Advertisement

މިމްރާހުގެ މަރާ އެކު އުނގޫފާރު ޓީމަށް އުނދަގޫ ހާލަތެއް

30 އޮގަސްޓު 2022 - 11:34 0

އުނގޫފާރު ޓީމުގެ މެޗެއްގެ ތެރެއިން މިމްރާހު ބޯޅަ ހިފައިގެން.-- ފޮޓޯ: އުނގޫފާރު އެފްސީ


މިމްރާހުގެ މަރާ އެކު އުނގޫފާރު ޓީމަށް އުނދަގޫ ހާލަތެއް

30 އޮގަސްޓު 2022 - 11:34 0

އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގައި މިދިޔަ އާދިިއްތަ ދުވަހު ރ. އަލިފުށި އަތުން ރ. އުނގޫފާރު މޮޅުވުމާ އެކު، އެ ޓީމަށް ހަމަޖެހުމެއް ލިބުނެވެ. ފަސް މަހެއްހާ ދުވަހު އެކުގައި ޕްރެކްޓިސް ކުރި އުނގޫފާރު ޓީމަށް ރަސްމީ މެޗެއްގައި މި ފަހަރު ލިބުނު ފުރަތަަމަ މޮޅާ އެކު އެ ޓީމުން ކުރިއަށް ދިއުމަށް އަމާޒިހިފާފައި ވަނިކޮށް ކުރިމަތިލާން ޖެހުނީ ޓީމުގެ ފޯވާޑް، އަލީ މިމްރާހު، 25، ކުއްލި މަރާ އެެވެ. އެއީ އުނގޫފާރު ޓީމަށް ޝޮކެކެވެ.

އުނގޫފާރު ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުން އަންނަ މިމްރާހު، ކޮންމެ ދުވަހަކު ވެސް މަސައްކަތް ނިންމާލުމަށް ފަހު އުނގޫފާރު ޓީމުގެ ޕްރެކްޓިހަށް ދެވެނީ ބަރާބަރު ވަގުތަށެވެ. އޭނާ އިއްޔެ ރަށްޓެހިންނާ އެކު މަސް ހިފަން، ދިޔައީ ޕްރެކްޓިހަށް އާދެވޭނެ ކަމަށް އެ މީހުން ބުނުމުންނެވެ.

އެކަމަކު، ސްނޯކްލިން އާއި މަސް ހިފަން ދިއުމަށް ޝައުގުވެރިކަން ހުންނަ މިމްރާހު އިއްޔެ ގެނބިގެން މަރުވުމާ އެކު އެއީ ގިނަ ބަޔަކަށް އަދި ހާއްސަކޮށް އުނގޫފާރު ޓީމަށް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވި އެވެ.

"މިމްރާހު ސަކަރާތް ވެގެން ހޮސްޕިޓަލަށް ގެންދިޔަކަން އެނގުނު ހިސާބުން ޕްރެކްޓިސް ހުއްޓާލާފައި އެ ތަނަށް މުޅި ޓީމު ދިޔައީ، ދެން، މަރުވި ހަބަރު ލިބުމުން ޓީމަށް އެއީ ޝޮކެއް، އަބަދު އެއްކޮށް އުޅުނު އެކުވެރިއެއް، ގާތް މީހެއް، ދިއުމުން ގަބޫލުކުރަން ވެސް ދަތި، ހަގީގަތުގައި،" އުނގޫފާރު ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.

އެފްއޭއެމް ނޯތު ލީގުގައި އުނގޫފާރު ކުޅުނު މެޗެއްގެ ތެރެއިން ކޯޗު މޯހަން.-- ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)


އުނގޫފާރު ޓީމުން ފޯރީގައި އެފްއޭއެމް ނޯތު ލީގަށް ފަރިތަކުރުންތައް ފަށައިގެން މިހާތަނަށް މިވީ ފަސް މަހެއްހާ ދުވަހުގައި އެންމެންގެ މެދުގައި އޮތީ ވަރަށް ބަދަހި ގާތް ގުޅުމެކެވެ. އެކުގައި ކެއުންތަކަށް ގޮސް ސައިބޮއެ ހަދައި، އެކި ރަށްރަށަށް މެޗު ކުޅެން ގޮސް، ގުޅުން ބަދަހި މާހައުލެއްގައި އެންމެން އުޅުނީ ވަރަށް ފޯރީގަ އެވެ.

އެކަމަކު މުބާރާތް ފަށަން ޖެހުނީ 2-2 އިން ދުވާފަރާ އެއްވަރުވި މެޗުންނެވެ. އެކަމުން އަރައިގަނެ، އަލިފުށި 1-0 އިން ބަލިކޮށް އާދިއްތަ ދުވަހު އުނގޫފާރުން މުބާރާތުގައި ހޯދި ފުރަތަމަ މޮޅުގެ އުފަލުގައި 24 ގަޑިއިރު ވެސް ނުލިބުނެވެ. އެއީ ކުއްލިއަކަށް މި ފަދަ ގޮތަކަށް ޓީމުގެ މެމްބަރެއް ވަކި ވެގެން ދިއުމަކީ ކުރިމަތިލާން އެހާ ފަސޭހަ ކަމަކަށް ނުވާނެތީ އެވެ.

"ވަރަށް ގާތްކޮށް އެންމެން މި އުޅެނީ، މިހެން ދާއިރު ޓީމުގެ އެންމެ މެމްބަރަކު، މި ކުޅުންތެރިންގެ ގާތް އެކުވެރިއަކު އެެހެންވީމަ، ވަރަށް އުނދަގޫވާނެ. އެކަމަކު، މިއީ ދުނިޔޭގައި އުޅޭއިރު ހަމަ ކޮންމެ އިންސާނަކަށް ވެސް ކުރިމަތިވާނެ ކަމެއް،" މޯހަން ބުންޏެވެ.

އުނގޫފާރު ޓީމު މި ވަގުތު އޮތީ ތިން ޓީމު ވާދަކުރާ އެފްއޭއެމް ނޯތު ލީގު ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގެ އެއް ވަނައިގަ އެވެ. ގަދަ ދެ ޓީމު ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާއިރު، އުނގޫފާރަށް އަދި ބާކީ ދެ މެޗު އެބައޮތެވެ. އެއީ ބުރާސްފަތި ދުވަހު ދުވާފަރާ ކުޅޭ މެޗާއި ހޮނިހިރު ދުވަހު އަލިފުށްޓާ ކުޅޭ މެޗެވެ. އެކަމަކު، މި ވަގުތު ޓީމު އޮތް ހާލަތުން ދެން ވާނެ ގޮތެއް ސީދާ ބުނަން ދަތިކަން މޯހަން ފާހަގަކުރި އެެވެ.

"ރަށެއްގައި މި ފަދަ ކަމެއް (ޒުވާނެއް މި ހެން ވަކިވެދިޔައީމަ) ދިމާވީމަ ވަރަށް އުނދަގޫވާނެ. މި ވަގުތަށް މި ދަނީ ކަންކަން ކުރިއަށް. އެކަމަކު، ޓީމު ފުރަތަމަ މޮޅަށް ފަހު، މި ކަހަލަ ކަމެއް ވީމަ، އަނެއްކާވެސް މި އޮތީ ވަރަށް ޗެލެންޖިން ހާލަތެއް،" މޯހަން ބުންޏެެވެ.

އެފްއޭއެމް ނޯތު ލީގުގެ ދެ ވަނަ ޑިވިޝަން ގްރޫޕް ޑީގައި ވާދަކުރާ ޓީމުތަކުންނާއި އެފްއޭއެމުން ވަނީ މިމްރާހުގެ އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.