Advertisement

ޖަލުތަކުގެ ގައިދީން ތިބީ ނުރައްކާތެރި އޮއެވަރެއްގައި ޖެހިފައި: ރައީސް

6 ސެޕްޓެންބަރު 2022 - 22:30 2

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ ފޮޓޯ- މުހައްމަދު ޝާބިން / އަދަދު


ޖަލުތަކުގެ ގައިދީން ތިބީ ނުރައްކާތެރި އޮއެވަރެއްގައި ޖެހިފައި: ރައީސް

6 ސެޕްޓެންބަރު 2022 - 22:30 2

ޖަލުތަކުގައި ގައިދީން ތިބީ ނުރައްކާތެރި އޮއެވަރެއްގައި ޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖަލުތައް އޮޑިޓްކުރުމަށް ފަހު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދާދި ފަހުން ނެރުނު ދިރާސާ ރިޕޯޓަށް ރިއާޔަތްކުރައްވައި، ކަރެކްޝަންސްގެ 51 ވަނަ އަހަރީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ ވަރުގަދަ ހަރަކާތްތަކެއް ހިންގަމުން ދާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ އެދުމަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ދިރާސާއެއް ކަމަށާއި، އެ ދިރާސާއިން އެނގުނީ، 'ގައިދީން ތިބީ ވަރަށް ނުރައްކާތެރި އޮއިވަރެއްގައި ޖެހިފައިކަން،' ކަމަށް ވިދާޅުވި އެވެ.

އެއްކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، މަސްތުވާތަކެތި ބޭނުންކުރާ، އަދި އޭގެ ވިޔަފާރިކުރާ ގައިދީން ޖަލުތަކުގައި ތިބި ކަމެވެ. ދެވަނަ ކަމަކަށް ފާހަގަކުރެއްވީ، ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއެވަރު ޖަލުތަކުގައި ހިނގާ ކަމެވެ.

މި ދިރާސާއިން ފާހަގަވި އަނެއް ކަމަކީ، ޖަލުތަކުގެ ގައިދީންނާއި ޖަލުތައް ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން އަދިވެސް ބައިވަރު އެބަހުރިކަން. އެކަންކަން އަޅުގަނޑުމެން ކުރާނަން،" ރައީސް އިތުރުކޮށްލެއްވި އެވެ.

މިރޭގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ، ކުށުގެ ވެށި ނައްތާލައި، މުޖުތަމައުގައި އަމާންކަން ގާއިމްކުރުމަށް، ޖަލުތައް ހަރުދަނާކުރުމާއި، ބަންދުކުރާ ގައިދީން ޖަލުގެ މަރުހަލާގައި އިސްލާހުކޮށްގެން ރަނގަޅު ބައެއްގެ ގޮތުގައި އެނބުރި މުޖުތަމައަށް ނެރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

"ގައިދީންނަކީ ވަކި މުއްދަތަކަށް ޖަލުގައި ބައިތިއްބަން ޖެހޭ ބަޔަކަށް ވިޔަސް، އެއީ ދިވެހިން، އިސްލާހުކޮށް މުޖުތަމައަށް ނެރެންޖެހޭ، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ގާނޫނީ ގޮތުން ޖަލުތަކުގެ ކަންކަން ހަރުދަނާ ކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އެއީ ވެސް މުހިއްމުކަމެއް. ބޭނުމަކީ މުޖުތަމައުގައި ސުލްހަ މަސަލަސްކަން ގާއިމްކުރުން. މިކަންކަން ވާނީ ޖަލުތަކަކީ، ނަފްސާނީ ފަރުވާ ލިބޭ، އިސްލާމީ ތައުލީމު ލިބޭ، އަދި މަސައްކަތުގެ އަހުލާގަށް ހާނުވާ ތަނަކަށް ވެގެން." ރައީސް ވިދާޅުވި އެވެ.

"ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ބަންދުކުރުމުން މައްސަލަ ހައްލުވީ ނޫން. އެފަދަ ގައިދީންނަށް އެކަމާ ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ."

ހަރުކަށި ފިކުރުގެ މީހުންނަށް ތަރުބަވީ ތައުލީމާއި ދީނީ ރަނގަޅު ތައުލީމު ދިނުމަށް، މާފުށީ ޖަލުގައި 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް ގާއިމްކޮށް އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގައިދީންނަށް ރައްކާތެރިކަމާއި އެމީހުންނަށް ބޭނުންވާ އަހުލާގު ދަސްކޮށްދޭން ސަރުކާރުން މަސައްކަތްތަކެއް ކޮށް، ކާޟިޔާބު ކޮށްފައިވާ ކަމަށެވެ. އެގޮތުން ދާދިފަހުން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކޮށް 32 ގައިދީން އެމީހުންގެ އާއިލާތަކާއި ހަވާލުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

އަދި ޕެރޯލްގެ ދަށުން ގައިދީންނަށް އިންޓާންޝިޕް ފުރުސަތު ފަހިކޮށްދިނުމުގެ ޕްރޮގްރާމެއް 2020 ވަނަ އަހަރު ފަށައި އެކަން ވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ ކަން ފާހަގަކުރެއްވި އެވެ.

މާފުށީ ޖަލު


ރަނގަޅު ކުރަންޖެހޭ ކަންކަން

މިރޭ ވާހަކަ ދައްކަވަމުން ރައީސް ވަނީ ޖަލުތަކުގައި ރަނގަޅުކުރަން ހުރި ކަންކަމަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން، ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރެއްވި އެވެ. އެކަންކަން ހައްލުކުރަން މަސައްކަތްތަކެއް މިސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"ޖަލުތަކުގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތައް ތޮށްޖެހުން، އެކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ދަނީ ކުރަމުން. ގައިދީންގެ ހައްގުތައް ރައްކާތެރިކުރުމަކީ ޒިންމާއެއް ކަމަށް ދެކެން. އެގޮތުން އދ ގެ މަންޑޭލާރޫލްގެ މިންގަނޑުތަކާ އެއްގޮތަށް ޖަލުތަކުގައި ކަންކަން ގާއިމްކޮށް، އަމަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" ރައީސް ފާހަގަކުރެއްވި އެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ޔަގީންކަން ވެއް ދެއްވާފަ އެވެ.

އެގޮތުން، ޖަލުތަކުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންގެ އެކޮމޮޑޭޝަން ޖަލުތަކުގައި ހައްލުކޮށްދީ، އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރުސަތުތަކުގެ ތެރޭން ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަކިކަން ލިބޭނެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.