3 ސެޕްޓެންބަރު 2022 - 10:09 0
މުހައްމަދު ނަސީމް
ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ފުރިހަމަކުރި ގައިދީން އާއިލާތަކާ ހަވާލުކުރުމުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިސަންސް ކޮމިޝަނަރު އެމީހުންނަށް ނަސޭހަތްދެއްވަނީ. ފޮޓޯ:ކަރެކްޝަނަލް ސާވިސް
3 ސެޕްޓެންބަރު 2022 - 10:09 0
މަސްތުވާތަކެތިން މީހުން ދުރުކޮށް މުޖުތަމައަށް އަލުން ނެރުމަށް ހާއްސަކޮށް މާފުށީ ޖަލުގައި ހިންގި ފުރަތަމަ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީއަކު މިއަދު އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފި އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި މީހުން އާއިލާތަކާ ހަވާލުކުރީ ޝަރުތުތަކަކާ އެކުގައި ކަމަށާއި އެމީހުން ފުރިހަމަކުރަން ޖެހޭ ޝަރުތުތަކުގެ މުއްދަތަކީ އަހަރުދުވަސް ކަމަށެވެ. އެ އެއް އަހަރު ދުވަހު ކަރެކްޝަނަލް ސާވިސް އިން އެމީހުން އުޅޭ ނޫޅޭ ގޮތް ބަލަމުން ގެންދާނެ އެވެ.
މިއަދު ދޫކޮށްލި މީހުން އެމީހުންގެ އާއިލާތަކާ ހަވާލުކުރުމުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކަމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އެމީހުންނާ ބައްދަލުކުރައްވައި، ރަނގަޅަށް އުޅުމަށް ހިތްވަރުދެއްވި އެވެ.
އެމީހުންނަށް ނަސޭހަތް ދެއްވަމުން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ގައިދީން، އާއިލާއެކު އުޅޭއިރު ކޮށްފައިވާ ޝަރުތަކާ އެއްގޮތަށް އުޅުން ރަނގަޅުކޮށްފި ނަމަ ލިބޭ ނަތީޖާ މާ ރަނގަޅުވާނެ ކަމަށެވެ. އެމީހުންނަކީ ޖަލުގައި ދެން ތިބި މީހުންނަށް ނަމޫނާއަކަށް ވުމަށް ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.
"އެހެންވީމާ ތިޔަ ބޭފުޅުންގެ މަސައްކަތާ އެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތައް މިއަށް ވުރެ މާ ކާމިޔާބުވާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭޭގައި ވަބާއަކަށް ވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް މީހުން ރިހެބިލިޓޭޓް ކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން އަބަދުވެސް ކުރެ އެވެ. އެހެން ނަމަވެސް އެކަމުގެ މާ ރަނގަޅު ނަތީޖާއެއް ނުފެނެ އެވެ.
Comment