Advertisement

"ފައުޒިއްްޔާއަކީ ފުރިހަމަ އެކްޓަރެއް، އަޅާކިޔޭނެ ހުނަރެއް ނޫން"

30 އޮގަސްޓު 2022 - 14:40 2

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ފިލްމް ހައްދުގެ މަންޒަރެއް: ފައުޒިއްޔާއަކީ ކޮންމެ ރޯލަކަށް ވެސް ފިޓް ފަންނާނެއް --


"ފައުޒިއްްޔާއަކީ ފުރިހަމަ އެކްޓަރެއް، އަޅާކިޔޭނެ ހުނަރެއް ނޫން"

30 އޮގަސްޓު 2022 - 14:40 2

ދިވެހި ފިލްމީދާއިރާގައި 35 އަހަރުވީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)، އޭނާ މިވަގުތު ޝޫޓްކުރަމުންދާ ފިލްމު، "ލަސްވިޔަސް" ގެ ތަރި، މަރުހޫމާ ފައުޒިއްޔާ ހަސަން ސިފަކުރީ ކެރިއަރުގައި މިހާތަނަށް ދިމާވި އެންމެ "ކޮމްޕްލީޓް" އެއް އެކްޓަރުގެ ގޮތުގަ އެވެ. އޭނާގެ މިޒާޖާއި ހުނަރު، އެއް ބަހުން ސިފަކުރަން ނުކުޅެދި، އެތައް ޖުމްލައަކަށް ބުރިކޮށް، ސިފަކޮށްދެމުން ކިޔައިދިނީ، ފައުޒިއްޔާ އަކީ އޭނާއަށާއި ފިލްމީ ދާއިރާއަށް ނިސްބަތްވާ ކޮންމެ މީހަކަށް "މަދަރުސާ" އަކަށް ފުދޭ، އެ ފަންނުގައި އެފަދަ ދެވަނައެއް ނުވާ ޝަހުސިއްޔަތެއް ކަމެވެ. ފައުޒިއްޔާ ދުނިޔޭގައި ހުއްޓާ، އެކުގައި މަސައްކަތްކުރުމުގެ އެންމެ ފަހުގެ ފުރުސަތު އޭނާއަށް ލިބުމުގެ ހުރިހާ ފަހުރަކާއި ޝަރަފެއް މި ތައުރީފެއްގައި ލިބިގަތެވެ.

"އަހަރެންގެ ކެރިއަރުގެ 35 ވަނަ އަހަރު ފުރޭނީ މި އަހަރު. މިހާތަނަށް ވަރަށް ގިނަ އާޓިސްޓުންނާ އެކު މަސައްކަތް ކޮށްފިން. ފައުޒިއްޔާ އަކީ އެކުގައި މަސައްކަތްކުރި އެންމެ ހުނަރުވެރި އެންމެ ޕްރޮފެޝަނަލް އަދި އެންމެ އަހުލާގުރަނގަޅު އެއް ތަރި. އޭނާއާ އެކު މަސައްކަތުގައި ހޭދަކުރި 22 ވަރަކަށް ގަޑި އިރަކީ އަހަންނަށް ނަގައިދިން ފިލާވަޅެއް." ޓެޑްރީ ބުންޏެވެ.

މިހާރުވެސް ޝޫޓިން ކުރިއަށްދާ އޭނާގެ "ލަސްވިޔަސް" ގައި ފައުޒިއްޔާ އަދާކުރަނީ މާމައެއްގެ ރޯލެވެ. އެ ރޯލުގައި ފައުޒިއްޔާގެ ޝޫޓިންތައް ޖޫން މަހުގެ ތެރޭގައި ނަގައި ނިންމައިފި އެވެ.

ލަސްވިޔަސްގެ، އެ ރޯލަކީ، ފައުޒިއްޔާއާ އެކުގައި މަސައްކަތްކުރުމުގެ ނިޔަތާއި ބޭޏުން އޮތްލެއް ބޮޑުކަމުން، ފައުޒިއްޔާ އަށް ހާއްސަކޮށްގެން ސްކްރިޕްޓް ތައްޔާރުކުރި ރޯލެއް ކަމަށް ޓެޑް ބުންޏެވެ. އެހެންވީމާ، އެހެން މީހަކު އެ ކާސްޓަށް ފިޓެއް ނުވި އެވެ. ފަސް މީހުންނާ ވާހަކަ ދައްކައިގެންވެސް ފައުޒިއްޔާގެ ރޯލަށް ހެޔޮވަރު މީހަކު އޭނާއަށް ނުފެނުނެވެ.

"ފައުޒިއްޔާ ލަންކާގައި ދިރިއުޅުއްވާތީ އަލުގަނޑަކަށް ނެތް އެއްބަސްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް. ދެން ކޮންމެވެސް ގޮތަކުން ފައުޒިއްޔާއާ ގާތް މީހަކަށް ގުޅައިގެން އެވާހަކަ ބުނެފިން. ބުނީމަ ވަގުތުން އެއްބަސްވެއްޖެ." ޓެޑްރީ ކިޔައިދިނެވެ.

"ދެ މިނިޓުގެ މަންޒަރެއް، ތިން އޭންގަލުން ކެމެރާ ބަހައްޓައިގެން ޝޫޓްކުރީ. ސްކްރިޕްޓްގެ ހުރިހާ ޑީޓެއިލްއަކާ އެއްހަމަކޮށް އެއް ބުރުން ފައުޒިއްޔާ އެކްޓްކޮށް ނިންމައިލީ،"

އޭނާ ބުނީ، އެފަދަ ފުރިހަމަ އަހުލާގާއި، ފަންނުގެ ތައުލީމު އެހާ މުއްސަނދި މީހުން މަދުވާނެ ކަމަށެވެ. ރާއްޖޭގެ ފިލްމީ ހަޔާތުގައި އެލެވެލްގެ ހުނަރުގައި ނަންކިޔާ ތިން ނަމުގެ ތެރޭގައި އޭނާގެ ނަން ހިމެނި ނުދާނެ ކަމަށް ވެސް ބުންޏެވެ.

"ފައުޒިއްޔާ ސެޓުގައި އުޅޭ ވަގުތު، އޭނާގެ ޝަހުސިއްޔަތުގެ ބާރުގައި މުޅި ތަން ހިންގައި ޖޯޝު ގެނުވާނެ. މަދު މީހެއްގެ ކިބައިން ނޫނީ އެފަދަ ހުނަރު ނުފެންނާނެ." ޓެޑްރީ ބުންޏެވެ.

މާލޭގައި 1958 ވަނަ އަހަރު ބޭއްވި ރީތީގެ މުބާރާތުން ވެސް އެއްވަނަ ހޯދި ފައުޒިއްޔާ އެންމެ ފުރަތަމަ ސްކްރީނުން ފެނުނީ 1985 ވަނަ އަހަރު ނެރުނު ދިވެހި ފިލްމު "ފިދާ" އިންނެވެ.

ފައުޒިއްޔާ, ފިލްމީ ތަރި އައްޒައާއެކު


ޖާސޫސެއްގެ ތުހުމަތުކޮށް އިންޑިއާގެ ޖަލެއްގައި ހޭދަކުރި 3 އަހަރު

އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ)ގެ ބައެއް އިސްވެރިންތަކަކާ ގުޅިގެން ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ފައުޒިއްޔާއާ އޭނާއާއެކު އޭރު އިންޑިއާގައި އުޅުނު ގދ. ތިނަދޫ މަރިޔަމް ރަޝީދާ ނޮވެމްބަރު 13، 1994 ހައްޔަރުކޮށްފައިވެ އެވެ. އެމީހުން ދޫކޮށްލާފައިވަނީ އޭގެ ތިން އަހަރު ފަހުންނެވެ. އެމީހުން ބަންދުކޮށްފައި ބެހެއްޓީ ކެރެލާގެ ޖަލެއްގަ އެވެ.

އެ ހާދިސާ ދައްކުވައިދޭ ހިންދީ ފިލްމެއް ވެސް މިދިޔަ މަހުގެ ތެރޭ ނެރެފައިވެ އެވެ.

އޭނާ ނިޔާވިއިރު, ހައްޔަރުކޮށްގެން ގެންގުޅުމުގެ ބަދަލު ހޯދަން މައްސަލަ އިންޑިއާ ސަރުކާރަށް އޮތީ ހުށަހަޅާފަ އެވެ. އެ މައްސަލަ ކުރިއަށްދާއިރު އޭނާގެ ބަޔާން ވެސް ނަގާފައިވެ އެވެ.


ހާދިސާ ހިނގިތާ 27 އަހަރު ފަހުން އަލުން މައްސަލަ އަލުން ހިލިގެން ދިޔައީ އިންޑިއާގެ ސުޕްރީމް ކޯޓުގެ އިސް ނެގުމަށް އެ މައްސަލަ ބަލައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ނެރުނު އަމުރެއްގެ ސަބަބުންނެވެ. އެ އަމުރުގައި ވަނީ އެ މައްސަލަ އޭރު ތަހުގީގު ކުރި ކެރެލާގެ ފުލުހުން އަމަލުކުރި ގޮތުގެ ތަހުގީގެއް ހިންގުމަށް ސީބީއައިއަށް އަމުރުކޮށްފަ އެވެ. އަދި ހައްޔަރުކުރި މީހުންނަށް ބަދަލު ހޯދުމަށް ދައުވާކުރުމަށް ވެސް ފުރުސަތު އަމުރުގައި ދީފައިވެ އެވެ.

ފައުޒިއްޔާ އަކީ އޭނާ އަދާކުރި ރޯލުތަކުގައި ދައްކައިދީފައިވާ މޮޅު ހުނަރުގެ ސަބަބުން، ފަހުން ފިލްމީ ދާއިރާއާ ދުރަށް ދިއުމުން ވެސް ފަނޑުނުވި ނަމެކެވެ. ޓެޑްރީ ސިފަކުރި ގޮތަށް، އޭނޭ ދުނިޔޭގައި ނެތަސްވެސް، އޭނާގެ ހުނަރާއި އަހުލާގާއި ހިތްހެޔޮ މިޒާޖުގެ މަތިން ހަނދާން ނުނެތޭނެ އެވެ. ފިލްމީ އުދަރެހުން އޭނާގެ ނަމަށް ފަނޑުކަމެއް ނާންނާނެ އެވެ.