Advertisement

ފްލެޓަށް ކުރިމަތިލެވޭ ގޮތަށާއި 65 އަހަރު ނުވަނީސް ރިޓަޔާވެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅަނީ

1 ސެޕްޓެންބަރު 2022 - 16:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު؛ ފަނޑިޔާރުންނަށް ގާނޫނަށް އިސްލާހު ގެންނަ ބިލުގައިވާ ކަންބޮޑުވުންތަކާއެކު އިތުރު އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި


ފްލެޓަށް ކުރިމަތިލެވޭ ގޮތަށާއި 65 އަހަރު ނުވަނީސް ރިޓަޔާވެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅަނީ

1 ސެޕްޓެންބަރު 2022 - 16:42 0

ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާކުރަން ބޭނުންވާ 65 އަހަރުން ދަށުގެ ފަނޑިޔާރުންނަށް ރިޓަޔާ ކުރެވޭނެ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން އެޖީ އޮފީހުން ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވި ބިލުގައި ވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށެވެ.

މިހާރު ކޮންމެ އުމުރެއްގައި ވެސް ފަނޑިޔާރު ކަމުގެ ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާވެވޭނެ އެވެ. އަދި، އެ ފުރުސަތު އަދިވެސް އޮންނަން ވާނެ ކަމަށް ވިދާޅުވެ ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުން ޝުއޫރު ފާޅު ކުރައްވާފައިވެ އެވެ.

"ގާނޫނަށް އަމަލު ކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާ ކުރަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށް ވުރެ މަތީ އުމުރުގެ ފަނޑިޔާރުންނަށް އެ ފުރުސަތު ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާނަން،" ރިފްއަތު ލިޔުއްވާފައިވެ އެވެ.

މީގެ އިތުރަށް ފަނޑިޔާރަކު ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރުން ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުށަހަޅާފައިވާ އިސްލާހުގައިވާ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިން އެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް ލިބޭ އެއްޗެއްގެ ގޮތުގައި ހުށަހަޅާފައިވާ އެލަވަންސެއް ކަމަށް ވެސް ވިދާޅުވި އެވެ.