Advertisement

އަންހެން ޓީމަށް އޮތީ ވަރުގަދަ ޗެލެންޖެއް، މިއީ މަރުގެ ގްރޫޕެއް: ޑުންގާ

6 ސެޕްޓެންބަރު 2022 - 08:21 0

ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗު އަހުމަދު ޝަރީފް (ޑުންގާ) ޕްރެކްޓިސް އެއްގައި ޓީމަށް އިރުޝާދުދެނީ - ފޮޓޯ: އެފްއޭއެމް


އަންހެން ޓީމަށް އޮތީ ވަރުގަދަ ޗެލެންޖެއް، މިއީ މަރުގެ ގްރޫޕެއް: ޑުންގާ

6 ސެޕްޓެންބަރު 2022 - 08:21 0

ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ މަރުގެ ގްރޫޕެއްގައި ކަމަށާއި، މި މުބާރާތަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އޮތް ވަރުގަދަ ޗެލެންޖެއް ކަމަށް ކޯޗު އަހުމަދު ޝަރީފް (ޑުންގާ) ބުނެފި އެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖެ ލައްވާލީ ޗެމްޕިއަން އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނާއި އެއް ގްރޫޕެއްގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ.

ގައުމީ އަންހެން ޓީމާއި ވާދަކުރާ ތިން ޓީމާ ބެހޭގޮތުން ޑުންގާ ބުނީ ތިން ޓީމަކީ ވެސް ސަރަހައްދީ ލެވެލްގެ ވަރުގަދަ ތިން ޓީމު ކަމަށެވެ. އަދި މި ޓީމުތަކުގައި ޔޫރަޕްގެ ބައެއް ލީގު ތަކުގައި ކުޅޭ ކުޅުންތެރިން ވެސް އެބަތިބިކަން ޑުންގާ ފާހަގަކުރި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ހަތް ޓީމުގެ ކެޕްޓަނުން މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ގޯލްނޭޕާލް


ތަޖުރިބާގެ ގޮތުން ބަލާއިރު ތަފާތު ބޮޑު ޓީމުތަކާއި ދެކޮޅަށް ނުކުންނައިރު ރާއްޖެ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ވެސް ޑުންގާ ބުނެފައިވެ އެވެ.

"މިހާތަނަށް އެ ޓީމުތަކުގެ ނަތީޖާތަކަށް ބެލިޔަސް އެކަން އިނގޭނެ. ޗެމްޕިއަން އިންޑިއާ އެ އޮތީ، ހުރިހާ ގޮތަކުން ވެސް އެންމެ ވަރުގަދަ ޓީމު އެއީ. ދެން އެ އޮތީ ޕާކިސްތާނު ވެސް. ވަކި ދަށެއް ނުވާނެ. ބަންގްލަދޭޝް ވެސް ވަރަށް ވަރުގަދަ ވާނެ. މިއީ ހަމަ ވަރަށް ވަރުގަދަ ޗެލެންޖެއް ދިވެހި ޓީމަށް،" ޑުންގާ ބުންޏެވެ.

ޑުންގާ ބުނީ މިދިޔަ އަހަރުން ފެށިގެން ގައުމީ ޓީމު އައީ ރަނގަޅަށް ފަރިތަކުރަމުން ކަމަށާއި، މި އަހަރުގެ ކުރީކޮޅު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ވެސް ކުރިއެރުން ފެނުނު ކަމަށެވެ. އެ މެޗުތަކަށް ފަހު ގައުމީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ކުޅުމާއި ދުރަށް ޖެހުނުއިރު، އަނިޔާގެ މައްސަލަތަކާއި އަމިއްލަ ބައެއް ކަންކަމުގެ ސަބަބުން ސާފް ޗެމްޕިއަންޝިޕަށް ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް ނާދެވުމަކީ ޓީމަށް އައި ހީނަރުކަމެއް ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރަނގަޅަށް ސްޓާޓް ކުރެވުނު، ވަރަށް ރަނގަޅު ޓްރެކްގައި ގޮސް ފެބްރުއަރީ މަހު މެޗުތައް ކުޅުނީ. އެ މެޗުތަކުގައިވެސް ނަތީޖާ ރަނގަޅު. ދެން ޓީމަށް އެކި ސަބަބުތަކާ ހެދި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އޭގެ ސަބަބުން ޓީމަށް އުނދަގޫތަކެއް ދިމާވި،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން އަންނަ ޑުންގާ ބުންޏެވެ.

މީގެ ކުރިން ވެސް ގައުމީ ޓީމަށް ކޯޗުކޮށްދިން ޑުންގާ ބުނީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނަށް މިއީ މުޅިން އާ ލެވެލްއެއް ކަމަށާއި، އެ ކުޅުންތެރިންނަށް މި މުބާރާތަކީ ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.

އޭނާ ބުނީ މި މުބާރާތް ނިމުމާ އެކު ހުއްޓައި ނުލައި މި ޓީމު ރަނގަޅު ޕްލޭނަކާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ޕްރެކްޓިސްކޮށް ފުރުސަތުތައް ފަހިކޮށްދެވިގެން ނޫނީ މި ލެވެލްގައި ވާދަކޮށް ރަނގަޅު ކާމިޔާބީ ހޯދަން އުނދަގޫވާނެ ކަމަށެވެ.

ރާއްޖެ ފުރަތަމަ މެޗުގައި މާދަމާ ބަންގްލަދޭޝާ ދެކޮޅަށް ކުޅޭނެ އެވެ.