7 ސެޕްޓެންބަރު 2022 - 09:26 0
އަމަން ހަލީމް
ކާޕެންޓްރީއެއްގައި މީހަކު ވަޑާންކުރަނީ: ބީސީސީން ވަޑާންކުރާ އެސްއެމްއީތަކުގެ ދަފްތަރު އެކުލަވާލަނީ ވިޔަފާރި ފުރުސަތު ހޯދައިދޭން. -- ފޮޓޯ: އެލްވިން ޓޯ/އެޗްޕީއެލް ހޮޓެލްސް
7 ސެޕްޓެންބަރު 2022 - 09:26 0
ވަޑާންކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ފުރުސަތުތައް ހޯދައިދީ، ވިޔަފާރިތައް އިތުރަށް ފުޅާކުރަން އެހީތެރިވެދިނުމުގެ މަގުސަދުގައި ވަޑާންކުރާ މީހުންނާއި ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން ފަށައިފި އެވެ.
ވަޑާންކުރާ އެސްއެމްއީތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ބީސީސީން ކުރަމުން ދަނީ އެ ކޯޕަރޭޝަނުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރަތައް މެދުވެރިކޮށް ފަރުނީޗަރު އުފައްދައި ވިއްކާށާއި، ކާޕެންޓްރީ މޭކާ ސްޕޭސްގައި ވަޑާމުގެ މަސައްކަތްތައް ކުރާނެ މީހުންގެ މައުލޫމާތު އެއްކުރުމަށެވެ.
ބީސީސީން ވަނީ މިކަމަށް ޝައުގުވެރިވާ މީހުން ރަޖިސްޓްރީވާން މިހާރު ފުރުސަތު ހުޅުވާލާފަ އެވެ.
ވަޑާންކުރާ އެސްއެމްއީ ވިޔަފާރިތަކުގެ ދަފްތަރުގައި ރަޖިސްޓްރީވާ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ބީސީސީން ބުނީ އެ ފަރާތްތަކަށް ވަޑާންކުރުމާ ގުޅޭ ތަފާތު އެކި ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމުގެ އިންތިޒާމު ހަޖަމެއްސުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ބީސީސީއަކީ އެސްއެމްއީ ވިޔަފާރިތައް ތަަރައްގީކުރުގެ މަސައްކަތްތައް ކުރަން 2017 ގައި އުފައްދާފައިވާ ސަރުކާރު ކުންފުންޏެކެވެ. މިހާތަނަށް އެ ކޯޕަރޭޝަނުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ދިވެހި އުފެއްދުންތަކާއި ބްރޭންޑުތަކަށް ހާއްސަ "އޮތެންޓިކް މޯލްޑިވްސް" ފިހާރަތަކާއި ކޯ-ވާކިން ސްޕޭސް "ސީޑް" އެވެ.
އޭގެ އިތުރުން ހުޅުމާލޭގައި އެސްއެމްއީ މަލްޓި ޕާޕަސް ފެސިލިޓީއެއް (އެސްއެމްއީ ޕާކު) ގާއިމުކުރަން ވެސް އެ ކޯޕަރޭޝަނުން ވަނީ ރާވާފަ އެވެ. މި ފެސިލިޓީގައި މޭކާ ސްޕޭސްތަކާއި، ހެޔޮ އަގެއްގައި ލިބޭނޭ ސްޓޯރޭޖް ޔުނިޓުތަކުގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ރަނގަޅު ފެންވަރެއްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ނެރުމަށްޓަކައި، ޕެކޭޖިން ފެސިލިޓީއެއް ގާއިމް ކުރެވިގެންދާނެ އެވެ.
Comment