9 ސެޕްޓެންބަރު 2022 - 13:21 0
9 ސެޕްޓެންބަރު 2022 - 13:21 0
މެޑްރިޑް (ސެޕްޓެމްބަރު 9) - އެތުލެޓިކޯ މެޑްރިޑަށް ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ ޓްރާންސްފާ ފީ މައްސަލައިގައި ބާސެލޯނާ އިން ކޯޓަށް ދާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ގްރީޒްމަން، 31، ބާސެލޯނާ ދޫކޮށް ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގައިވާ ބައެއް މާއްދާތަކަށް ބަލާއިރު، އަންނަ އަހަރު އެތުލެޓިކޯ އިން ގްރީޒްމަންގެ އެއްބަސްވުން ދާއިމީ ކުރަން ޖެހޭ ހާލަތްތަކެއް ހިމެނެ އެވެ. އޭގެ ތެރެއިން އެއް މާއްދާ އަކީ އެތުލެޓިކޯގެ މެޗުތަކުގައި ގްރީޒްމަން 50 ޕަސެންޓް މިނިޓް ކުުޅުމެވެ. އެ ގޮތުން އެ މިނިޓްތަކުގެ ޖުމްލަ އެއްކޮށްލައިގެން ވަކި ވަރަކަށް މެޗުގެ އަދަދު ވެސް ހަމަވާންޖެހެ އެވެ. އެ އަދަދު ހަމަވެއްޖެނަމަ ބާސެލޯނާ އަށް ގްރީޒްމަންގެ ފީގެ ގޮތުގައި އެތުލެޓިކޯ އިން 40 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
މި ސީޒަނުގައި މިހާތަނަށް އެތުލެޓިކޯ އިން ގްރީޒްމަން މުޅިން ކަހަލަ ގޮތަކަށް ކުޅުވަނީ ބަދަލެއްގެ ގޮތުގަ އެވެ. އެ ގޮތުން ސްޕެނިޝް ލީގުގައި އެތުލެޓިކޯ އިން ކުޅުނު ކޮންމެ މެޗެއްގައި ވެސް ގްރީޒްމަން ކުޅެން އަރުވަނީ ފަހު 30 މިނިޓް ތެރޭގަ އެވެ. ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އެތުލެޓިކޯ އިން 2-1 އިން ޕޯޓޯ ބަލިކުރިއިރު ބަދަލަކަށް ކުޅެން އަރައި، ގްރީޒްމަން ވަނީ މެޗުގެ އިތުރު ވަގުތުގައި އެތުލެޓިކޯ މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެތުލެޓިކޯގެ ވިސްނުމަކީ ބާސެލޯނާ އަށް 40 މިލިއަން ޑޮލަރު ނުދީ ގްރީޒްމަންގެ އެއްބަސްވުން ދާއިމީ ކުރެވޭނެ ގޮތެއް ހޯދުމެވެ. އެ ގޮތުން އެތުލެޓިކޯގެ ބޯޑު މެމްބަރުން އެ ކްލަބްގެ ކޯޗު ޑިއޭގޯ ސިމިއޯނީއާ މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ ވަކި އަދަދަކަށް ގްރީޒްމަން އަށް މެޗުތަކުގައި މިނިޓް ދިނުމަށެވެ. އެ ގޮތަށް ކުރިއަށް ގޮސްފިނަމަ ސީޒަން ނިމުމުން ގްރީޒްމަންގެ ޓްރާންސްފާ ފީ ޖެހޭނީ ވަކިން މަޝްވަރާ ކުރާށެވެ.
އެތުލެޓިކޯގެ ވިސްނުމަކީ 20 މިލިއަން ޑޮލަރަށް އެ ފީ ކުޑަކުރުން ކަމަށް އެތުލެޓިކޯގެ އޮފިޝަލަކާ ހަވާލާދީ މެޑްރިޑްގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެތުލެޓިކޯގެ މި ވިސްނުމާ މެދު ހިތްހަމަނުޖެހި ބާސެލޯނާ އިން މިހާރު ނިންމާފައިވަނީ މައްސަލަ ހިފައިގެން ކޯޓަށް ދިއުމަށެެވެ.
މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު، ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަށް ދައްކަންޖެހޭ 135 މިލިއަން ޑޮލަރު ދައްކަން ބާސެލޯނާ އިން އެއްބަސްވުމުންނެވެ. އެ ފަހަރު ވެސް ގްރީޒްމަންގެ ފީއެއް ކަނޑައަޅަން އެތުލެޓިކޯ އާއި ބާސެލޯނާ އިން ކޯޓު މަރުހަލާއަކަށް ދާން ޖެހުނެވެ.
ގްރީޒްމަން ބާސެލޯނާއާ އެކު ފަސް އަހަރަށް ސޮއިކުރިއިރު، އެ ކޮންޓްރެކްޓް ހަމަވާނީ 2024 ގަ އެވެ. އެކަމަކު، ބާސެލޯނާ އަށް ދިމާވި މާލީ މައްސަލަތަކުގެ ތެރޭގައި ގްރީޒްމަން ލޯނަށް ދޫކޮށްލަން އޭރު ނިންމީ އެވެ.
Comment