Advertisement

އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ޔާމީންގެ ފަރާތުން ޔޫސުފް ނައީމަށް ގެންގޮސްދިނިން: ނަރީޝް

7 ސެޕްޓެންބަރު 2022 - 11:58 4

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ޔާމީންގެ ފަރާތުން ޔޫސުފް ނައީމަށް ގެންގޮސްދިނިން: ނަރީޝް

7 ސެޕްޓެންބަރު 2022 - 11:58 4

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށާއި އެއަށްވާ ދިވެހި ރުފިޔާ ގެންގޮސް ހަވާލުކޮށްދިން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތަށް ހެކިބަސް ދޭން ނަރީޝް މިއަދު ކޯޓަށް ހާޒިރުވި އެވެ.

ދިފާއީ ހެއްކެއްގެ ގޮތެއްގައި ނަރީޝް ހުށަހެޅީ ޔާމީންގެ ފަރާތުންނެވެ. ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ، ޔާމީނާއި ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަން ޝަރީއަތަށް ސާބިތު ކުރުމެވެ.

ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ 2015 ވަނަ އަހަރުގެ ތެރެއިން ދުވަހެއްގައި ޔާމީން އަންގަވައިގެން އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެއްސަށް ދިޔަ ކަމަށެވެ.

އެ ދުވަހު ޑޮލަރު ބައްލަވައިގަތް ކަމުގެ ލިޔުމެއްގައި ސޮއިކުރައްވާފައި ޔާމީން ދެއްވި ކަމަށް ނަރީޝް ވިދާޅުވި އެވެ. އަދި އޭގައި ޑޮލަރެއް 15.42 ރުފިޔާގެ ރޭޓުން ޔޫސުފް ނައީމަށް 15 މިލިއަން ހަތަރު ލައްކަ ރުފިޔާ ހަވާލުކުރަން އެ ލިޔުމުގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވި ގޮތުގައި އެއަށް ފަހު ދެ ދަބަހެއްގައި އެ އަދަދަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމަށް ގެންގޮސްދީފައިވެ އެވެ. ޔޫސުފް ނައީމް ދިރިއުޅޭ ގެއަށް ކާރެއްގައި ވަޑައިގެން، އެ ފައިސާ ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާގެ އަދަދު ޔަގީންވަނީ ކިހިނެއްކަން ވަކީލުން ސުވާލު ކުރެއްވުމުން ނަރީޝް ވަނީ ޔާމީންގެ ހާޒިރުގައި އެ ފައިސާ ގުނާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭރު އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކު ވެސް އެ ތަނުގައި ހުރި ކަމަށް ވިދާޅުވި އެވެ.

ކާރުގައި ދުއްވާފައި ދިޔައިރު ކުރީ ސީޓުގައި ތިބީ ޑްރައިވަރާއި ނަރީޝް ކަމަށާއި، ފަހަތު ސީޓުގައި އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހާ އިން ކަމަށެވެ. ފައިސާ އަޅާފައިވާ ދަބަސްތައް ވެސް ބެހެއްޓީ ފަހަތު ސީޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް، އެފަދަ ޕާސަަނަލް ކަންކަން ޝެއާ ކުރައްވާ، ބައެއް ކަންކަން ހަވާލުކުރައްވާ، އަޅުގަނޑަށް އިތުބާރު ކުރައްވާތީ،" ނަރީޝް ވިދާޅުވި އެވެ.

ޔާމީނާއި ޔޫސުފް ނައީމާ ދެމެދު ވެފައިވާ ޑޮލަރު ގަތުމުގެ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރަން ނަރީޝަށް އެ އެއްބަސްވުން ދައްކާފައި ސުވާލު ކުރަން ދިފާއީ ވަކީލުން މަަސައްކަތް ކުރެއްވި އެވެ.

އެކަމަކު ދައުލަތުން އެ ކަމަށް އިއުތިރާޒު ކުރި އެވެ. އެއީ ނަރީޝް ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ކަން ނެތުމުންނެވެ. އަދި ޝަރީއަތުން ވަނީ ދައުލަތުގެ އިއުތިރާޒު ބަލައިގެންފަ އެވެ.

ދައުލަތުގެ ވަކީލުންނަށް ސުވާލު ކުރަން ދިން ފުރުސަތުގައި އަމާޒުކުރި ގިނަ ސުވާލުތަކަކީ ހެކި ހުށަހެޅި ދާއިރާއާ ބޭރުން ކުރި ސުވާލުތަކަކަށް ވާތީ ގިނަ ސުވާލުތަކަށް ފުރުސަތު ނުލިބުނެވެ. އޭގެ ތެރޭގައި، ޑޮލަރު ގަތުމަށް އެމްއެމްއޭ އިން ހުއްދަ ނެގިތޯއާއި ފުލުހުން ތަހުގީގު ގެންދަނިކޮށް، ޑޮލަރުގެ މުއާމަލާތެއް ކަން ބުނެދީ ބަޔާން ނުދިނީ ކީއްވެތޯ ފަދަ ސުވާލުތައް ހިމެނެ އެވެ.

ދައުލަތުން ދެން ކުރި ބައެއް ސުވާލުތަކުގެ ޖަވާބުގައި ނަރީޝް ވިދާޅުވީ އެ ކަމެއް ހަނދާނުގައި ނެތް ކަމަށެވެ. މި ގޮތުން 15 މިލިއަން ރުފިޔާ ގުނަން ހޭދަވި ވަގުތާއި، ކާރު ނަންބަރު ފަދަ ކަންކަން މިހާރު ހަނދާނުގައި ނެތް ކަމަށް ނަރީޝް ވިދާޅުވި އެވެ.

މާދަމާ ވެސް އަޑުއެހުމެއް، ތިން ހެކިން ހާޒިރުކުރާނެ

މިއަދު ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މާދަމާ ބާއްވާ އަޑުއެހުމުގައި ދިފާއުން ހުށަހަޅާފައިވާ ތިން ހެއްކެއް ހާޒިރުކޮށް ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.

އެއަށް ފަހު ދެން އަޑުއެހުމެއް މި މަހުގެ 25 ވަނަ ދުވަހަށް ތާވަލު ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ދުވަހު ވެސް އޮންނާނީ ދިފާއުން ހުށަހަޅާފައިވާ ތިން ހެއްކެއްގެ ހެކިބަސް ނެގުން ކަމަށެވެ. އަދި އިތުރު އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވެސް ތާވަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ކަންކަން؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.