Advertisement

އަދީބު ވިދާޅުވީ ޔާމީން ނުފޫޒު ފޯރުވި ކަމަށް، އެ ކޯލްގެ ރިކޯޑިން އިއްވަން ހުއްދަ ނުދިން!

6 ސެޕްޓެންބަރު 2022 - 17:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އަދީބު ވިދާޅުވީ ޔާމީން ނުފޫޒު ފޯރުވި ކަމަށް، އެ ކޯލްގެ ރިކޯޑިން އިއްވަން ހުއްދަ ނުދިން!

6 ސެޕްޓެންބަރު 2022 - 17:05 0

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށް, ލިބޭ ފައިސާ, ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަކަށް ބޭނުން ކުރައްވަމުން ގެންދެވުމަށް ނުފޫޒު ފޯރުވި ކަމަށް އަދީބު ބުނާ ފޯނު ކޯލުގެ ރެކޯޑިން ޝަރީއަތުގައި އިއްވުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހުއްދަ ނުދެއްވި އެވެ.

އެމްއެމްޕީއާރުސީއަކީ އެންމެ ފުރަތަމަ ރާއްޖޭގެ ޓޫރިޒަމް ބައިނަލް އަގްވާމީ މާރުކޭޓްތަކަށް އިޝްތިހާރު ކުރުމަށް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ ވިޔަފާރި މަގުސަދު ވަނީ ޓޫރިޒަމަށް ރަށްރަށާއި ފަޅުތައް ދޫކުރެވޭ ގޮތަށް އަދި އެ ފައިސާ އެކުންފުންޏަށް ލިބޭ ގޮތަށް ބަދަލުކުރީ ޔާމީންގެ ވެރިކަމުގަ އެވެ.

ޔާމީންގެ ވެރިކަމުގައި، ދައުލަތަށް ލިބެން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި އެ ބޮޑު މައްސަލައިގެ ތެރޭގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދޫކޮށް ހިންގި މުއާމަލާތުގައި ޔާމީނާއި ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތަށް ހެކިބަސް ދޭން އަދީބު މިއަދު ހާޒިރު ކުރެވުނެވެ.

އަދީބު ވިދާޅުވި ގޮތުގައި އެ ރަށް ކުއްޔަށް ދިނުމުގައި އެމްއެމްޕީއާރުސީގައި އެ ކަމަށް އެކުލަވާލި އެއްވެސް އުސޫލަކަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ. އެ ކަމުގައި އަމަލު ކޮށްފައި ވަނީ ޔާމީން އިރުޝާދު ދެއްވި ގޮތަށެވެ.

އެ ގޮތުގެ މަތިން ޔޫސުފް ނައީމަށް އެ ރަށް ދެ މިލިއަން ޑޮލަރަށް ދިނުމަށް އެންގެވި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެއީ ޔާމީނަށް ޔޫސުފް ނައީމް ކޮށްދެއްވާފައިވާ ކަންކަމުގެ ބަދަލަށް ހިންގެވި މުއާމަލާތެއް ކަމާއި، އޭނާ ޔާމީނަށް އެއް މިލިއަން ޑޮލަރު ދީފައި އޮތް ކަމަށް ޔޫސުފް ނައީމާ ހަވާލާދީ ވިދާޅުވި އެވެ.

ދައުލަތުން އަދީބު ހެއްކެއްގެ ގޮތުގައި ހުށަހެޅި އިތުރު ސަބަބަކީ ދައުލަތުން ހުށަހަޅާ ކިތާބީ ހެއްކެއްގެ ސައްހަކަން ޝަރީއަތަށް ކަށަވަރު ކޮށްދެއްވުމަށެވެ. އެއީ އަދީބާއި ޔާމީނާ ދެމެދު ކޮށްފައިވާ ކަމަށް ބުނާ ފޯނު ކޯލު ރެކޯޑިންއެކެވެ.

އެ ރެކޯޑިން ޝަރީއަތުގައި އިއްވުމަށް ދައުލަތުން އެދުނެވެ. ނަމަވެސް ދިފާއުން އެ ކަމަށް އިއުތިރާޒުކުރި އެވެ. އެއީ އެ ރެކޯޑިންއަކީ އާރަށު މައްސަލައާ ސީދާ ގުޅުމެއް އޮތް ކަމަކަށް ނުވާތީ އެވެ.

މި މައްސަލައާ ހަވާލުވެ ހުންނެވި އިސް ގާޒީ ޝަކީލް ވެސް ވަނީ އެ ރެކޯޑިންއަކީ 2013 ވަނަ އަހަރުގެ ރެކޯޑިންއެއް ކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އާރަށު މުއާމަލާތް ހިނގާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެހެންވެގެން އޯޑިއޯ އިއްވަން ޝަރީއަތުން ހުއްދަ ނުދިނުމުން، ދައުލަތުގެ ވަކީލުން ދެން މަސައްކަތް ކުރެއްވީ ރެކޯޑިންގައި އިވޭ ވާހަކަތައް ވަކީލުން ވިދާޅުވެ އަދީބާ ސުވާލު ކުރެއްވުމަށެވެ. އެ ކަމަށް ވެސް ދިފާއުން އިއުތިރާޒު ކުރިއިރު، ޝަރީއަތުން ވެސް އެ ހުއްދަ ނުދެއްވި އެވެ.

އަދީބު ވަނީ މީގެ ކުރިން ގއ. ވޮޑަމުލާގެ މުއާމަލާ ގުޅިގެން ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި ދެއްކެވި ބައެއް ވާހަކަތައް ތަކުރާރުކުރައްވައިފަ އެވެ. އަދި އެއީ އަދީބުގެ މައްޗަށް ހިންގި ޝަރީއަތުގައި ވެސް ދައްކާވާފައިވާ ވާހަކަތަކެވެ.

އެމްއެމްޕީއާރުސީ ހިޔާނާތް ހިންގެވި ކަމަށް އެއްބަސްވެފައިވާ އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ބޭނުންކޮށްފައިވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕޭނަށާއި، މަޖިލީހުންނާއި ކޯޓުތަކުންނާއި މުއައްސަސާތަކުން ވަކި ގޮތަކަށް ނިންމުންތަކެއް ނިންމަން ރިޝްވަތު ދިނުމަށެވެ.

އަދީބުގެ ކުރިއަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ނެގި އެވެ. ހިޔާނާތަށް އެއްބަސްވެ، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޒިޔަތު ވެސް ދެއްކެވީ އަދީބު ފާހަގަކުރެއްވި ކަންކަމެވެ.

ޗެއިންގައި ނުބައި ތާރީހެއް އައި ގޮތް ބުނެދޭން ހުށަހެޅި ހެކި ބަލައިނުގަތް

ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތަކުގައި ކޮށްފައިވާ ސޮއިތަކުގެ ސައްހަކަން ހޯދަން ތައްޔާރުކުރި ރިޕޯޓްގެ ޗެއިން އޮފް ކަސްޓަޑީގައި ފުލުހުން ލިޔެފައި އޮތް ތާރީހަކަށް އޮތީ 23 އޮގަސްޓް 2026 އެވެ.

އެ ރިޕޯޓް ތައްޔާރުކުރި އޮފިސަރު ވެސް ޝަރީއަތަށް ހެކިބަސް ދީފައިވެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ޗެއިން އޮފް ކަސްޓަޑީ ކުރިން ބެލިއިރު ލިޔުމުގައިވާ އެ ކުށް އޭނާއަށް ކުރިން ފާހަގަ ކުރެވިފައެއް ނުވެ އެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ ހެކި ހޯދި ގޮތާއި ހެކި ތަހުލީލު ކުރުމުގެ މަރުހަލާގައި އެއް އޮފިސަރުން އަނެއް އޮފިސަރުގެ އަތަށް އެ ހެކި ގެންދެވިފައިވާ ގޮތާއި ތާރީހުތައް ބަޔާންކޮށްފައި އޮންނަ އެކުލެވުމެކެވެ.

އެ ލިޔުމުގައި ނުބައި ތާރީހެއް އައި ގޮތް ސާފުކޮށްދޭން އިތުރު ހެއްކެއް ގެނައުމުގެ ހުއްދައަކަށް ދައުލަތުން އެދުނެވެ. އެކަމަކު ހެކި ހާމަކުރުމާއި ހުށަހެޅުމުގެ މަރުހަލާ ގޮސްފައިވާތީ ޝަރީއަތުން އެ ކަމަށް ހުއްދައެއް ނުދިނެވެ.

ދިފާއީ ހެކިބަސް މާދަމާ ނަގަނީ، ސައީދު ކޯޓުން ބޭރަށް ދާން ޖެހުނު

ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަޑުއެހުން ބެއްލެވުމަށް ކޯޓަށް ހާޒިރުވެފައިވެ އެވެ.

ނަމަވެސް ސައީދު އެ ތަނުގައި އިންނެވުމަށް ދައުލަތުން އިއުތިރާޒު ކުރެއްވި އެވެ. އަދި އެހެން އިންނަވައިގެން ހެކިބަސް އުފައްދަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

އެކަމަކު ރައްދުގައި ދިފާއީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ލައިވްކޮށްގެން ދުރަށް ދައްކާ ޝަރީއަތަކަށް ވެފައި، ޝަރީއަތަށް ހާޒިރުނުވިއަސް ބެލޭނެ ކަމަށެވެ.

ސައީދުގެ އިތުރަށް ވެސް ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބައެއް އެެހެން ބޭފުޅުން ވެސް އެ ތަނުގައި ތިއްބެވި އެވެ.

ގާޒީ ވެސް އެ ކަން އެ ގޮތަށް ގަބޫލު ކުރެއްވި އެވެ. ނަމަވެސް އެހެން މައްސަލަތަކުގައި ވެސް ކޯޓު ރޫމު ތެރެއަށް ވަންނަން ފުރުސަތު ނުދޭތީ، ސައީދު އެ ތަން ދޫކުރައްވައި ވަޑައިގަތުމަށް އެންގެވި އެވެ.

މީގެ އިތުރަށް މި މައްސަލާގައި އަޑުއެހުމެއް މާދަމާ ބާއްވާނެ ކަމަށާއި، ދިފާއުން ހުށަހަޅާފައިވާ އެއް ހެއްކެއްގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޔާމީންގެ ހަތަރު ދިފާއީ ހެއްކެއް އެއް ދުވަހަކަށް ހާޒިރުކޮށްދޭން އަދި ބާކީ ތިން ހެކިން ވެސް އެހެން އެއް ދުވަހަކަށް ހާޒިރުކޮށްދޭން ދައުލަތުން އެދުނެވެ. އެކަން އެގޮތަށް ކުރަން ގާޒީ އެއްބަސްނުވި އެވެ.