Advertisement

ރިވައިވަލްގެ ފަރާތުން ގައުމީ ޗެމްޕިއަން ތޯއިފް އަށް ޓްރެއިނިން ސްކޮލަޝިޕެއް

9 ސެޕްޓެންބަރު 2022 - 15:09 1

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ބެޑްމިންޓަން ތަރި ތޯއިފް: އޭނާ ޓްރެއިނިން ސްކޮލަޝިޕް ކުރިއަށްގެންދާނީ އިންޑިއާގެ ހައި ޕާމަންސް ޓްރެއިނިން ސެންޓަރެއްގައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރިވައިވަލްގެ ފަރާތުން ގައުމީ ޗެމްޕިއަން ތޯއިފް އަށް ޓްރެއިނިން ސްކޮލަޝިޕެއް

9 ސެޕްޓެންބަރު 2022 - 15:09 1

ރިވައިވަލް ސްޕޯޓްސް ކްލަބްގެ މަސައްކަތާ އެކު، އެ ޓީމަށް ކުޅެމުން އަންނަ ގައުމީ ބެޑްމިންޓަން އެންމެ ފަހުގެ ޗެމްޕިއަން، އަހުމަދު ތޯއިފް އަށް އެއް އަހަރު ދުވަހުގެ ޓްރެއިނިން ސްކޮލަޝިޕެއް ހަމަޖެހިއްޖެ އެވެ.

ތޯއިފް އަކީ ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމުގެ ކުޅުންތެރިއެކެވެ. ރިވައިވަލް ޓީމުގައި ހިމެނިގެން ތޯއިފް ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް މީގެ ކުރިން ކުޅެފަ އެވެ.

މާދަމާގެ ވަގުތެއްގައި ތޯއިފް، އިންޑިއާގެ މަހަރާޝްތުރަ ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް އެ ގައުމަށް ފުރާނެ އެވެ. އެ މުބާރާތަށް ފަހު ތޯއިފްގެ ޓްރެއިނިން ސްކޮލަޝިޕް ފަށާނީ އިންޑިއާގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރެއްގަ އެވެ.

އެއް އަހަރު ދުވަހަށް ދެމިގެންދާ މި ޓްރެއިނިން ސްކޮލަޝިޕް ކުރިއަށްގެންދާނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމަށް ޓާގެޓް ކޮށްގެން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފަރާތުން ތޯއިފަށް މި ފުރުސަތު ފަހިކޮށްދިންއިރު، ގިނަ ބައެއްގެ އެހީތެރިކަން ވަނީ ލިބިގެން ގޮސްފަ އެވެ. އެ ގޮތުން ތޯއިފް ވަޒީފާ އަދާކުރަމުން އަންނަ މޯލްޑިވްސް ޕޮލިސް ސާވިސް އިން އޭނާގެ ރިލީސް ކަންތައްތައް ހަމަޖައްސައިދިންއިރު، އެކަމަށް މަގުފަހިކޮށްދިނީ ކޮމިޝަނާ އޮފް ސްޕޯޓްސް އިންނެވެ. އަދި ޕޮލިސް ކްލަބުން ވެސް ވަނީ މި ކަމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.

ތޯއިފްގެ ޓްރެއިނިން ސްކޮލަޝިޕްގެ ކަންކަން ހަމަޖައްސައިދިނުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އާއި ޔޫތު މިނިސްޓްރީން ދިން އެއްބާރުލުން ވެސް ރިވައިވަލް ސްޕޯޓްސް ކްލަބުން ފާހަގަކުރެ އެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ތޯއިފް، އެންމެ ފުރަތަމަ ގައުމީ ފައިނަލުގައި ކުޅުނީ 2015 ވަނަ އަހަރު އެވެ. އެ ފަަހަރު ފައިނަލުގައި މުހައްމަދު އަޖުފާން އަތުން ވީ ބައްޔެވެ. އެކަމަކު، މިދިޔަ އަހަރުގެ ފައިނަލުގައި ނިބާލް އަހުމަދު އަތުން މޮޅުވެ، ތޯއިފް ވަނީ ގައުމީ ޗެމްޕިއަނަކަށް ވުމުގެ ޝަރަފް ހޯދައިފަ އެވެ.

އައިއޯއައިޖީން ބެޑްމިންޓަނުގައި މެޑަލެއް ހޯދަން ކުރާ މަސައްކަތުގައި ތޯއިފް ރާއްޖޭން ބޭރުން ޓްރެއިނިން ހަދަން ދިއުމާ އެކު، ރާއްޖޭގެ ދެ ކުޅުންތެރިއަކު ތަމްރީންތައް ފުރިހަމަ ކުރަމުންގެންދާނީ އެހެން ގައުމެއްގަ އެވެ. އޮލިމްޕިކް ކޮމިޓީން ތަނަވަސްކޮށްދިން ޕެރިސް 2024 ސްކޮލަޝިޕްގެ ތެެރެއިން ބެޑްމިންޓަން ކުޅުންތެރިޔާ، ނިބާލް ތަމްރީން ހަދަމުން އަންނަނީ ދުބާއީގަ އެވެ.