,000ރ. އެވެ. އެއީ މަހަކަށް 18,000 އެއްހާ ރުފިޔާ އެވެ. އަކަފޫޓަކަށް ޖެހެނީ 0.012 ލާރި އެވެ.

އެހާ ކުޑަ ކުއްޔެއް އެ ބިމުން ހޮރައިޒަންއިން ދައްކަމުންދާއިރު މިހާރު ހޯޑެއްދޫގައި ބިމެއް ކުއްޔަށް ދިނުމުގެ އެންމެ ދަށް އަގަކީ ވެސް އަކަފޫޓަކަށް 60 ލާރި އެވެ.

ހަމަ އަގެއް, ފައިދާ ނުވާ ކަމަށް ވާރިޝް ވިދާޅުވާ ސަބަބަކީ މިއީ އެވެ. ރައްޔިތުންނަށް ތަނުން ފައިދާއެއް ނުވާއިރު, އެ ތަނުގެ މަސައްކަތް ކުރިއަށް ނުދަނީ އޭގެން ހޮރައިޒަން ކުންފުންޏަށް ފައިދާ ނުވާނެތީ ކަމަށް އަންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު, ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު, ވާރިޝް ވިދާޅުވީ ހޮރައިޒަން ކުންފުންޏަށް ފައިދާ ވަނީތޯ, ގެއްލުވަނީތޯ އެއީ އެ ކައުންސިލުން ނޫނީ ރައްޔިތުން ބަލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ބިން ހަވާލުކޮށްފައި އޮތީ ކޯލްޑް ސްޓޯރޭޖެއް އަޅަން ކަމަށާއި އެކަން ނުކޮށް ބިން ހިފަހައްޓައިގެން ތިބުމުގެ މާނައެއް ނެތް ކަމަށެވެ.

"...އެހެންވެ އަޅުގަނޑު މި ދަންނަވަނީ ތަން އޮޕަރޭޝަނަށް ގެންނާށޭ, ފައިދާއެއްތޯ ގެއްލުމެއްތޯ އެއީ އަޅުގަނޑުމެން ބަލަން ޖެހޭ އެއްޗެއް ނޫން, އެގްރިމެންޓުގައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދާށޭ, އޮޕަރޭޝަނަށް ތަން ގެންދާށޭ," ވާރިޝް ވިދާޅުވި އެވެ.

"ފައިދާ ނުވާ މަސައްކަތެއްވިއްޔާ ހުއްޓާލާށޭ... ބިން ހަވާލުކުރާށޭ, ކައުންސިލްގަ ޕްލޭން އެބަ އޮތޭ މިކަން ކުރާނެ, ބިމުން ހޯޑެއްދޫ ރައްޔިތުންނަށް ނަފާ ލިބޭނެ ޕްލޭން އެބަ އޮތޭ ކައުންސިލްގަ, ބިން ހަވާލުކުރާށޭ,"

ހޯޑެއްދޫ ކައުންސިލްގެ ރައީސް މި ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަދަދު


ކޯޓަށް ގޮސްގެން އެގްރިމެންޓު, މިނިސްޓްރީގެ ދަށުން ކައުންސިލަށް ބަދަލު ކުރެވިއްޖެނަމަ, ވާރިޝް ވިދާޅުވި ގޮތުގައި އެގްރިމެންޓާ މެދު ދެން އަމަލު ކުރާނެ ގޮތެއް ސީދާ ކައުންސިލަށް ނިންމޭނެ އެވެ. އެއީ, 17 އަހަރުވީ ބޮޑު މައްސަލައަށް ހައްލެއް ގެނެވެން އޮތް ހަމައެކަނި މަގު ކަމަށް ވާރިޝްއަށް ގަބޫލު ކުރެއްވެ އެވެ.

އެކަމަކު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސަތު ބަލަހައްޓަވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްއިން ވެސް މި ކަމަށް ހައްލެއް ގެނައުމަށް މަގުތަކެއް ކޮށިގެން ހިނގައިދާނެ ކަމުގެ އުއްމީދެއް ކައުންސިލް ރައީސްގެ އެބަ އޮތެވެ.

ވާރިޝް ފާހަގަ ކުރައްވާ ގޮތުގައި, ރަނގަޅު މަސްވެރިކަމެއް ދިމާވެއްޖެނަމަ, ހުވަދު އަތޮޅު މަސްވެރިން ތިބެނީ މަސް ނުކިރައި, ކިރޭނެ ގޮތެއް ނެތި އެވެ. އެކަމަކު, ހޯޑެއްދޫގައި ވަސީލަތެއް ގާއިމު ކުރެވިއްޖެނަމަ, މަސް ނުކިރުމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ހޮރައިޒަންގެ އެކި އުޒުރުތައް

މަޝްރޫއު ފުރަތަމަ ފަހަރު ލަސްކުރީ މިނިސްޓަރު ހުސައިން ވިދާޅުވެފައިވާ ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ ތަނެއް އަޅަން އިތުރު ވަގުތު ބޭނުންވާތީ އާއި ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުން މަސައްކަތުގެ ޖުމްލަ އަގު 30 ޕަސެންޓުން ބޮޑުވުމުންނެވެ. އެހެންވެ ހޮރައިޒަން އިން އިތުރު ވަގުތު ދޭން އެދުމުން، 2006 ގައި ނިންމަން ޖެހޭ އެ މަސައްކަތް 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިލަށް އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކަ އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދީފައި އޮތީ ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމެވެ. އެފަހަރު ހޮރައިޒަން އިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވީ ވެލިފުނި ނުނެގޭތީ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމޭނެ ތާރީހެއް ލަފާކުރަން ދަތި ކަަމަށެވެ.

ތިން ވަނަ ފަހަރަށް މަސައްކަތް ލަސްކުރީ ހޮރައިޒަންއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން 2010 ވަނަ އަހަރު (އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި) އިސްލާހުކޮށްދިނުމުންނެވެ. އެފަހަރު ހޮރައިޒަންއަށް ފުރުސަތު ދިނީ ވެލި ފުނި ނަގައިގެން ގެންގޮސް އަޅާނެ ތަނެއް ދައްކާތާ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވެލިފުނި ގެންދަން ޖެހެނީ ހޮރައިޒަންގެ ސައިޓާ ދުރަށް ނަމަ އެކަމަށް ހިނގާ އަގު ދޭން ވެސް ސަރުކާރުން އޭރު އެއްބަސްވި އެެވެ.

ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް 2019 ވަނަ އަހަރު ވެސް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދިންކަން ހުސައިން ދެއްވި ތަފްސީލުން އެނގެ އެވެ. އެހެން ނަމަވެސް އެ މައުލޫމާތު ދޭން އެ ކުންފުނިން ފޮނުވި ސިޓީއާ އެކު އެކަށީގެންވާ ވާކްޕްލޭނެއް ހުށަހަޅާފައި ނުވާތީ އެފަދަ ވާކްޕްލޭނެއް ހުށަހަޅަން ސަރުކާރުން އެންގި އެވެ.

އެ ފަހަރު ހޮރައިޒަން އިން ބުނީ ކޯލްޑް ސްޓޯރޭޖް އަޅަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފައިސާ ހޯދަން ހައެއްކަ މަސް ދުވަސް ހޭދަވެދާނެ ކަމަށެވެ. ފައިސާ ހަަމަޖެހުމުން އެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

ވާކްޕްލޭނެއް އަލުން ހުށަހަޅަން މިނިސްޓްރީން 2020 ވަނަ އަހަރު އެންގުމުން ހޮރައިޒަން އިން ބުނީ ކޮވިޑް-19 އާ ހެދި މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އެހެންވެ މަސައްކަތް މުއްދަތަށް ނިންމައި ނުލެވިދާނެ ކަމަށް ބުނެފައިވާ ކަމަށާއި ކޯލްޑް ސްޓޯރޭޖް އަަޅަން ގެންގޮސްފައި ހުރި މުދާތައް 2012 ވަނަ އަހަރު އަންދާލާފައިވުމަކީ ވެސް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަންއާ ހަވާލާދީ މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެއްބަސްވުން ބާތިލް ކުރަން ވެސް ވަނީ ހުށަހަޅާފައި

ހޯޑެއްދޫގައި މަސް ފެކްޓްރީއެެއް އަޅަން ހޮރައިޒަންއާއެކުވީ އެއްބަސްވުން ސަރުކާރުން ދަމަހައްޓަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުން އެ މައްސަަލަ ބަލައިދޭން މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ވަނީ ހުށަހަޅުއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ފިރުޝާން ވިދާޅުވީ ހޯޑެއްދޫގައި މަސްފެކްޓްރީ އަޅަން ވެފައިވާ އެއްބަސްވުމާ ހޮރައިޒަން އިން އެތައް ފަހަރަކު ހިލާފުވެފައިވާކަން، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީހުގައި ދެއްވި ޖަވާބުތަކުން އެނގޭ ކަމަށެވެ. އެކަން އެހެން އޮތް އިރު އެ އެއްބަސްވުން ބާތިލުނުކޮށް ދެމެހެއްޓުމަކީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާއަށް ފުރުސަތު ދިނުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"...ކަން މިހެން އޮތް އިރު އެއްބަސްވުމާ ހިލާފުވެގެން، މިއަދާ ހަމައަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ. އަދި އެއްބަަސްވުން ބާތިލުކޮށްފައެއް ވެސް ނުވެ އެވެ. ފިޝަރީޒް މިނިސްޓްރީން މިމައްސަލާގައި އެއްވެސް ނިންމުމެއް ނުނިންމައި ތިބޭ ތިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނާއި ނާޖާއިޒް ފައިދާތަކަށް ހުޅުވިގެން ތިބޭ ތިބުމެކެވެ،" ސިޓީގައި ފިރުޝާން ވިދާޅުވި އެވެ.

ހޮރައިޒަންއާ އެކު ވެފައިވާ އެ އެއްބަސްވުން ދެމަހެއްޓުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް އޮތްތޯ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ބަލައިދޭން އޭނާ އެދިވަޑަައިގެންނެވި އެވެ.