Advertisement

ނާދެވޭކަން މަޖިލީހަށް އެންގި؛ ބޭއިންސާފުން ޒާތީވުމުން ހައިތަމަށް މާޔޫސްކަން

7 ސެޕްޓެންބަރު 2022 - 16:35 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ހައިތަމް ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: މަޖިލިސް


ނާދެވޭކަން މަޖިލީހަށް އެންގި؛ ބޭއިންސާފުން ޒާތީވުމުން ހައިތަމަށް މާޔޫސްކަން

7 ސެޕްޓެންބަރު 2022 - 16:35 0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަކި މެމްބަރަކަށް ނިސްބަތް ކުރައްވައި ކުރިން ނުކުރައްވާ ކަމެއް ކުރެއްވި އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭ ތާރީހެއް މަޖިލީހުގެ އިދާރާއަށް އަންގާފައިނުވާ ކަމަށް ޖަލްސާގެ ތެރެއިން ނަޝީދު ފާހަގަކުރެއްވި އެވެ.

"[ހައިތަމްގެ] ސަލާމުގެ ތާރީހު ނިމޭ ތާރީހެއް، ދުވަހެއް ވިދާޅުވެފައި ނުވާތީވެ، މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރުމަށް އިއްޒަތްތެރި މެންބަރުގެ އަރިހުގައި ވާނީ ދަންނަވާފައި،" މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، މަޖިލީހަށް ހާޒިރުވެފައިވާ ދުވަސް ސާފުކުރުމަށް މަޖިލީހުން ފޮނުވި އީމެއިލަށް ހައިތަމް ދީފައިވާ ޖަވާބުގެ ސްކްރީންޝޮޓެއް ހައިތަމް ވަނީ "އަދަދު"އާ ހިއްސާކުރައްވާފަ އެވެ.

އެ ސްކްރީންޝޮޓުން އެނގޭ ގޮތުގައި ހައިތަމް ސަލާމުގައި ހުންނެވީ އޭނާއާއި ދަރިންގެ ސިއްހީ ސަބަބުތަކަށް ޓަކައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. އަދި، އެނބުރި ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާނެ ސީދާ ތާރީހެއް ވިދާޅުނުވި ނަމަވެސް، އަންނަ ހަފްތާގައި ހާޒިރުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ހައިތަމް "އަދަދު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާއަށް ޖަވާބުދާރީ ވުމުން ވެސް ވަނީ ސީދާ ތާރީހެއް ހިއްސާކުރުމަށް އަންގާފަ އެވެ. ނަމަވެސް ރިޔާސަތުން އޭނާގެ ނަން އެގޮތަށް އިއްވިއިރު، ހައިތަމް ޖަވާބު ދެއްވި ކަން ހިއްސާނުކުރެއްވުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑު މަޖިލީހަށް ހާޒިރު ނުވެވޭނެ ކަން ވާނީ އަންގާފައި، ސަލާމުގެ މުއްދަތު ނިމޭނެ ދުވަސް ވެސް އެންގިން، އެހެން ބައެއް މެންބަރުން ތިބޭ އެއްވެސް އެއްޗެއް ނާންގާ، މީގެ ކުރިން ދުވަހަކު ވެސް ރިޔާސަތަކުން އެގޮތަކަށް އަމަލެއް ނުކުރޭ،" ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ހައިތަމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެވުނުނަމަވެސް، އޮންލައިންކޮށް ހާޒިރުވެވޭ ކޮމިޓީތަކަށް ހާޒިރުވެފައިވާ ކަން ވެސް ހައިތަމް ފާހަގަކުރެއްވި އެވެ.

އެމްޑީޕީ ފެކްޝަންގެ ރޯޅިއެއް؟

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕީޖީ ގުރޫޕަށް ވެސް އެ ހިޔާލުތަފާތުވުންތަކުގެ އަސަރު ވަނީ ކޮށްފަ އެވެ.

އެމްޑީޕީގެ މަޖިލީސް ބައެއް މެންބަރުން ރައީސް ނަޝީދަށް ތާއީދުކުރައްވާއިރު، މެޖޯރިޓީ މެންބަރުން ތާއީދުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ހައިތަމް ވެސް ހިމެނިވަޑައިގަންނަވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންގެ ތެރޭގަ އެވެ. އޭނާ ފާހަގަވެފައިވަނީ ނަޝީދުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާ ބައެއް ގަރާރުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ މެންބަރެއްގެ ގޮތުގަ އެވެ.