31 އޮގަސްޓު 2022 - 09:31 6
މުހައްމަދު ވިޝާމް
އުމުރުން ދުވަސްވީ ދެ މީހުން ހުޅުމާލޭ ބީޗު ސަރަހައްދުގައި ހުރި ބެންޗެއްގައި އިށީނދެލައިގެން. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
31 އޮގަސްޓު 2022 - 09:31 6
ދާދި ފަހުން ސޯޝަލް މީޑިއާގައި ކުރެވުނު ބަހުސެކެވެ؛
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަސްކަރިއްޔާއިން ރިޓަޔާ ކުރެއްވުމުން އޭނާއަށް ލިބިވަޑައިގެންނެވި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ވާހަކަ ހޫނުވި އެވެ. އެ އަދަދު ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ކުރި އެވެ. އާންމު އުސޫލުން އެކަން ހިނދިގެން ދިޔައީ ޖޯކަކަށް ވެގެނެވެ.
އެކަމަކު މި މައުލޫއަކީ އެންމެ މީހަކަށް ލިބުނު ވަކި އަދަދަކަށް ވުރެ ފުޅާ މައްސަލައެކެވެ. ދައުލަތުގެ މާލިއްޔަތު ދެކޮޅު ނުޖެއްސިގެން ވަރުވަރުން ލޯނު ނަގަމުންދާއިރު، ނިޒާމުގެ ބަލިކަށިކަމުން އަހަރުން އަހަރަށް އިތުރުވަމުންދާ އިސްރާފެކެވެ.
ދެހާސް ނުވަ ވަނަ އަހަރު، ރާއްޖޭގައި ޕެންޝަން ލިބެމުން އައީ ސަރުކާރު މުވައްޒަފުންނަށް އެކަންޏެވެ. ހަމައެކަނި ދައުލަތުން ދޭ ފައިސާއެއްގެ ގޮތުގައި އެކަން އޮވެގެން، މާލީ ގޮތުން ބަލާއިރު އެކަމަކީ ދެމެހެއްޓެނެވި ގޮތެއްގައި ނުކުރެވޭނެ ކަމެއް ކަން ވިސްނިގެން، އެ ނިޒާމު އިސްލާހުކުރަން މަޖުބޫރުވި އެވެ.
އެއާއެކު، 2009 ވަނަ އަމަލުކުރަން ފެށި ޕެންޝަނާބެހޭ ގާނޫނު ފަރުމާކުރީ ވަށާޖެހޭ ނިޒާމެއް ގެނައުމުގެ ވިސްނުމުގަ އެވެ. މުސްކުޅިވުމުން، 65 އަހަރުން މަތީގެ މީހުނަށް ފައިސާ ދިނުމާއި، ރިޓަޔަމަންޓް ޕެންޝަން ސްކީމް ތައާރަފުވެގެން ދިޔައީ އެ ގާނޫނުގެ ދަށުންނެވެ.
މާޒީން ފިލާވަޅު ލިބިގަނެ، ހާއްސަކޮށް ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަރުމާކުރީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭ ގޮތަށެވެ. މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން ވެސް ވަކި ވަރެއް ކޮންމެ މަހަކު ޖަމާކުރާ ގޮތަށެވެ. މުޅި ފަންޑަށް ޖަމާވާ ފައިސާ އިންވެސްޓްކޮށްގެން އޭގެ ނަފާ ވެސް ރިޓަޔާ ކުރުމުން މަހުން މަހަށް، ވަކި ނިސްބަތަކުން ފައިސާ ދެވޭ ނިޒާމެކެވެ.
ނަމަވެސް، އެ ގާނޫނަށް 13 އަހަރު ވެފައިވާ އިރު، އަލަށް ގެނައި ނިޒާމުގައި ހުރި ކުދި ބާގަނޑުތަކެއްގެ ތެރެއިން، ބައެއް މުއައްސަސާތަކެއް ވަނީ ދޫވެގެން ގޮސްފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު"އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، އާންމު ޕެންޝަން ސްކީމުގެ ބޭރުން، 15 ވަރަކަށް މުއައްސަސާއެއްގެ މަދު މުވައްޒަފުންތަކަކަށް، އަހަރަކު އެތައް މިލިއަން ރުފިޔާއެއް ދަނީ ދެމުންނެވެ.
ޕެންޝަން އޮފީހުން ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުން، 2012 ވަނަ އަހަރު ޖުމްލަ 10 މުއައްސަސާއެއްގެ 3،236 ބައިވެރިންނަށް ގާތްގަނޑަކަށް 144.37 މިލިއަން ރުފިޔާ އާންމު ޕެންޝަން ސްކީމްގެ ބޭރުން ވަނީ ދީފަ އެވެ.
ފާއިތުވި 11 އަހަރުގެ ތެރޭގައި އާންމު ޕެންޝަންގެ ސްކީމުގެ ބޭރުން ދެވުނު ޖުމްލަ ފައިސާގެ އަދަދު. -ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު
އޭގެ ތެރޭގައި 55 އަހަރުވުމުގެ ކުރިން ރިޓަޔާ ކުރުމުން ގަނޑުކޮށްދޭ ފައިސާ އާއި 55-65 އަހަރާ ދެމެދު ރިޓަޔާ ކުރާ މީހުނާއި 65 އަހަރުވުމުން ރިޓަޔާ ކުރާއިރު ދޭ ދެ އަހަރު ދުވަހުގެ މުސާރަ ވެސް ހިމެނެ އެވެ.
އޭގެ ފަހުން، ޕެންޝަން ސްކީމުގެ ބޭރުން މަންފާ ލިބޭ ފަރާތްތަކާއެކު އެކަމަށް ކުރާ ހޭދަ ވެސް އަހަރުން އަހަރަށް ވަނީ ބޮޑުވެފަ އެވެ.
މިގޮތުން މިދިޔަ އަހަރު، ޖުމްލަ 15 މުއައްސަސާއަކުން ޕެންޝަން ސްކީމުގެ ބޭރުން ފައިސާ ދޭ މީހުންގެ އަދަދު 4،358 އަށް އަރައި، އެކަމަށް ދައުލަތުން ކުރި ހަރަދު ވަނީ 244.98 މިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ.
އަދި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކީމުގެ ބޭރުން ފައިސާ ދޭ ޖުމްލަ މީހުންގެ އަދަދު 4،418 އަށް އަރާފައިވާއިރު، އެހާތަނަށް ދައުލަތުގެ ބަޖެޓުން ވަނީ 150.36 މިލިއަން ރުފިޔާ ހޭދަވެފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން އެޓާނީ ޖެނެރަލްގެ އޮފީސް ސިވިލް ސާވިސް ކޮމިޝަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިލެކްޝަންސް ކޮމިޝަން އިސްލާމިކް ޔުނިވާސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މޯލްޑިވްސް ކަސްޓަމްސް ސާވިސް މޯލްޑިވްސް ޕޮލިސް ސާވިސް ޑިފެންސް މިނިސްޓްރީ ރައްޔިތުންގެ މަޖިލިސް ރައީސް އޮފީސް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީސް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ
މި މައްސަލައިގެ މައްޗަށް ނެޝަނަލް ޕޭ ކޮމިޝަނުން ތައްޔާރުކުރި ހުދު ކަރުދާހެއްގައި ފެންމަތިކޮށްފައިވާ އަންދާޒާތަކަކީ ބިރުގަންނަންޖެހޭ ފަދަ އަދަދުތަކެކެވެ.
މިގޮތުން، އާބާދީއަށް ބަދަލު އަންނާނެ ނިސްބަތުގެ އިތުރުން މުސާރަތަކަށް އައިސްދާނެ ކުރިއެރުންތަކުގެ މައްޗަށް އެ ކަރުދާހުގައި އަންދާޒާކުރާ ގޮތުގައި، 2050 ވަނަ އަހަރާ ހަމައަށް، ޕެންޝަން ސްކީމުގެ ބޭރުން ކުރާ ހޭދަ ތިން ބިލިއަން ރުފިޔާއާ ގާތްކުރާނެ އެވެ.
އަދި އޭގެ ފަހުން ވެސް އެ އަދަދު އަހަރުން އަހަރަށް މަތިވަމުންދާނެ ކަމަށް ވެސް އެ ކަރުދާހުގައި ލަފާކޮށްފައިވެ އެވެ. މިގޮތުން، ޕެންޝަނަށް ދޭ ފައިސާ 2040 ވަނަ އަހަރާ ހަމައަށް އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ނުވަ ޕަސަންޓާ އަޅާބަލާއިރު، އުފެންދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ އެވަރެޖުކޮށް ހުންނާނެ ކަމަށް ބެލެވެނީ ހަ ޕަސަންޓުގައި ކަމަށް ވެސް އެ ކަރުދާހުގައި ބުނެފައިވެ އެވެ.
"އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ އެތައް ގުނައެއް 2040 އަހަރާ ހަމައަށް ޕެންޝަން ސްކީމުގެ ބޭރުން ދޭ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، މިއީ މާލީ ގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫނެވެ،" ލަފާކުރުންތަކުގެ އަލީގައި އެ ކަރުދާހުގައި ބުންޏެވެ.
އެ ކަރުދާހުގައި ފާހަގަކޮށްފައިވާ ފަދައިން 2009 ވަނަ އަހަރު ޕެންޝަނުގެ ނިޒާމު އިސްލާހުކުރީ ދެމެހެއްޓެނެވި ގޮތެއްގައި ޕެންޝަން ދެވޭނެ އުސޫލެއް ގާއިމުކުރުމަށެވެ. އެކަމަކު އެ ޕެންޝަން ސްކީމުގެ ބޭރުން ޑަބަލް ޕެންޝަން ސްކީމުތައް ނުހުއްޓުވޭނަމަ، އެ ކަން ކުރުމުގެ ބޭނުން ކެނޑެ އެވެ.
މި މައްސަލައަކީ ބޭރުގެ މާލީ އިދާރާތަކުން ވެސް ތަކުރާރުކޮށް ދެމުންދާ އިންޒާރެކެވެ. ދައުލަތުގެ އާމްދަނީން ހަރަދު ހަމަނުޖެއްސިގެން އުޅޭއިރު، މިފަދަ އިސްރާފުތައް ހުއްޓުވުމަކީ ވާލްޑް ބޭންކާއި އައިއެމްއެފްގެ ވެސް އެންމެ މުސްކުޅި އެއް ލަފާ އެވެ.
ވާލްޑް ބޭންކުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރަނީ މަސައްކަތްތެރިންގެ އާބާދީގެ ތިންބައިކުޅަ އެއްބައި ކަމަށެވެ. މިއީ ބޮލަކަށް ޖެހޭ އާމްދަނީ އެއްވަރު އެހެން ގައުމުތަކާ އަޅާކިޔާއިރު މާ ދަށް އަދަދެކެވެ. ޑަބަލް ޕެންޝަންގެ މައްސަލައަށް ބަލާއިރު، ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބަޔަށް މި ޕެންޝަނަށް ޝަރުތު ހަމަވެ އެވެ.
ޕެންޝަނާ ގުޅޭ ކަންކަން ހައްލުކުރަން ވާލްޑް ބޭންކުން ލަފާދެނީ 2009 ވަނަ އަހަރުގެ ކުރިން ސަރުކާރާއި ދައުލަތަށް ހިދުމަތް ކުރި މުވައްޒަފުންނަށް ޑަބަލް ޕެންޝަނުގެ ބަދަލުގައި ކްރެޑިޓެއް ނޫނީ ސަރުކާރުން ހަރަދުކޮށްގެން ޕެންޝަން "ޓޮޕް-އަޕް" ކޮށްދޭން ނުވަތަ ރިޔަޓާވާން ހުންނަ ޝަރުތުތައް މުރާޖާކުރާށެވެ.
އަދި ޕެންޝަން ސްކީމުގައި ބައިވެރިވާން ބާރުއެޅުމުގެ ގޮތުން ކޮމްޕްލަޔަންސް އިތުރުކޮށް ވަޒީފާ ނެތް ހާލަތުގައި އެލަވަންސް ދިނުން ފަދަ ކަންކަން އެ ސްކީމުގައި ހިމަނާށެވެ.
ޕެންޝަން އޮފީހުން ވެސް ގަބޫލުކުރާ ގޮތުގައި ޑަބަލް ޕެންޝަންގެ މައްސަލަ އޮތް ހައްލަކީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ތައާރަފުކުރެވިފައިވާ ޕެންޝަން ނިޒާމުގެ ތެރެއިން ދައުލަތުގެ ހަރަދުގައި ދެވޭ ހުރިހާ ޕެންޝަނެއް ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށް ދެވިގެނެވެ.
އެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އައިޝަތު ފަޒްނާ "އަދަދު"އަށް ވިދާޅުވި ގޮތުގައި ޕެންޝަން ނިޒާމުގެ ތެރެއިން މުވައްޒަފުންނަށް ދައުލަތުން ޕެންޝަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ އެމީހަކު ވަޒީފާ އަދާކުރާ މުއްދަތުގައި ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި މުވައްޒަފުންގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓަށް ހުންނަނީ ދުރާލާ ޖަމާކޮށްފަ އެވެ.
އަދި އެއަށް އިންވެސްޓްމަންޓްތަކުން ނަފާ ލިބި ރިޓަޔާމަންޓާ ހަމަޔަށް ދާއިރު ޕެންޝަން ލިބޭނެ ގޮތް ހަމަޖައްސައި ދެވިފައި އޮންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ މައްޗަށް އަލުން އެމީހަކު ރިޓަޔާކުރުމުން ރިޓަޔާމަންޓް ޕެކޭޖްތައް ދޭނަމަ ދައުލަތުން ޕެންޝަން ދިނުމަށް ކުރަންޖެހޭ ހަރަދު ދާނީ ދުވަހުން ދުވަހަށް ބޮޑުވަމުން،" ފަޒްނާ ވިދާޅުވި އެވެ.
ޑަބަލް ޕެންޝަނަށް ކުރާ އިސްރާފު ހުއްޓުވަންޖެހޭ ކަމަށް އެންމެން އިއްތިފާގުވާއިރު، 13 އަހަރުގެ ތެރޭގައި އެކަމަށް ހައްލު ނުހޯދި އޮތީ ކީއްވެތޯ މިއީ ޖާއިޒު ސުވާލެކެވެ.
މި މައްސަލަ ހައްލުނުކުރެވި މިހާ ދިގުލައިގެންދާ ހަގީގީ ސަބަބުތަކަށް ފިނޭންސް މިނިސްޓްރީން ކޮންމެ ވެސް ވަރަކަށް އަލިއަޅުވައިލި އެވެ.
އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް "އަދަދު"އަށް ވިދާޅުވީ، ޕެންޝަންގެ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކުރެވިގެން، ގާނޫނު އިސްލާހުކުރަން ވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނެވެ. ނަމަވެސް، އެ އިސްލާހު އަލުން މުރާޖައާ ކުރަން އެދި އަލުން ފޮނުވައިލި ފަހުން، އެކަމަށް އަދިވެސް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.
އެކަމުގެ ސަބަބެއް ކަމަށް ސަރުވަޝް ވިދާޅުވީ، ދައުލަތުގެ ހިދުމަތުގައި މުޅި އުމުރު ހޭދަކުރާ މުވައްޒަފުން ރިޓަޔާކުރުމުން ލިބޭ މަންފާއެއް ކުއްލިއަކަށް ހުއްޓާލުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"އެހާ ގިނަ ދުވަހު ހިދުމަތް މި ކުރަނީ ރިޓަޔާ ކުރާއިރު އެކްސްޕެކްޓޭޝަންސްތަކަކާ ވެސް އެކީ. އެހެންވީމާ މިކަން ހައްލުކުރަން މި ޖެހެނީ އެފަދަ ބޭފުޅުންނަށް ވެސް ބޭއިންސާފަކަށް ނުވާނޭ ގޮތަކަށް،" ސަރުވަޝް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރިޓަޔާ ކުރަން ކައިރިވެފައިވާ މީހަކަށް ލިބެން އޮތް މަންފާއެއް އެންމެ ފަހު ވަގުތު ނުލިބޭ ގޮތަށް ބަދަލުކުރާއިރު ގިނަ ކަންކަމަށް ރިއާއަތް ކުރަންޖެހެ އެވެ.
މި ހުރިހާ ކަމަކަށް ވިސްނައިގެން މިކަމަށް ދުވަހަކު ވެސް ހައްލެއް އަންނާނެތޯ ކުރި ސުވާލަށް ވެސް ސަރުވަޝް ޖަވާބު ދެއްވި އެވެ.
ސަރުކާރުން މިހާރު ކުރަމުންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ޑަބަލް ޕެންޝަން މައްސަލައަށް ހައްލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރައްވަ އެވެ. އޭގެ މާނައަކީ، މުސްތަގުބަލުގައި ޑަބަލް ޕެންޝަންގެ ގޮތުގައި ދޭންޖެހޭ މީހުންގެ އަދަދު އަހަރުން އަހަރަށް މަދު ކުރެވެމުންދިޔުމެވެ.
"މިސާލަކަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށް އަޅުގަނޑުމެން އޮނިގަނޑަށް ގެނައި ބަދަލުގެ ތެރެއިން ޕެންޝަންގެ މައްސަލައަށް ވެސް އޮންނާނީ އެޑްރެސްކުރެވިފައި،" މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތުގެ ތެރެއިން އެހެން މުއައްސަސާތަކުގައި އޮތް ޑަބަލް ޕެންޝަން މައްސަލައަށް ހައްލެއް އަންނާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މުސްތަގުބަލުގައި ހައްލެއްގެ އުއްމީދެއް އޮތް ނަމަވެސް, ސަރުވަޝް އެ ފާހަގަ ކުރައްވާ ބޭއިންސާފުގެ އަނެއް ކޮޅު ވެސް އެބަ އޮތެވެ; އެއީ އެއް ބަޔަކު ރިޓަޔާ ކުރާއިރު ގަނޑުކޮށް, ލައްކައިން ފައިސާ ލިބުމަކީ އެހެން ހިދުމަތްތެރިންނަށް ވެވޭ ބޭއިންސާފެއް ނޫންކަމާމެދު އޮތް ސުވާލެވެ.
Comment