Advertisement

ކަނދި ދުވަސް

3 ސެޕްޓެންބަރު 2022 - 16:56 1

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ކަނދި ދުވަސް

3 ސެޕްޓެންބަރު 2022 - 16:56 1

އަހަރުގެ ހާއްސަ މައްސަރުތަކުގެ ތެރެއިން މުހައްރަމް މަހަކީ ވަރަށް ހާއްސަ މަހެކެވެ. މިމަހަށް ކަނދިމަހޭވެސް ކިޔައެވެ. އެއީ، މި މަހުގައި ލޮނުކަނދި ދުވަހާއ ފޮނިކަނދި ދުވަސް ހިމެނޭތީ އެވެ. ދުވަހުގެ ހުރުމަތްތެރިކަމަށްޓަކައި ކަނދި ދުވަހަކީ ދިރިއުޅުމަށްޓަކައި ކުރާ އެއްވެސް މަސައްކަތެއް ކުރާ ދުވަހެއް ނޫނެވެ.

ކަނދި ދުވަހުގެ ނަމުގައި މި ދުވަސް ފާހަގަކޮށް އުޅެނީ އާޝޫރާ ދުވަހު އެވެ. ބުނެވޭ ގޮތުގައި އެދުވަސް ފާހަގަ ކުރަމުން އައީ ކީރީތި ރަސޫލާއަށްފަހު އިސްލާމީ އުންމަތަށް އިސްކުރެވުނު ހަތަރު ވަނަ ހަލީފާ އަލީ ރަޟިޔަﷲ އަންހު ގަތުލު ކުރުމުންނެވެ. ޔަހޫދީން އަލީގެ ފާނު ގަތުލު ކުރުމަށްފަހު އެއްޗަކަށް އިސްތަށިފުޅު ލައިގެން މައްކާއަށް އައެވެ. މިބައިމީހުންގެ ގާތުގައި ތިޔައީ ކޯއްޗެއްތޯ ސުވާލުކުރުމުން ބުނީ އެއީ ބޯ އެއްޗެއްކަމެވެ. އަދި، އެ ދުވަހު އެ އިސްތަށިފުޅު ކިރާހެދިކަމުގައިވެސް ވެއެވެ. އެހެންކަމުން، އެކަމުގެ ބަދަލެއްގެ ގޮތުން މުސްލިމުން ކުރަން ފެށިކަމެއް ކަމުގައި ކިޔާއުޅެ އެވެ.

މުހައްރަމް މަހުގެ ނުވަ ވަނަ ދުވަހަކީ ލޮނުކަނދި ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުރިހާ ގެއެއްގައިވެސް ސަލަވާތް ކިޔަވަ އެވެ. ސަލަވާތް ކިޔަވަނީ މެންދުރު ނަމާދަށް ފަހުގަ އެވެ. ކަނދި ދުވަހެއްގެ ގޮތުގައި ބޮޑަށް ބެލެވިފައި އޮންނަނީ ފޮނި ކަނދި ދުވަހެވެ.

ފޮނިކަނދި ދުވަހަކީ މުހައްރަމް މަހުގެ ދިހަ ވަނަ ދުވަހެވެ. މި ދުވަހަކީ ވަރަށް އުފާވެރި އީދެއްފަދަ ދުވަހެކެވެ. އުމުރުން ހަތް އަހަރު ނުފުރޭ ހުރިހާ ކުދިން ކިރާ ދުވަހެވެ. ކިރުމަށްޓަކައި ރަށުގެ އެކިހިސާބުތަކުގައި، ހާއްސަ ގޭގޭ ހުރެއެވެ. ކިރަން ދަނީ އެބަޔަކާ އެންމެ ކައިރިން ކިރާ ގެއަކަށެވެ. މެންދުރު ނަމާދުން ފައިބައިގެން އައިސް ކިރާ ގޭތަކުގައި ސަލަވާތް ކިޔަވާ ކިރަން ބޭނުންކުރާ ތަކެއްޗަށް ދުންބުރުވުމަށްފަހު ކިރަން ފަށަ އެވެ. މިކަމަށްޓަކައި ދޮޅުފޫޓް ހުންނަވަރުގެ ކުޑަ އުނދޯއްޔެއް ގެންގުޅެ އެވެ. މި އުނދޯލި އޮނުގަނޑެއްގެ އެއްކޮޅުގައި އައްސަ އެވެ. އޮނުގަނޑުގެ މެދުގައި ވާޖަހާ ދެކޮޅަށް ހެއްލޭނޭހެން ގަހެއް ފަދަ އެއްޗެއްގައި އައްސަ އެވެ. ދެން އަނެއް ކޮޅުގައި އެލުވާނީ ކަނދި އަޅާފައި ހުންނަ ތެލި، ގުޅި އަދި ރުނބާ ފަދަ އެއްޗިއްސެވެ.

މެންދުރުވާއިރު ހުންނާނީ ކިރާ އުމުރުގެ ކުއްޖަކު ހުރި ގެއަކުނަމަ ކަނދި ކައްކާ ނިމިފަ އެވެ. ކަންޖަކީ ފުށުގައި ކައްކާ ފޮނި އެއްޗެކެވެ. ކޮންމެ ކުއްޖަކަށްވެސް ކައްކާނީ އެ ކުއްޖެއްގެ ބަރުދަން އެއްވަރު މިންވަރަކަށެވެ. ކަނދި ކެއްކުމަށްޓަކައި ބަލާމިންގަނޑެއް އޮވެ އެވެ. އެއީ އެ ކުއްޖެއްގެ އަހަރަކަށް ދިޔާ ހަކުރު ލާއްސެއްގެ މަގެވެ. އެއް އަހަރުގެ ކުއްޖަކަށް ކައްކާނީ އެއްލާހި ހަކުރުން ފޮނިވާވަރުގެ ކަންޖެވެ. ހަތް އަހަރުގެ ކުއްޖަކަށް ކައްކާނީ ހަތްލާހި ހަކުރުގެ ކަންޖެވެ. އޭރުން އާންމު ގޮތެއްގައި އެ ކުއްޖެއްގެ ބަރުދަނާ އެއްވަރު ވެއެވެ.

ފަސް ހަކުދިން ތިބޭ މީހުންވެސް ކޮންމެ ކުއްޖަކަށް ވާވަރަށް ކައްކަ އެވެ. އެއް ކުއްޖަކު ކިރި ކަންޖެއް އަނެއް ކުއްޖަކު ކިރާކަށް ބޭނުމެއް ނުކުރެއެވެ. ކޮންމެ ކުއްޖަކަށް ވަކިން އެއްޗަކަށް ކަނދި އަޅާފައި ހުރެ އެވެ.

މެންދުރު ނަމާދުން އަންނައިރު ކެއްކުމުގެ މަސައްކަތް ހުންނާނީ ނިމިފަ އެވެ. ހުރިހާ ކުދިން ފެންވަރުވާ ތެޔޮލައްވާ އަނދުން އަޅުވާ ރީތިކޮށްފަ އެވެ. ކިރާ ގޭގޭގާ ކިރަން ފެށުމުން ކަނދި ގުޅިތައް ހިފައިގެން ފިރިހެން ވެރިން ދާއިރު ގޭގެ އެންމެން މި ރަސްމިއްޔާތުގައި ބައިވެރިވެ އެވެ. އަދި، އެތަނުގައި ކިޔުޖެހިފައި އެކި އާޢިލާތަކުގެ މީހުން ތިބެއެވެ. ކިރާ މީހާ ބޮލުގައި ތާކިހާ އަޅާފައި ހުންނައިރު އެ ގޭގާ ސަލަވާތް ކިޔެވި ދުންދަނޑި އެތަނުގައި ރޯކޮށްފާ ހުރެ އެވެ.

ކުއްޖަކު ކިރާ އުނދޯއްޔަށް ލުމަށް، ކިރާމިހާ ބުނާނީ އޮނުގަނޑުގައި ހިފަހައްޓާލުމަށް ފަހުގަ އެވެ. ދެން މައިންބަފައިން ކުއްޖާ އުނދޯއްޔަށްލީމައި އަނެއް ކޮޅުގައި އެ ކުއްޖަކަށް ހުރި ކަނދިއެތި އަޅުވަ އެވެ. ދެން ދެކޮޅަށް ދެކޮޅަށް ދެތިން ފަހަރު ކިރާލުމަށްފަހު ނަގައެވެ. މިގޮތަށް ފަހަރަކު ކުއްޖަކު ކިރަމުން ގޮސް އެ އާޢިލާއެއްގެ ކުދިން ހަމަކުރެ އެވެ. ދެން ފަހަރަކު އާއިލާއެއް ކިރަމުން ދެއެވެ. އުނދޯއްޔަށް ނާރާން އުޅޭ ކުދިން ގަދަކަމުން ރޮއްވައިގެން، ހިފަހައްޓައިގެންވެސް ކިރަ އެވެ.

އެ ގެއެއްގެ ބަޔަކު ކިރާ ނިމުމުން ކަނދި އެތި ހިފައިގެން ގެއަށް ދެއެވެ. އެއަށްފަހު ޞަލާވާތް ކިޔާވާ މީހުން ހޯދައިގެން ސަލަވާތް ކިޔަވަ އެވެ. ދެން އެމީހުން ކަނދި ބޮއުމުން އަވަށު ގޭގެއަށް، ކަނދި ބޯން މީހުން ހޯދަން ދެއެވެ. މިގޮތަށް އެދުވަހު ހުރިހާ ގެއެއްގައިވެސް ބޮޑުއަށިމަތީގައި ކަނދި ދޮލަނގުތަކާއި ލޯތަށިތައް އެ މީހަކު ބޯނެ ވަރަކަށް ބޯން ހުރެ އެވެ. ބައެއް ފަހަރު ބިންބިފުއް ފަދަ އެއްޗެހީގައިވެސް ކަނދި ކައްކަ އެވެ. ނަދުރުބުނެގެން ބައެއް މީހުންގެ ދަރިން، ދޮންކޭލާއަޅާވެސް މަދުމަދުން ކިރަ އެވެ.

ގިނަ ކުދިން ތިބޭ ގޭގާގައި ވަރަށް ބައިވަރު ކަނދި ބާކީ ވެފާ ހުރެ އެވެ. މި ކަނދިތައް އަލުން ހިލުމަށްފަހު އެއްޗިއްސަށް އަޅާ ގިނަ ދުވަހަށް ރައްކާ ކުރެ އެވެ. މި ގޮތަށް ހިލާފައި ހުންނަ ކަނދި ވަރަށް ގިނަ ދުވަހު ނުބައިނުވެ ހުރެ އެވެ. ބައެއް ފަހަރު މާކަށިކެޔޮ ފަތުން ބޮޑެތި ފާޅަ ހަދާ އެއަށްވެސް އަޅަ އެވެ. މިހާހިސާބުން މިއީ މުޅިން ތަފާތު އާ ރަހައެއްދޭ ކެއުމަކަށް ބަދަލުވީ އެވެ. ކުރިން ސަމުސަލުން ބޯއެއްޗެއްގެ ގޮތުގައި ހުރި ކަނދި، ހިލުމުން ބޭނުން ވަރަކަށް ފޮތިފޮތި ކޮށްގެން އެ ވަގުތަކަށް ބޭނުން ވަރަކަށް ނެގެ އެވެ. މި ކަނދި ކުރީގައި ކެއްކި ކަންޖާ މުޅިން ރަހަ ތަފާތެވެ. ގިނަދުވަސްވުމުން މަތީގައި ފޫޖަހާލިޔަސް އެބައި ކަހާލުމުން ރަހައަކަށް ކުލައަކަށް ބަދަލެއް ނާދެ އެވެ.

ލޮނުކަނދި ދުވަހާއި ފޮނިކަނދި ދުވަހު މަހަށް ފަރަށް ދިޔުމަކީ ވަރަށް ނުބައި ކަމެކެވެ. މިއިން ދުވަހަކު ކަނޑުމައްޗަށް އަރައިފިނަމަ ކޮންމެވެސް ނުރައްކާތެރި ބިރުވެރި ކަމެއް ދިމާނުވެއެއް ނުދާނެ އެވެ. މާ އިހުގައި، ކަނދި ދުވަހަކު މަހަށް ދިޔަބަޔަކަށް ކަނޑުގައި ހުރި މީހަކު ދެއަތުގައި މަސްއަޅުވައިގެން "މިހިރީ މަހޭ ބަލާ އަންނާށޭ" ގޮވިކަމަށް ކިޔަ އެވެ. އެހެންކަމުން، ކިތަންމެ މަސްވެރިކަން ރަނގަޅަސް މީން ދުވަހަކު ކަނޑުމައްޗަކަށް ނާރަ އެވެ.

ލޮނުކަނދި ދުވަހާއި ފޮނިކަނދި ދުވަހެއް މިހާރަކު ނާދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދަރިން ކިރި ކިރުމެއް ނުހުއްޓެ އެވެ. އިހުގައި އަހަރަކު އެއް ފަހަރު ކިރަމުންއައި ކިރުން މަހަކު އެއް ފަހަރަށް ބަދަލުވެއްޖެ އެވެ. އެކަމަކު ކުއްޖާގެ ބަރުދަނަށް ކަނދި ކައްކައިގެން އަވަށު އިސްމީހެއްގެ ގެއަށް ގޮސްގެން ޞަލަވާތް ފާތިޙާ ކިޔަވާ ދުންބުރުވައިގެންނެއް ނޫނެވެ. އަވަށު ކުދިބޮޑު އެންމެން ގެއަށް ގެނެސް ކާންދީގެންނެއްވެސް ނޫނެވެ. ސިއްހީ މަރުކަޒަކުން ނުވަތަ ކޮންމެވެސް ހޮސްޕިޓަލަކަށް ގޮސް ކިރާލުމަށްފަހު ކާޑެއް ފުރާލުމުން ނިމުނީ އެވެ.