Advertisement

މިނީ ބަހުގެ ހިދުމަތް ތަރައްގީވެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތަސައްލީއަކަށް ވާނެ: ރައީސް

5 ސެޕްޓެންބަރު 2022 - 22:43 0

އެމްޓީސީސީން މާލޭގައި މިއަދު ފެށި މިނީބަހުގެ ހިދުމަތުގައި ބޭނުންކުރާ ބަހެއް މާލޭގެ މަގަކުން ދުއްވާފައި ދަނީ. ރައީސް ވިދާޅުވީ އެ ހިދުމަތް ތަރައްގީވެ، މާލޭގައި އުޅޭ ރައްޔިތުންނަށް ތަސައްލީއަކަށް ވާނެ ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިނީ ބަހުގެ ހިދުމަތް ތަރައްގީވެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތަސައްލީއަކަށް ވާނެ: ރައީސް

5 ސެޕްޓެންބަރު 2022 - 22:43 0

އާއްމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން ވައުދުވެފައިވާ ގޮތަށް މާލޭގައި މިއަދު މިނީ ބަހުގެ ހިދުމަތް ފެށުމީ ލިބުނު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރައްވައިފި އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މިނީ ބަހުގެ ހިދުމަތަކީ ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތަސައްލީއަކަށް ވެ، އިތުރަށް ތަރައްގީވާނެ ކަމަށެވެ.

"ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް. ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިހިދުމަތްވެ އިތުރަށް ތަރައްގީވެގެންދާނެ،" ޓްވީޓްގައި އެމަނިކުފާނު ވިދާޅުވި އެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް އެއް ކަމަކީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމެވެ. އެެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)އިން އެ ހިދުމަތް ފެށީ މިއަދު ހެނދުނު އެވެ.

މިނީ ބަހުގެ ހިދުމަތް ހޯދަން ފުރަތަމަ ދެ ހަފުތާގައި އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ. އެއަށްފަހު، ދަތުރަކަށް ނަގަން ނިންމާފައި ވަނީ 7ރ. އެވެ.

ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.

މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ 41 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނުކޮށްފަ އެވެ. ކޮންމެ މުވައްޒަފަކު ވެސް ޑިއުޓީއަށް އަރާނީ ބްރީފިންއަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.

މި ހިދުމަތް ފެށިއިރު މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަމުންނެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ހުސްކޮށް، ބަސް ދުއްވޭނެ މާހައުލެއް ގާއިމުކުރުމަށް މެދުކެނޑުމެއްނެތި ގެންދަނީ މަސައްކަތް ކުރަމުންނެވެ.